އެ ދުވަސް ފާއިތުވެއްޖެއެވެ. ނަމަވެސް އެ ހަނދާންތައް ފާއިތުވާނީ ކިހިނެއްތޯއެވެ.އަހަރުތައް ފާއިތުވަނީއެވެ. އިންސާފު ކޮބައިތޯއެވެ. މިއަދަކީ އަނެއްކާވެސް އިންސާފުގެ ވާހަކަ ދައްކައިލަން މުނާސަބު ދުވަހެކެވެ. ހަމައެކަނި މިއަދެއް ވެސް ނޫން އިނގޭތޯއެވެ. ކޮންމެދުވަހަކީ ވެސް އިންސާފުގެ ވާހަކަ ދައްކަންޖެހޭ ދުވަހެކެވެ. މި ގޮތުން މިއަދު ޚާއްސަވަނީ ވަރަށް މުހިންމު ސަބަބަކާ ހުރެއެވެ. އިންސާފެއް ނުލިބި 06 އަހަރުވީމާ މި ވާހަކަ ދަންނަވައިނުލައި ފަރުޖެހެންނެތީއެވެ.
ކުރީގެ ބަންޑާރަ ނައިބު ފާޠިމަތު ދިޔާނާ ސަޢީދު ވިދާޅުވި ފަދައިން ’ފައިންޑް މޮޔަމީހާ'(findMoyameehaa#) އަކީ ހޭޝްޓެގެއްނޫނެވެ. އަދި ކީއްތަ! އެއީ ދަޢުލަތުގެ އިލްތިޒާމެކެވެ. އާދޭހެވެ. ދަންނަވައިލަން މި އުޅެނީ މީގެ 06 އަހަރުކުރިން ގެއްލުވާލި މިނިވަން ނޫސްވެރިޔާ އަޙްމަދު ރިޟުވާން ޢަބްދުﷲ ގެ ވާހަކައެވެ. ނަމަވެސް ޤާނޫނުއަސާސީއަށް 12 އަހަރު ފުރުނުއިރު ލިބުނު އިންސާފެއް އެބައޮތްތޯއެވެ.
ޢުމުރުން 28 އަހަރުގެ ރިޟުވާން ވީނުވީތަނެއް ނޭނގި ގެއްލިގެން ފުލުހުންނަށް މައްސަލަ ހުށަހެޅުނީ 2014 އޮގަސްޓް 13 ވަނަ ދުވަހުގައެވެ. ފުލުހުން އޭރު ބުނި ގޮތުގައި އެ މައްސަލަ ތަޙުޤީޤު ކުރުމަށްޓަކައި ސްޕެޝަލިސްޓް ކްރައިމް ކޮމާންޑްގެ ޚާއްސަ ތަޙުޤީޤު ޓީމެއް އެކުލަވާލިއެވެ. އަދި އިންޓެލިޖެންސް ޑިޕާރޓްމަންޓާއި ފޮރެންސިކް ޑިޕާރޓްމަންޓްގެ ގިނަ ޢަދަދެއްގެ ފުލުހުން ޢަމަލީގޮތުން މަސައްކަތް ވެސް ކުރިއެވެ. މި ގޮތުން ފުލުހުން އޭރު ހާމަކުރިގޮތުގައި
ރިޟުވާން ހޯދުމަށް ކުރެވެމުންދިޔަ މަސައްކަތުގައި އެންމެ ފަހުން އޭނާ މާލެއިން ފެނުނު ސަރަހައްދު ތަކުގެ ސީސީޓީވީ ފުޓޭޖް ނަގައި ވަނީ ދިރާސާކޮށްފައެވެ.
އޭގެ އިތުރުން ހުޅުމާލޭ ފެރީޓާމިނަލްއަށް ރިޟުވާން ދިޔަކަމަށް ބެލެވޭ ހުރިހާ މަގެއްގައި ލިބެންހުރި ހުރިހާ ސީސީޓީވީ ކެމެރާތަކުގެ ފުޓޭޖް ނަގައި ދިރާސާކުރުމުގެ މަސައްކަތް ވެސް ކޮށްފައިވެއެވެ. މި ދިރާސާގައި 48 ތަނަކުން 101 ކެމެރާއިން 719 ގަޑިއިރުގެ ވީޑިއޯ ފުޓޭޖް ނަގައި އެ ފުޓޭޖުތައް ދިރާސާ ކުރުމުގެ މަސައްކަތްކުރިކަމަށާއި އެ ގޮތުން ބެލި ބެލުމުން ސީސީޓީވީ ފުޓޭޖަށް ރިޟުވާނު އެންމެމެފަހުން ފެނިފައިވަނީ ހުޅުމާލޭ ފެރީ ޓާރމިނަލްއިންކަމަށް ފުލުހުން ހާމަކުރިއެވެ. އެއީ 2014 އޮގަސްޓް 08 ވަނަދުވަހުގެ 00:55 ކަމަށް ފުލުހުން ބުނެފައިވެއެވެ.
ރިޟުވާނު ގެއްލުމާއެކު އޭނާގެ ޢާއިލާގެ އިތުރުން ރަޙުމަތްތެރިން ތުހުމަތުކުރީ ބަޔަކުއައިސް ރިޟުވާން ވަގަށް ނެގީ ކަމަށެވެ. ނަމަވެސް އޭރުގެ ސަރުކާރުން އެކަމަށް އަހައްމިއްޔަތުކަމެއް ނުދެއެވެ. މި ކަމުގެ ހެއްކަކީ ރިޟުވާނު ގެއްލުނު މައްސަލައާއި ގުޅިގެން ރައީސް ޔާމީނާއިއަބްދުލްޤައްޔޫމާއި ކުރެވުނު ސުވާލަކަށް އެ މަނިކުފާނު ދެއްވަވާފައިވާ ޖަވާބެވެ. މ ގޮތުން ޔާމިނު ވިދާޅުވީ ’ނޫސްވެރިޔަކު ގެއްލިފައިވާނަމަ ދެން އަޅުގަނޑަށް ހީވަނީ ނޫސްވެރިޔަކު ހޯދުމުގެ މަސައްކަތް ކުރެވިގެންދާނެ ހެން“ ކަމަށެވެ.
ރިޟްވާނު ގެއްލުނު މައްސަލައަށް އަހަރުތައް ފާއިތުވެ ދެން ވެރިކަމަށް ވަޑައިގެންނެވި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގެ ފުރަތަމަ ދުވަހު އުފެއްދި ރިޔާސީ ކޮމިޝަނުން ވަނީ ރިޟުވާން ވަގަށް ނެގުމަށްފަހު ކަނޑުމަތީގައި މަރާލާފައިވާ ކަން ތަޙުޤީޤަށް އެނގިފައިވާކަން ހާމަކޮށްފައެވެ. މި ގޮތުން ރިޟުވާން މަރާލާފައިވާ ކަން ކޮމިޝަންގެ ތަހުޤީޤަށް އެނގިފައިވާކަމަށް އެ ކޮމިޝަންގެ ރައީސް ހުސްނުއްސުޢޫދުވަނީ ވިދާޅުވެފައެވެ.
ހުސްނުއްސުޢޫދު އޭރު ހާމަކުރިގޮތުގައި ތަޙުޤީޤަށް ހެކިބަސް ދިން އެކެއްގެ ހެކިބަހުން ރިޟްވާން ވަގަށް ނެގުމަށްފަހު ކުޑަ ޑިންގީއަކަށް އަރުވައިގެން ގޮސް ކަނޑުގައި އޮތް އެހެން އުޅަނދަކަށް އަރުވައި މަރާލާފައިވާ ކަން ވަރަށް ސާފެވެ.
އަދި ރިޟުވާން މަރާލީ ހަރުކަށި ފިކުރަށް ނިސްބަތްވާ ޖަމާޢަތަކުން ކަމަށާއި ނަމަވެސް ރިޟުވާން މަރާލީ ކޮން ގޮތަކަށް ކަން އަދި ސީދާ ތަޙުޤީޤަށް އެނގިފައިނުވާ ކަމަށް ހުސްނުއްސުޢޫދު ވިދާޅުވިއެވެ.
މީގެ އިތުރުން ސުޢޫދު ވިދާޅުވިގޮތުގައި ރިޟުވާން މަރާލީ އޭނާގެ ގެއަށް ވަންނަން އުޅެނިކޮށް ގަދަކަމުން ކާރަކަށް އަރުވައިގެން ގޮސް ކަމަށާއި ކާރުގެ ކުރީގައި ދެމީހަކު ތިބި ކަމަށާއި އޭގެތެރެއިން އެކަކަކީ ކާރުގެ ވެރިފަރާތް ކަމަށްވާ އާލިފް ރައޫފްކަމަށް ވެސް ސުޢޫދު ވިދާޅުވިއެވެ. މި ގޮތުން ކާރަށް އަރުވައިގެން ގެންގޮސް ޑިންގީއަކަށް އަރުވައި މަރާލީކަމަށް ވެސް ސުޢޫދު ވިދާޅުވިއެވެ.
މީގެ އިތުރުން ކޮމިޝަންގެ ރިޕޯޓުގެ ޚުލާސާގައި ވާގޮތުން ރިޟުވާން ކިޑްނެޕްކޮށްގެން ގެންދިޔައީ އއ.އުކުޅަހަށް ނިސްބަތްވާ ދޯންޏަކަށެވެ. އެ ދޯންޏަކީ ޖިހާދީ ޖަމާޢަތަކުން އާމްދަނީ ހޯދުމަށް ބަޓު ނެގުމަށް ބޭނުންކުރި ދޯންޏެއްކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.
ދުވަސްތައް ފާއިތުވެ މި މައްސަލާގައި ހެކިބަސް ދިނުމަށް ބައެއް ފަރާތްތަކުން އިންކާރުކޮށްފައިވާކަމަށް މަރުކޮމިޝަނުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް ފޮނުވާފައިވާ ސިޓީގައި ވަނީ ބަޔާންކޮށްފައެވެ.
މިއަދު 06 އަހަރު ފުރުނީއެވެ. އަދިވެސް އިންސާފެއް ނުލިބެއެވެ. އަބަދުވެސް ދައްކަނީ ތަޙުޤީޤުކުރާ ވާހަކައެވެ. ހެކި ނުލިބޭ ވާހަކައެވެ. އިންސާފު ލިބުން ނެތީތޯއެވެ.

