އާސަންދައިގެ ދަށުން އިންޑިއާ އަށް ބޭސްފަރުވާ އަށް ދިޔަ 08 ދިވެއްސެއް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ހާމަކޮށްފިއެވެ.
ސަރުކާރުން އަންނަނީ އިންޑިއާގެ ސަރުކާރާއި އެކު ވެފައިވާ މަޝްވަރާތަކާއި އެއްގޮތަށް، ރާއްޖޭން ބޭރުން ކޮންމެހެން ފަރުވާ ހޯދަންޖެހޭ މީހުންނަށް އެ ގައުމުން ފަރުވާ ހޯދޭނެ އިންތިޒާމުތައް ހަމަޖައްސަމުންނެވެ. ފުރުމުގެ ކުރިން ވެސް ކޮވިޑަށް ޓެސްޓު ކުރާއިރު، ބަލި މީހުންނާއި އެ މީހުންގެ އެހީތެރިން ދާ ހޮސްޕިޓަލެއްގައި 14 ދުވަސް ކަރަންޓީނުވާން ޖެހެއެވެ. އަދި އެ މުއްދަތުގައި ވެސް އެ މީހެއްގެ ފަރުވާގެ ކަންކަން ކުރިޔަށް ގެންދާނެ ކަމަށް އާސަންދަ ކުންފުނިން ބުނެފައިވެއެވެ.
މީގެ އިތުރުން ބޭސްފަރުވާއަށް ފަހު، ގައުމަށް އެނބުރި އައުމުގެ ކުރިން ވެސް ބައްޔަށް ޓެސްޓު ކުރާނެއެވެ. އެޗްއީއޯސީން މިރޭ ކުރިޔަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތުތައް ހިއްސާކުރައްވަމުން އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، އިންޑިއާއަށް ފަރުވާއަށް ދިޔަ މީހުންގެ ތެރެއިން މިހާތަނަށް 08 މީހަކަށް ކޮވިޑު ޖެހިގެން ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން ދެ މީހަކަށް ބަލި ޖެހިފައިވާކަން އެނގުނީ ހޮނިހިރު ދުވަހުގެ ވަގުތެއްގައި ކަމަށެވެ. ޕޮޒިޓިވްވީ އަމްރިތާ ހޮސްޕިޓަލަށް ދިޔަ ހަތަރު މީހަކާއި ކިމްސް ހޮސްޕިޓަލަށް ދިޔަ ހަތަރު މީހެއް ކަމަށް ވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ.
އާސަންދައިގެ ދަށުން މިހާތަނަށް 285 މީހެއް ވަނީ ބޭސްފަރުވާއަށް އިންޑިއާއަށް ފުރާފައެވެ. އިންޑިއާށް ދިޔަ މީހުންގެ ތެރޭގައި ހިމެނެނީ ބޮޑެތި ބަލިތަކަށް ފަރުވާ ކުރަމުން އަންނަ މީހުންނާއި، ރާއްޖެއިން ފަރުވާ ލިބެން ނެތް ބަލިތަކުގެ މީހުންނެވެ.

