ރ. އުނގޫފާރު މަގުތައް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތްތަކުގެ ތެރެއިން ހޮޅިވަޅުލުމުގެ މަސައްކަތް ކުރިއަށްދާކަމަށް އެމްޓީސީސީން ބުނެފިއެވެ.
މީޑިއާތަކަށް މަޢުލޫމާތު ދެއްވަމުން އެމްޓީސީސީން މިއަދު ބުނީ އުނގޫފާރު މަގުތައް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތްތަކުގެ ތެރެއިން ހޮޅިވަޅުލުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށެވެ.
މީގެ އިތުރުން އުނގޫފާރުގެ 13 މަގެއްގެ ދުއްވޭ ސަރަހައްދުގެ ގޮތުގައި 16،488 (ސޯޅަ ހާސް ހަތަރުސަތޭކަ އަށްޑިއަށެއް) ސްކުއެއާ މީޓަރު ގާއިމްކުރެވޭނެކަމަށް އެމްޓީސީސީން ބުނެއެވެ. ހަމައެއާއެކު މަގުތަކުގައި ފެން ހިންދާ ނިޒާމެއް ޤާއިމުކުރަން ހަމަޖެހިފައިވާ ކަމަށް ވެސް އެމްޓީސީސީން ހާމަކުރެއެވެ.
އޭގެ އިތުރުން މަގުތަކުގެ ސައިޑް ވޯކް ހެދުމަށާއި މަގު ބައްތި ހަރުކުރުމަށާއި މަގުގައި ރޯޑް ސައިންސް ލުން ހިމެނޭކަމަށް ވެސް އެމްޓީސީސީން ވަނީ ބުނެފައެވެ.
އުނގޫފާރުގެ ބޮޑެތި މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް އެމްޓީސީސީން ފަށާފައިވަނީ ހުސްވި އަހަރުގެ ޖޫންމަހުގެ 12 ވަނަ ދުވަހުގައެވެ.
އެމްޓީސީސީން އަންދާޒާކުރާގޮތުގައި މި މަޝްރޫއުއަށް 28.66 މިލިއަން ރުފިޔާ ޚަރަދުވާނެއެވެ.

