ވެރިކަމަށް އައުމަށް ބޭނުންވި ހުރިހާ ބާރެއް ވެސް ރައްޔިތުން ދީފި ކަމަށާއި، އިންސާފު ލިބުން ލަސްވުމަކީ ބަލައިގަނެވޭނެކަމެއް ނޫންކަމަށް ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު ވިދާޅުވެއްޖެއެވެ.
ވީނުވީއެއް ނޭނގި ނޫސްވެރިޔާ އަހުމަދު ރިޟުވާން ގެއްލުނުތާ ހަ އަހަރުވެފައި ވާއިރު، މިއަދާއި ހަމައަށް ވެސް އާއިލާއަށް އެއްވެސް އިންސާފެއް ނުލިބެއެވެ. އަދި މައްސަލައިގައި ލިބުނު މާ ބޮޑު ކުރިއެރުންތަކެއް ވެސް ނެތެވެ.
ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް، އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވަނީ ޓްވީޓެއް ކުރައްވާ ރިޟުވާން ގެއްލުނުތާ ހަ އަހަރު ވެގެންދިޔައިރު އިންސާފެއް ހޯދައިދެވިފައި ނުވާތީ ހިތަށް ވަރަށް އަސަރު ކުރާ ކަމަށް ވިދާޅުވެފައެވެ. އެހެން ނަމަވެސް ދުލެއް ނުދޭނެ ކަމަށާއި، ރިޟުވާންގެ ހަނދާންތަކާއި އޭނާގެ އެ އެކުވެރިން އަބަދުވެސް އެކީވާނެކަމަށް އީވާގެ ޓްވީޓުގައި ވިދާޅުވިއެވެ.
އީވާގެ މި ޓްވީޓަށް އެތައް ބަޔަކު ވަނީ ފާޑުކިޔާ ރައްދު ދީފައެވެ. އެގޮތުން ވެރިކަމާއި، ރައްޔިތުންގެ މަޖިލީސް އަދި މައްސަލަތައް ބަލަން އުފެއްދި ކޮމިޝަނަށް ބޮޑެތި ބާރުތަކެއް ދިންއިރު ވެސް އިންސާފު ހޯދައިދިނުން ލަސްވާން ވީ ސަބަބެއް ނެތްކަން ގިނަ ބަޔަކު ވަނީ ފާހަގަކޮށްފައެވެ. އަދި ދެ އަހަރު ވެގެން އައިރު ރިޟުވާންއަށް އިންސާފު ހޯދައިދޭން ކުރި އެއްވެސް ކަމެއް ނެތްކަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ.
https://twitter.com/evattey/status/1291940555811778561
މީގެ އިތުރުން މި ސަރުކާރުން ވެރިކަމަށް އައީ ވެސް ރިޟްވާނާއި، ޔާމީން ރަޝީދުގެ ނަން ބޭނުންކޮށް، އިންސާފު ހޯދައިދޭނެކަމަށް ބުނި ނަމަވެސް، މިއަދު ފެނިގެން ދަނީ ދެ އަނގައިން ވާހަކަ ދައްކާ މަންޒަރުކަމަށް އީވާއަށް ރައްދުދީ ގިނަ ބަޔަކު ޓްވީޓުކޮށްފައިވެއެވެ.
އީވާގެ ޓްވީޓަށް ރައްދު ދީ ދިޔާނާ ވިދާޅުވީ އެ ވިދާޅުވާ ބަސަތަކަކުން އަދި ނުފުދޭނެ ކަމަށެވެ. ބޭނުންވި ހުރިހާ ބާރެއް ރައްޔިތުން ވަނީ ދީފައި ކަމަށާއި، އިންސާފު ލިބުން ލަސްވުމަކީ ބަލައިގަނެވޭނެކަމެއް ނޫންކަމަށް ދިޔާނާ ވިދާޅުވިއެވެ.
ދިޔާނާ ވިދާޅުވީ FindMoyaMeeha# އަކީ ހަމައެކަނި ހޭޝްޓެގްއެއް ނޫން ކަމަށެވެ. މިއީ ދައުލަތުގެ މައްޗަށް އޮތް އިލްތިޒާމެއް ކަމަށާއި، އިންސާފު ކަށަވަރުކޮށްދޭންޖެހޭ ކަމަށް ދިޔާނާ ވިދާޅުވިއެވެ.
https://twitter.com/dhiyanasaid/status/1291986235523600384
ރިލްވާންގެ މައްސަލައަށް އިންސާފު ހޯދައިދިނުން އެއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ވެސް އެންމެ މުހިއްމު އެއް ވައުދެވެ. އެހެން ނަމަވެސް އެމަނިކުފާނުގެ ވެރިކަމަށް ދެ އަހަރު ވާން ގާތް ވީއިރު ވެސް ރިލްވާނާއި ޔާމީން ރަޝީދަށް އިންސާފު ހޯދައި ދިނުމަށް ކުރެވުނު މާބޮޑު މަސައްކަތެއް ފެންނާކަށް ނެތެވެ.
އާއިލާގެ ފަރާތުން މިއަދާއި ހަމައަށް ވެސް މުވައްސަސާތަކާއި ބައްދަލުކޮށް، އިންސާފަށް އެދި ދަނީ އާދޭސް ކުރަމުންނެވެ. މިއަދު އާއިލާގެ ފަރާތުން ރާއްޖޭގެ މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ މި ސަރުކާރު ވެރިކަމަށް އައީ ޔާމީނާއި، ރިޟްވާންގެ ނަން ބޭނުންކޮށްގެން ކަމަށެވެ. އަދި މިދިޔަ ސަރުކާރުން މައްސަލައިގައި އެއްވެސް އެހީތެރިކަމެއް އަދި އާއިލާގެ އަޑެއް ނޭހިއިރު ރައީސް ސޯލިހް އާއިލާއަށް އާ އުންމީދެއް ގެނެސްދިން ކަމަށެވެ. މި ސަރުކާރަށް ވޯޓުދިނީ ދަރިފުޅަށް އިންސާފު ބޭނުންވާތީ ކަމަށާއި އެހެން ނަމެވެސް ”އެ ކުންދިންގެ ނަން ބޭނުންކޮށް ވެރިކަމަށް އައިސް“ ލިބުނު އިންސާފެއް ނެތް ކަމަށެވެ.

