ގެއްލުވާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަޙްމަދު ރިޟްވާން ޢަބްދުﷲ ގެ މައްސަލައިގައި ކުރެވެންހުރި ހުރިހައިކަމެއް ވޭތުވެދިޔަތަނުގައި ކުރައްވާފައިވާކަމަށް އޭރުގެ ހޯމް މިނިސްޓަރު ޢުމަރު ނަޞީރު ވިދާޅުވެއްޖެއެވެ.
މިނިވަންނޫހުގެ ނޫސްވެރިޔާ ރިޟުވާން ވީނުވީތަނެއް ނޭނގި ގެއްލިގެން ފުލުހުންނަށް މައްސަލަ ހުށަހެޅުނީ 2014 ވަނަ އަހަރުގެ އޮގަސްޓްމަހުގެ 13 ވަނަ ދުވަހުގައެވެ. އެ ދުވަހުން ފެށިގެން ފުލުހުންވަނީ ރިޟުވާން ހޯދުމުގެ މަސައްކަތް ފަށާފައެވެ. ނަމަވެސް މައްސަލައަށް 06 އަހަރުވީއިރު ވެސް މާބޮޑު ކުރިއެރުމެއް ނުލިބެއެވެ. ނަމަވެސް ރައީސް ޞާލިޙް ވެރިކަމަށް ވަޑައިގަތުމަށްފަހު އެކުލަވައިލެއްވި ކޮމިޝަންގެ ރިޕޯޓުގައި ވާގޮތުން ރިޟުވާން ކިޑްނެޕްކޮށްގެން ގެންގޮސް ކަރުބުރިކޮށްލުމަށްފަހު ކަނޑުފެއްތީއެވެ.
މި ގޮތުން ރިޟްވާނުގެ މައްސަލައަށް ހޮނިހިރުދުވަހު 06 އަހަރުވުމާއި ގުޅިގެން ރައީސް ޞާލިޙް ކުރެއްވި ޓްވީޓުގައި ވަނީ ރިޟްވާންގެ މައްސަލައަށް އިންސާފު ހޯއްދަވައިދެއްވަން ކުރަމުންދާ މަސައްކަތް ހުއްޓާނުލާނެކަމަށް ވިދާޅުވެފައެވެ. އަދި މައްސަލަ ތަޙުޤީޤުކުރުމުގައި އެހީތެރިކަން ހޯދުމަށް އިތުބާރުކުރެވޭ ބޭރުގެ އިންވެސްޓިގޭޓަރެއް ގެނައުމުގެ މަސައްކަތްކުރައްވަމުން ގެންދަވާކަމަށް ވެސް ރައީސް ޞާލިޙް ވަނީ ވިދާޅުވެފައެވެ.
ރައީސް ޞާލޙް ކުރެއްވި ޓްވީޓާއި ގުޅިގެން ޢުމަރުގެ ފޭސްބުކް ޕޭޖްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރިޟްވާންގެ މައްސަލައިގައި ކުރެވެންހުރި ހުރިހާ ކަމެއްވާނީ އޭރުވެސް ކޮށްފައިވާނެކަމަށެވެ. ނަމަވެސް ދޮގާއި އޮޅުވާލުން ސިޔާސީ ހަތިޔާރަކަށް ހެދުމުން އިތުބާރު ގެއްލުން ނޫން ކަމެއްނުވިކަމަށް ވެސް ޢުމަރު ވަނީ ވިދާޅުވެފައެވެ.
ރިޟްވާނުގެ މައްސަލައަށް ހައަހަރުވެފައިވާއިރު މަރުކޮމިޝަނުން ވެސް ހޮނިހިރުދުވަހު ވަނީ ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ބުނީ ރިޟްވާންގެ މައްސަލައިގެ ތަޙުޤީޤު ކުރިއަށްގެންދިއުމަށް ކުރާ މަސައްކަތް މަޑުޖެހުމެއްނެތި އެއް ޢަޒުމެއްގައި ކުރިއަށްގެންދާނެކަމަށެވެ.

