ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

”މިނިސްޓްރީއަށް މަޖިލީހުގެ މަސައްކަތްތަކަށް ބަޔާނެއް ނުނެރެވޭނެ!“

ހެލްތް މިނިސްޓަރު އަބްދުﷲ އަމީނާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭ ގޮތުން ހެލްތު މިނިސްޓްރީން ބަޔާންތައް ނުނެރުމަށާއި އެ އިންތިޒާމުގެ ތެރެއަށްވަދެ، އެއްވެސް އިދާރާއަކަށް ބަސް ނުބުނެވޭނެ ކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ސިއްހީ ނިޒާމު ދަނީ ދުވަހުން ދުވަހަށް ދަށަށް ކަމަށާއި، އަދި ކޮވިޑާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މާހިރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ހެލްތް މިނިސްޓްރީގެ ބައެއް މަގާމުތައް އަދިވެސް ހަމަޖައްސާފައިނުވާއިރު، ސިއްހީ ދާއިރާފަދަ ޓެކްނިކަލް ދާއިރާއެއްގެ ހިންގުންތެރިކަން ވަރަށް ބޮޑަށް ދަށްވެފައިވާކަމަށް މަޖިލީހުގެ ކޮމިޓީގައި ވާހަކަ ދެއްކެވި ބޭފުޅުން ވަނީ ވިދާޅުވެފައެވެ.

ހެލްތް މިނިސްޓްރީން، ސިއްހީ ކަންކަމާއި ބެހޭ ޕްލޭންތަކެއް ހެދިނަމަވެސް އެއަށް އަމަލު ނުކުރެވޭ މައްސަލަ ވެސް ބައެއް ބޭފުޅުން ފާހަގަކުރިއެވެ. އަދި ކަންކަމާ އެއްވެސް މަޝްވަރާއެއް އަދި ވިސްނުމެއް ނެތި ބޮޑެތި ނިންމުންތަކެއް ނިންމާކަމަށް ވެސް ކޮމިޓީގައި ވާހަކަ ދެއްކެވި ބޭފުޅުން ވިދާޅުވިއެވެ.

ކޮމިޓީގައި ސިއްހީ ދާއިރާއަށް އެތައް ދުވަހެއް ވަންދެން ހިދުމަތް ކުރައްވާފައިވާ ބޭފުޅުން ދެއްކެވި ވާހަކައަށް ރައްދު ދީ، ހެލްތް މިނިސްޓްރީއިން އާދީއްތަ ދުވަހުގެ ރޭ ބަޔާނެއް ނެރުނެވެ. ސިއްހީ މާހިރުންގެ ލަފަޔާއި ނުލާ، ސިއްހީ ކަންކަން ނޭނގޭ މީހުން ނިންމުންތައް ނިންމާފައިވަކަމަށް ވެސް ކޮމިޓީއަށް ވަޑައިގެންނެވި ބޭފުޅުން ވިދާޅުވެފައިވާއިރު އެއަށް ރައްދު ދީ، ހެލްތް މިނިސްޓްރީން އާއްމު ކުރި ބަޔާނުގައި ބުނެފައިވަނީ ސިއްހީ ހިދުމަތްތަކަށް ބޭނުންވާ ގައިޑްލައިންތައް ހަދަނީ ބައިނަލްއަގުވާމީ މިންގަނޑުތަކަށް ބިނާކޮށް ހޯދާ އާ ހޯދުންތަކާ އަދާހަމަކޮށްގެން ކަމަށާއި ފަންނީ މާހިރުންނާއި ތަޖުރިބާކާރުންގެ ލަފާގެ ވެސް މަތިން ކަމަށެވެ. އަދި ހިދުމަތްތައް ދެނީ ކަނޑައަޅާފައިވާ މިންގަނޑުތަކާއި އުސޫލުތަކާ އެއްގޮތަށްތޯ ކަށަވަރުކުރާ ކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ.

ހެލްތް މިނިސްޓްރީގެ ބަޔާނުގައި ވަނީ، ސިއްހީ މާހިރުން ދެއްކެވި ވާހަކަތައް ދޮގުކޮށްފައެވެ. އަދި އޭގައި އެއްވެސް ހަގީގަތެއް ނެތް ކަމަށް ބުނެފައިވެއެވެ.

އީދު ބަންދަށް ފަހު، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ފަށާފައިވާއިރު ރައީސް ނަޝީދު ވަނީ ހެލްތްގެ އެ ބަޔާނަށް ފާޑުވިދާޅުވެފައެވެ. އެ ބަޔާނުން މަޖިލީސް ހިންގަން ވީ ގޮތް ބުނެދޭން އުޅޭހެން ހީވާކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. ރައީސް ނަޝީދު ވަނީ އެއްވެސް އިދާރާއަކަށް މަޖިލީހުގެ މަސައްކަތްތަކަށް ބަސް ނުބުނެވޭނެކަމަށް ވިދާޅުވެފައެވެ.

ރައީސް ނަޝީދު ވިދާޅުވީ، ހެލްތް މިނިސްޓްރީއަށް ރާއްޖޭގެ ގާނޫނީ ނިޒާމާއި މަޖިލީހުން ކުރާ މަސައްކަތްތައް ގަޑުބަޑު ނުކުރުމަށް ގޮވާލާ ކަމަށެވެ.

”އަޅުގަނޑު އެ މިނިސްޓްރީއަށާއި އެ މިނިސްޓްރީގެ މުވައްޒަފުންނަށާއި މިނިސްޓަރަށް ވަރަށް އިހުލާސްތެރިކަމާ އެކު ދަންނަވަން ދިވެހިރާއްޖޭގެ ގާނޫނީ ނިޒާމު ގަނޑުބަނޑު ނުކޮށްލުމަށާއި މަޖިލީހުން ކުރާ ކަންކަމަށް އެ ބާވަތުގެ ނޫސް ބަޔާން ނެރުއްވާއި ބެހި ވަޑައިނުގަތުމަށް،“ ރައީސް ނަޝީދު

ހެލްތް މިނިސްޓްރީއަށް މަޖިލީހުގެ މަސައްކަތްތަކަށް ބަސް ނުބުނެވޭނެކަމަށް ރައީސް ނަޝީދު ވިދާޅުވި ނަމަވެސް، އެ ބަޔާނުގައި މަޖިލީހުގެ އެއްވެސް މަސައްކަތަކަށް ރައްދެއް ދީ، ފާޑު ކިޔާފައިނުވެއެވެ. އެ ބަޔާނުގައި ވަނީ ސިއްހީ ދާއިރާ ކުރިއެރުވުމަށް ކުރާ މަސައްކަތްތަކާއި، އަދި މަޖިލީހުގެ ކޮމިޓީގައި ޑޮކްޓަރުން ދައްކަވާފައިވާ ވާހަކަތަކުގެ ރައްދެވެ.

ކޮވިޑާއި ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކަށް ވަރަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުވާއިރު، ސިއްހީ ދާއިރާގެ މާހިރުންގެ ވެސް އެންމެ ބޮޑު ކަންބޮޑުވުމަކީ ސިއްހީ ދާއިރާއާއި އެއްވެސް ގުޅުމެއް ނެތް ބަޔަކު ބޮޑެތި ނިންމުންތައް ނިންމުމެވެ.

ރައީސް ނަޝީދާއި އެމްޑީޕީގެ ބައެއް މެމްބަރުން ސިއްހީ ދާއިރާގެ ކަންކަމަށް ގެންދަވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. އެގޮތުން ކޮވިޑް-19އިން ރާއްޖެ އަރައިގަތުމަށް ހެލްތު މިނިސްޓްރީން އަޅާފައިވާ ބައެއް ފިޔަވަޅުތަކާ މެދު ވެސް ގެންދަވަނީ ހިތްހަމަނުޖެހުން ފާޅުކުރައްވަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: