ބޮޑު ފިނޮޅުގައި ހިނގި ހަމަނުޖެހުމުގައި ހައްޔަރު ކުރި ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށުގައި ބައިތިއްބާފައި ތިބީ އިދާރީ ބަންދެއްގައި ކަމަށާއި، އެ މީހުންގެ ބަންދުން ދޫކުރުމުގެ އަމުރެއް ނެރެދެވެން ނެތްކަމަށް ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.
ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ ބ. ބޮޑު ފިނޮޅު ހަމަނުޖެހުމުން 19 ބިދޭސީއެއް ވަނީ ހައްޔަރުކޮށްފައެވެ. ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި އެ ކޯޓުން މިއަދު ނިންމާފައިވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށުގައި ބިދޭސީން ތިބީ އިދާރީ ބަންދެއްގައިކަމުން އެ މީހުން ދޫކުރުމަށް އަމުރު ނެރެދެވެން ނެތް ކަމަށެވެ.
ފުލުހުންގެ ބަންދުގައި 30 ދުވަސްވަންދެން ބިދޭސީން ބޭތިއްބުމަށްފަހު އެ މީހުން އިމިގްރޭޝަނާއި ހަވާލުކޮށްފައިވަނީ ޑީޕޯޓުކުރުމަށެވެ. މިވަގުތު ހުރިހާ ބިދޭސީންވެސް ތިބީ ހުޅުމާލޭގައި ހުންނަ ޑިޓެންޝަން ސެންޓަރުގައެވެ.
ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށުގައި ތިބީ ގާނޫނާއި ހިލާފާކަމަށް ބުނެ ކޯޓަށް މައްސަލަ ހުށަހަޅާފައިވަނީ 19 ބިދޭސީންގެ ވަކީލުންގެ ފަރާތުންނެވެ. އަދި އެ މައްސަލައިގައި އެދިފައިވައިވަނީ ހެއިބިއަސް އަމުރަކަށެވެ. މައްސަލައިގައި ކްރިމިނަލް ކޯޓުން ނިންމާފައިވަނީ އެ މީހުން އެތަނުގައި ތިބީ ކުށެއްގެ ބަންދެއްގައި ނޫން ކަމަށާއި، އެއީ އިމިގްރޭޝަންގެ ގާނޫނާއި ހިލާފުވެއިވާތީ ކުރި އަމުރެއް ކަމަށެވެ. އެއީ ގާނޫނާއި ހިލާފު ބަންދަކަށް ނުވާތީ އެ މީހުން ބަންދުން ދޫކޮށްލުމުގެ އަމުރެއް ނެރެދެވެން ނެތްކަމަށް ކްރިމިނަލް ކޯޓުން ނެރުނު ހުކުމުގައި ވަނީ ބުނެފައެވެ.
ކްރިމިނަލް ކޯޓުން ބުނެފައިވަނީ އެ ބިދޭސީންނަކީ ޒިންމާވާނެ ބައެއް ނެތް ބަޔަކަށްވާއިރު އެއްވެސް ވިސާއެއް އަދި ލިޔެކިއުމެއް ނެތް ބިދޭސީން ކަމަށެވެ. އަދި އެފަދަ ބިދޭސީން ދޫނުކުރެވޭނެކަމަށް ހައިކޯޓުން މީގެ ކުރިން ކަނޑައަޅާފައިވާ ކަމަށެވެ. ކްރިމިނަލް ކޯޓުން ބުނެފައިވަނީ، 19 ބިދޭސީންނަށް ޒިންމާވާނެ ފަރާތެއް ނެތް ކަމަށެވެ.
މިއީ ކްރިމިނަލް ކޯޓުގެ އިހުތިސޯސްގެ ތެރޭގައި ވެސް ހިމެނޭ މައްސަލައެއް ނޫން ކަމަށާއި، ބިދޭސީން ބަންދު ކުރުމަށް ނިންމި ނިންމުމަކީ އިމިގްރޭޝަންގެ އިދާރީ ނިންމުމަކަށްވާއިރު، ދައުލަތުގެ އިދާރާއެއްގެ ނިންމުންތައް ބެލުމުގެ ބާރު ކޯޓުތަކުގެ ގާނޫނު އޮތްގޮތުން ކްރިމިނަލް ކޯޓަށް ލިބިގެންނުވާކަމަށް އެ ނިންމުމުގައި ވެއެވެ.
މައްސަލައިއިން ތަދައްހުލްވެ ރިޒް ކުންފުނީގެ ގާނޫނީ ޓީމުން ކްރިމިނަލް ކޯޓަށް އެޑްރެސްކޮށް ފޮނުވި ސިޓީގައި ބުނެފައިވަނީ ދެ ފަރާތުގެ ދެމެދުގައި އުފެދުނު ދެބަސްވުންތަކާއި ގުޅިގެން ރަށުގައި ކާބޯތަކެތި ފޯރުކޮށްދިނުމާއި އަދި ކަރަންޓާއި ފެނުގެ ހިދުމަތް ދިނުމަށް ސީލް މޯލްޑިވްސްއިން ހުރަސްއަޅަމުން ގެންދިޔަ ކަމަށެވެ. އަދި ޖުލައި 31 ގައި ސީލް މޯލްޑިވްސްއިން ދުރާލައި އަންގާފައިވާ ގޮތަށް ރަށުގެ ފެނާއި ކަރަންޓުގެ ހިދުމަތް އެކީ ކަނޑާލުމުގެ ސަބަބުން ރަށުގައި ތިބި ބިދޭސީން ހާލުގައި ޖެހުނު ކަމަށެވެ.
ރަށުގައި ދަތިތަކާއި ކުރިމަތިލާން ޖެހުނު ބިދޭސީން މިވަގުތު ތިބީ ހުޅުމާލޭގައި ހުންނަ ރޯޑް ޑެވެލޮޕްމެންޓް ކޯޕަރޭޝަންގެ ފެސިލިޓީއެއްގައި ކަމަށާއި، އެ ފެސިލިޓީއަށް ބިދޭސީން ބަދަލުކޮށްފައިވަނީ ކުންފުންޏާއި އިކޮނޮމިކް މިނިސްޓްރީގެ މަޝްވަރާތަކަށްފަހު އެމްއާރުޑީސީއާއި އެކު ވެވުނު އެއްބަސްވުމެއްގެ ދަށުންކަން ރިޒް ކުންފުނީގެ ވަކީލުން ވަނީ ފާހަގަކޮށްފައެވެ. އަދި ބިދޭސީން ފެސިލިޓީގައި ތިބީ ވެސް ރިޒް ކުންފުނީގެ ހަރަދުގައި ކަމަށް ސިޓީގައި ވަނީ ބުނެފައެވެ.
މީގެ އިތުރުން ގާނޫނީ ޓީމުން ބުނެފައިވަނީ ރަށުގައި ހިނގައި ދިޔަ ހަމަނުޖެހުންތަކަށް ފަހު ހައްޔަރުކޮށްފައި ވަނީ 19 ބިދޭސީއެއް ކަމަށެވެ. އަދި އެ މީހުން ބަންދުގައި ބޭތިއްބުމަށް ފަހު މިހާރު ދޫކޮށްލާފައިވާއިރު، އެ މީހުން ހުޅުމާލޭގެ ފެސިލީޓީއަށް ބަދަލުކޮށްދިނުމަށް އެދި އިދާރާތަކާއި ވާހަކަ ދައްކާ މަޝްވަރާ ކުރެވުނު ކަމަށެވެ. ލޯކްރާފްޓްއިން ބުނެފައިވަނީ މައްސަލައިގައި އިމިގްރޭޝަނަށް ވެސް ސިޓީއެއް ހުށަހަޅާފައިވާނެ ކަމަށާއި، ބިދޭސީން ދޫކޮށްލިކަން ކުންފުންޏަށް އަންގާފައި ވެސް ނުވާ ކަމަށެވެ. އަދި އެ ބިދޭސީންތައް އިމިގްރޭޝަންގެ ބެލުމުގެ ދަށުގައި ތިބެންޖެހުމަކީ ގަބޫލު ކުރާކަމެއް ނޫންކަމަށް ރިޒްގެ ވަކީލުން ވަނީ ބުނެފައެވެ.

