ރާއްޖޭގައި ކޮވިޑުގެ ހާލަތު ގޯސްވެފައިވަނިކޮށް، އާއްމުންގެ ހިޔާލު ހޯދުމުގެ ނަމުގައި ފޯރަމެއް ބާއްވަނީ ބަލިމަޑުކަމުން އަރައިގަންނާނެ އެއްވެސް ގޮތެއް ފެންނަން ނެތުމުންކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބުނެފިއެވެ.
ރާއްޖޭގައި ކޮވިޑަށް ކުރި ހަރަދުތައް ބިލިއަނަކަށް ވުރެ މައްޗަށް އަރައެވެ. ފެސިލިޓީތައް ހެދުމާއި އަދި އެ ނޫންވެސް ބޭނުންވާ މެޑިކަލް ސާމާނުތަކަށް ބޮޑެތި ހަރަދުތަކެއް ކުރިއިރު ރާއްޖެއަށް ބޭރު ދުނިޔޭގެ އެހީތަކެއް ލިބިފައިވެއެވެ. އޭގެ ތެރޭގައި ފައިސާގެ އެހީތަކާއި، އިކުއިޕްމެންޓުތައް ފޯރުކޮށްދިނުމާއި، ޕީޕީއީސްތަކާއި، މާސްކުތައް ފޯރުކޮށްދިނުން ހިމެނެއެވެ.
މާލޭގައި ކޮވިޑުގެ ކޭސްތައް ގިނަވެ ގިނަ އަދަދެއްގެ މީހުން ކަރަންޓީނު ނުކޮށްތިބިއިރު، މިހާރު ފެންނަމުން ދާ ކުދި ކުދި ކަލަސްޓާތައް ވަނީ އިތުރުވެފައެވެ. އަދި އެއްވެސް ކޭސްއަކާއި ގުޅުމެއް ނެތި ބައްޔަށް ޕޮޒިޓިވްވާ މީހުން އިތުރުވެފައިވާއިރު މުޅި މާލެތެރެއަށް ބަލީގެ މޫތައް ވަނީ ފެތުރިފައެވެ.
މީގެ އިތުރުން ބައްޔާއި ދެކޮޅަށް ކުރި ހަރަދުތައް ބިލިއަނަކަށްވުރެ މައްޗަށް އަރާއިރު ރައްޔިތުންގެ މަޖިލީހަށް ވެސް ސިއްހީ ދާއިރާގެ މާހިރުން ހާޒިރު ކުރުމުން ޑޮކްޓަރުން ވެސް ވަނީ ސިއްހީ ނިޒާމު އޮތް ހާލަތާއި މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. އޭގެ ފަހުން މަޖިލީހުގެ ކޮމިޓީއިން މިހާރު ވަނީ ބަލީގައި މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކާއި ކުރިއަށް ރާވާފައިވާ ކަންކަމާ މެދު އާއްމުންގެ ހިޔާލު ހޯދުމަށް ހުޅުވާލާފައެވެ.
ކޮމިޓީގައި ކޮވިޑާއި ދެކޮޅަށް ހެލްތް މިނިސްޓްރީން އަޅާފައިވާ ފިޔަވަޅުތަކާއި، މިހާރު ކަންކަން ކުރިޔަށް ދާ ގޮތް އަދި ކުރިޔަށް އޮޔް ދުވަސްތަކުގައި ކުރިޔަށް ގެންދިއުމަށް ހަމެޖެހިފައިވާ މަސައްކަތްތަކުގެ އެކްޝަން ޕްލޭން ދިރާސާ ކުރާނެއެވެ.
ރައްޔިތުންގެ މަޖިލީހުން މި މައްސަލަ ބެލުމަށް ނިންމާފައިވާތީ އެކަމަށް ފާޑުކިޔުން އަމާޒުކޮށް އިދިކޮޅުން ބުނެފައިވަނީ މަޖިލީހުން މި ފުރުސަތު ހުޅުވާލިއިރު ކޮވިޑުގެ ކަންކަން ބޮއްސުންލައި ރައްޔިތުން ހަނާވެފައިވާ ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ ކޮވިޑުގެ ހާލަތު ގޯސްވީ، ސަރުކާރުގެ އެއްވެސް ހަރުދާނާކަމެއް ނެތުމުން ކަމަށެވެ.
އާދަމް ޝަރީފް ވިދާޅުވީ ބައްޔާއި ދެކޮޅަށް މަސައްކަތް ކުރުމުގެ ގާބިލްކަމެއް ސަރުކާރުގެ ނެތް ކަމަށާއި، ސަރުކާރު ބޮޑުތަނުން ފެއިލްވެއްޖެކަމަށެވެ.
މީގެ އިތުރުން ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މާވަށު ދާއިރާގެ މެމްބަރު އަހުމަދު ސައީދު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ ކޮވިޑަށް އެތައް ހޭދައެއް ކުރިއިރު އެ ހޭދަތައް ފެންނާކަށް ނެތް ކަމަށެވެ. އަދި އޭގެއިން ރައްޔިތުންނަށް ކުރި ފައިދާއެއް ވެސް ނެތް ކަމަށެވެ.
ސައީދު ވިދާޅުވީ ގައުމުތަކުން ރާއްޖެއަށް ދިން އެހީތަކުގެ އަގު ވެސް ބިލިއަނަކަށް އަރާނެކަމަށެވެ. އޭގެ އިތުރުން ހަތަރު ބިލިއަން ޗާޕްކޮށްފައިވާއިރު މިއަދު ކޮންމެހެން ރައްޔިތުންގެ ހިޔާލެއް ހޯދުމުގެ ބޭނުމެއް ނެތް ކަމަށެވެ.
ޕީއެންސީގެ ނައިބް ރައީސް އިބްރާހިމް ޝުޖާއު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ މި ސަރުކާރަށް ކުރެވޭހާ ވެސް ކަމަކީ ރައްޔިތުންނަށް އޮޅުވާލުން ކަމަށެވެ. އަދި އެމްޑީޕީގެ އަސްލު ސޫރައަކީ ކޮބައިކަން ވެސް ރައްޔިތުންނަށް އަނެއްކާވެސް އެނގިއްޖެކަމަށެވެ.
ރާއްޖޭގައި ކޮވިޑުގެ ހާލަތު ބޮޑުތަނުން އިތުރުވާއިރު، ރާއްޖޭގެ ރަށްތަކުން ވަނީ ކޭސްތައް ފެންނަން ފަށާފައެވެ. ހޯމް ކަރަންޓީނަށް ދާ ގިނަ ބަޔަކު ކޮވިޑަށް ޕޮޒިޓިވްވަމުންދާއިރު، ރަށްތަކައް ދަތުރުކުރުމުގެ އުސޫލަށް މިހާރު ވަނީ ބަދަލުތަކެއް ގެނެސްފައެވެ.

