އަންނަ ބުރާސްފަތި ދުވަހާއި ހަމައަށް ޤައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހަމަވާނެކަމަށް ރައީސް އޮފީހުން ހާމަކޮށްފިއެވެ.
މި އަހަރުގެ ޤައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލީ ޖުލައި މަހުގެ 12 ވަނަދުވަހުގައެވެ. ރައީސް އޮފީހުން ހާމަކުރިގޮތުގައި މި އަހަރުގެ ޤައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00 އާއި ހަމަވާނެއެވެ.
ޤައުމީ އިނާމު މިއަހަރުވެސް ދެއްވުމަށް ހަމަޖެހިފައިވަނީ މައިގަނޑު 33 ދާއިރާއަކުންކަމަށް ރައީސް އޮފީހުން ބުނެއެވެ. މި ގޮތުން ޤައުމީ އިނާމު ދެއްވުމަށް ހަމަޖެހިފައިވާ ދާއިރާތަކަކީ..
1. ކީރިތި ޤުރްއާން ކިޔެވުމާއި، އުނގަންނައިދިނުމާއި، ކީރިތި ޤުރްއާނުގެ ޢިލްމުގެ ދާއިރާ
2. އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުމާއި، ދީނަށް ޚިދުމަތްކުރުމާއި، ދީނީ ޢިލްމު އުނގަންނައިދިނުމުގެ ދާއިރާ
3. ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާ
4. ދިވެހި ތާރީޚުގެ ދާއިރާ
5. ދިވެހި ސަގާފަތާއި އާދަކާދައިގެ ދާއިރާ
6. ޤައުމީ ތަރިކައިގެ ދާއިރާ
7. ތަޢުލީމީ ދާއިރާ
8. ސިއްހީ ދާއިރާ
9. ޤާނޫނީ ދާއިރާ
10.އިޖުތިމާޢީ ރައްކައު ތެރިކަމާއި، އިންސާނީ ޙައްޤުތައް ދިރުވައި ކުރިއެރުވުމުގެ ދާއިރާ
11.ދަޢުލަތުގެ ގަވަރނަންސް ހަރުދަނަކުރުމުގެ ދާއިރާ
12.ތިމާވެށްޓާއި ހަކަތައިގެ ދާއިރާ
13.މަސްވެރިކަމުގެ ދާއިރާ
14.ފަތުރުވެރިކަމުގެ ދާއިރާ
15.ދަނޑުވެރިކަމުގެ ދާއިރާ
16.އާދަޔާއި ޚިލާފު ހިތްވަރުގަދަކަމުގެ ރޮނގު(ބްރޭވަރީ)
17.އިޖުތިމާޢީ ޚިދުމަތުގެ ދާއިރާ
18.ވިޔަފާރިއާއި އިޤުތިސާދުގެ ދާއިރާ
19.ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ދާއިރާ
20.ބޯޓް ބިލްޑިންގްގެ ދާއިރަ
21.މަސައްކަތްތެރިކަމުގެ ދާއިރާ
22.ޑައިވިންގގެ ދާއިރާ
23.ހެއަރ އެންޑް ބިއުޓީގެ ދާއިރާ
24.ޢިމާރާތްކުރުމާއި، ޢިމާރާތް ފަރުމާކުރުމުގެ ދާއިރާ
25.ދަތުރުފަތުރުގެ ދާއިރާ
26.މުވާޞަލާތާއި އިންފޮމޭޝަން ޓެކޮނޮލޮޖީގެ ދާއިރާ
27.ޚަބަރާއި މަޢުލޫމާތު ފެތުރުމުގެ ދާއިރާ
28.ކުޅިވަރުގެ ދާއިރާ
29.ވިޜުއަލް އާޓްސްގެ ދާއިރާ
30.ޕަރފޯމިންގ އާޓްސްގެ ދާއިރާ
31.އެޕްލައިޑް އާޓްސްގެ ދާއިރާ
32.އަންހެނުންގެ ދާއިރާ
33.ޒުވާނުންގެ ދާއިރާ މިއެވެ.
ރައީސް އޮފީހން ހާމަކުރިގޮތުގައި މި ދާއިރާތަކާއި ދާއިރާތަކުގެ ރޮނގުތަކާ ގުޅޭގޮތުން މިނިސްޓްރީތަކާއި އެހެނިހެން މުއައްސަސާތަކުގެ ލަފާ ހޯދައި ގެންނަންޖެހޭ ބަދަލުތައް ޤައުމީ އިނާމާބެހޭ ކޮމިޓީން މިހާރު ވަނީ ގެނެސްފައެވެ.
ވޭތުވެދިޔަ އަހަރުތަކެކޭ އެއްފަދައިން މި އަހަރު ވެސް ޤައުމީ އިނާމަށް އެދޭ އަމިއްލަ ފަރާތްތަކުންނާއި، ޤައުމީ އިނާމަށް އެހެން ފަރާތެއްގެ ނަން ހުށަހަޅަން ބޭނުންވާ ފަރާތްތަކަށާއި ކުންފުންޏާއި ޖަމުޢިއްޔާ އަދި ޖަމާޢަތް ފަދަ ތަންތަނުން ސަރުކާރުގެ އިދާރާއެއް މެދުވެރިނުކޮށް ނަން ހުށަހެޅޭގޮތަށް ވަނީ ހަމަޖައްސާފައެވެ. މީގެ އިތުރުން ސަރުކާރުގެ އިދާރާތަކަށާއި މިނިވަން މުއައްސަސާތަކަށް ވެސް ޤައުމީ އިނާމަށް ނަން ހުށަހެޅޭނެކަމަށް ރައީސް އޮފީހުން ބުނެއެވެ.
ޤައުމީ އިނާމަށް ނަން ހުށަހެޅުމަށްޓަކައި ފޯމުފުރުމަށްފަހު ފޮނުއްވަންޖެހެނީ، ޤައުމީ އިނާމާބެހޭ ކޮމިޓީއަށް އެޑްރެސް ކުރައްވައި ރައީސް އޮފީހަށެވެ.

