މާސްކު ނާޅާ އުޅުނު 62 މީހުންނާއި ކާފިއު ގަޑީގައި ބޭރުގައި އުޅުނު 79 މީހުން ޖޫރިމަނާކޮށްފިއެވެ.
ހެލްތު އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ.ނަޒްލާ ވިދާޅުވީ ހުކުރުދުވަހު ހަވީރު 18:00 އިން ފެށިގެން ހޮނިހިރުދުވަހު 17:00 އާއި ހަމައަށް މާސްކު ނާޅާ އުޅުނު 100 މީހުންނަށް ފުލުހުން ނަސޭހަތްތެރިވެފައިވާ ކަމަށެވެ. އަދި މާސްކުނާޅާ އުޅުނު އިތުރު 62 މީހަކު ޖޫރިމަނާކޮށްފައިވާކަމަށް ވެސް ޑރ.ނަޒްލާ ވިދާޅުވިއެވެ. މީގެ އިތުުރުން ކާފިއުގަޑީގައި ބޭރުގައި އުޅުނު 157 މީހަކަށް ފުލުހުން ނަސޭހަތްތެރިވިކަމަށާއި އަދި އެ ވަގުތުގައި ބޭރުގައި އުޅުނު 79 މީހުން ޖޫރިމަނާކޮށްފައިވާކަމަށް ވެސް ޑރ.ނަޒްލާ ވަނީ ވިދާޅުވެފައެވެ. ޑރ.ނަޒްލާ ވިދާޅުވި ގޮތުގައި ފުލުހުން މިހާރު ވެސް އަންނަނީ ފިޔަވަޅު އަޅަމުންނެވެ.
ކޮވިޑް ފެތުރެމުންދާ މިންވަރު އިތުރުވަމުންދާތީ މާލެއާއި، ވިލިމާލެއާއި، ހުޅުމާލޭގެ ޢާންމު ތަންތަނުގައި މާސްކުއެޅުން މަޖުބޫރުކޮށްފައިވަނީ މި މަހުގެ 10 ވަނަ ދުވަހުގައެވެ. މި ގޮތުން އެ އެންގުމާއި ޚިލާފުވެއްޖެނަމަ 1،000 ރުފިޔާއިން ޖޫރިމަނާކުރަން ވަނީ ނިންމާފައެވެ. އެހެންނަމަވެސް މާސްކުއެޅުން މަޖުބޫރުކޮށްފައިވިޔަސް 02 އަހަރުން ދަށުގެ ތުއެްތުކުދިންނާއި، ކަސްރަތުކުރާ ވަގުތުތަކުގައްޔާއި އިތުރު މީހެއްގެ އެހީއާއިނުލައި މާސްކުއަޅާ ނަގާ ނުހެދޭ މީހުން އިސްތިސްނާވާނެކަމަށް އެޗްއީއޯސީން ބުނެއެވެ.
މީގެ އިތުރުން ކޮވިޑް ފެތުރެމުންދާތީ މާލެ ސަރަހައްދުގައި ކާފިއު ހިންގަނީ 22:00 އިން ފެށިގެން ފަތިހު 05:00 އާއި ހަމައަށެވެ. މި ގޮތުން ރޭގަނޑު 21:30 އިން ފެށިގެން ފިހާރަތަކާއި ކެފޭ ރެސްޓޯރަންޓް ފަދަ ތަންތަން ބަންދުކުރަން އެޗްޕީއޭއިން ވަނީ އަންގާފައެވެ. މީގެ އިތުރުން ކާފިއުގަޑީގައި ބޭރުގައި އުޅެވޭނީ އެޗްއީއޯސީގެ ވެހިކަލްތަކާއި އެމްބިއުލާންސްތަކަށް އެކަނިކަމަށް ފުލުހުންވަނީ ބުނެފައެވެ. ނަމަވެސް ވަޒީފާއަދާކުރާ ފަރާތަކުން އެއިން ވަގުތެއްގައި ބޭރަށް ނިކުންނަން ޖެހިއްޖެނަމަ ތަނުގެ މުވައްޒަފެއްކަން އަންގައިދޭ ކާޑު އޮންނަން ޖެހެއެވެ.

