ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑް-19 އަށް އިތުރު 143 މީހުން ޕޮޒިޓިވްވެއްޖެ

ކުރީގެ ހެލްތް މިނިސްޓަރު އަބްދުﷲ އަމީން/ ފޮޓޯ: ހެލްތް މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 އަށް އިތުރު  143 މީހުން ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި މިހާރު ކުރިއަަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ.ނަޒްލާ ރަފީޤް ވަނީ ކޮވިޑް-19 އަށް އިތުރު 143 މީހުން ޕޮޒިޓިވްވެފައިވާކަން ކަށަވަރުކޮށްދެއްވާފައެވެ. ޑރ.ނަޒްލާ ހާމަކުރެއްވި ގޮތުގައި ކޮވިޑް-19 އަށް އަލަށް ޕޮޒިޓިވްވި 143 މީހުންނަކީ އަންގާރަ ދުވަހުގެ 18:00 އިން ބުދަދުވަހުގެ 18:00 އާއި ދެމެދު ޕޮޒިޓިވްވެފައިވާ މީހުންނެވެ.

މި ގޮތުން އެންމެ ފަހުން ޕޮޒިޓިވްވެފައިވާ މީހުންގެތެރޭގައި 87 ދިވެހިން ހިމެނޭކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ. އޭގެ އިތުރުން ޕޮޒިޓިވްވެފައިވަނީ ބަންގްލަދޭޝްގެ 40 މީހުންގެ އިތުރުން އިންޑިއާގެ 10 މީހުންނާއި ނޭޕާލުގެ 03 މީހުންނާއި ލަންކާގެ 02 މީހުންނާއި މިޞްރު މީހެއްކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ. ޑރ.ނަޒްލާ ވިދާޅުވިގޮތުގައި މި މީހުންގެތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 140 މީހުންގެ އިތުރުން އެހެނިހެން ރަށްރަށުން ޕޮޒިޓިވްވި 03 މީހެކެވެ.

މީގެ އިތުރުން ޑރ.ނަޒްލާ ވަނީ ބަލިޖެހުނު މީހުންގެތެރެއިން އިތުރު 35 މީހުންވަނީ ރަނގަޅުވެފައިވާކަމަށް ވިދާޅުވެފައެވެ. މި ގޮތުން މިހާރު ފަރުވާދެމުން އަންނަނީ 2461 މީހުންނަށްކަމަށާއި އޭގެތެރެއިން 150 މީހަކަށް ފަރުވާދެނީ ހޮސްޕިޓަލުގައިކަމަށް ވެސް ޑރ.ނަޒްލާ ވިދާޅުވިއެވެ.

މި 150 މީހުންގެތެރެއިން 10 މީހަކަށް ފަރުވާދެނީ އައިސީޔޫގައިކަމަށާއި އޭގެތެރެއިން 02 މީހަކަށް ފަރުވާދެނީ ވެންޓިލޭޓަރުގައި ކަމަށް ވެސް ޑރ.ނަޒްލާ ވިދާޅުވިއެވެ. ޑރ.ނަޒްލާ ހާމަކުރެއްވިގޮތުގައި އައިސީޔޫގައި ފަރުވާދެމުންދާ 5 މީހުންތިބީ ދަރުމަވަންތަ ހޮސްޕިޓަލުގައެވެ. ދެން ތިބި 05 މީހުންނަށް ފަރުވާދެނީ ހުޅުމާލޭ ކޮވިޑް-19 މެޑިކަލް ފެސިލިޓީގައެވެ.

މި ބަލީގެ ނުރައްކާ އިތުރުވެފައިވާއިރު ބަލިޖެހުނު މީހުންގެ ޖުމްލަ ޢަދަދު މިހާރު ވަނީ 5366 އަށް އިތުރުވެފައެވެ. މިހާތަނަށް ރަނގަޅުވީ ޖުމްލަ 2884 މީހެކެވެ. އަދި މިހާތަނަށް 21 މީހަކު ވަނީ ނިޔާވެފައެވެ.

މި ބަލީގެ ނުރައްކާތެރިކަން އިތުރުވެ ރާއްޖޭގެ އެކި ރަށްރަށުން ޕޮޒިޓިވް ކޭސްތައް ދަނީ ފެންމަތިވަމުންނެވެ. މި ގޮތުން މިހާރުވެސް ޕޮޒިޓިވްވެފައިވާ މީހުން ތިބި ރަށްތަކުގެތެރޭގައި ހއ.ކެލާ އާއި ހއ.ފިއްލަދޫއާއި ހދ.ނައިވާދުއާއި ބ.ކުޑަރިކިލާއި ޅ.ހިންނަވަރު ހިމެނެއެވެ. އޭގެ އިތުރުން ކ.މާފުށްޓާއި ވ.ފުލިދުއާއި ފުވައްމުލަކު ސިޓީއާއި ހއ.އިހަވަންދުއާއި ހއ.ފިއްލަދޫއާއި ބ.ކަމަދުއާއި ރ.ހުޅުދުއްފާރާއި އައްޑޫ ސިޓީ ހިތަދޫ ހިމެނެއެވެ.

ބަލީގެ ނުރައްކާ އިތުރުވެފައިވާ މި ދަނޑިވަޅުގައި އެޗްޕީއޭއިން ވަނީ ގިނަ ފިޔަވަޅުތަކެއް ވެސް އަޅާފައެވެ. މި ގޮތުން މާލެއާއި، ވިލިމާލެއާއި، ހުޅުމާލޭގެ ޢާންމު ސަރަހައްދުތަކުގައި މާސްކުއެޅުން މަޖުބޫރުކޮށްފައިވަނީ މި މަހުގެ 10 ވަނަ ދުވަހުގައެވެ. މި އެންގުމާއި ޚިލާފުވެއްޖެނަމަ 1،000 ރުފިޔާއިން ޖޫރިމަނާކުރަން ވެސް ވަނީ ނިންމާފައެވެ. ނަމަވެސް 02 އަހަރުން ދަށުގެ ތުއެްތުކުދިންނާއި، ކަސްރަތުކުރާ ވަގުތުތަކުގައްޔާއި އިތުރު މީހެއްގެ އެހީއާއިނުލައި މާސްކުއަޅާ ނަގާ ނުހެދޭ މީހުން އެއިން އިސްތިސްނާވާނެކަމަށް އެޗްއީއޯސީން ވަނީ ބުނެފައެވެ. ޑރ.ނަޒްލާ ވިދާޅުވި ގޮތުގައި މާސްކުއެޅުން މަޖުބޫރުކުރި ފަހުން މިހާތަނަށް އެ އެންގުމާއި ޚިލާފުވި 475 މީހަކު ވަނީ ޖޫރިމަނާކޮށްފައެވެ.

ކޮވިޑް ފެތުރެމުންދާތީ ދެން އަޅާފައިވާ އެއް ފިޔަވަޅަކީ މާލެ ސަރަހައްދުގައި ކާފިއު ހިންގުމެވެ. ކާފިއު ހިންގަނީ ރޭގަނޑު 22:00 އިން ފެށިގެން ފަތިހު 05:00 އާއި ދެމެދުގައެވެ. މި ގޮތުން ކާފިއު ވަގުތަށް ތައްޔާރުވުމުގެ ގޮތުން ރޭގަނޑު 21:30 އިން ފެށިގެން ފިހާރަތަކާއި ކެފޭ ރެސްޓޯރަންޓް ފަދަ ތަންތަން ބަންދުކުރަން ވަނީ އަންގާފައެވެ. އަދި ކާފިއު ވަގުތުގައި ބޭރުގައި އުޅެވޭނީ އެޗްއީއޯސީގެ ވެހިކަލްތަކާއި އެމްބިއުލާންސްތަކަށް އެކަންޏެވެ. އެހެންނަމަވެސް ވަޒީފާއަދާކުރާ ފަރާތަކުން ކާފިއު ވަގުތުގައި މަގުމައްޗަށް ނިކުންނަން ޖެހިއްޖެނަމަ އެ ތަނެއްގެ މުވައްޒަފެއްކަން އަންގައިދޭ ކާޑު އޮންނަން ޖެހެއެވެ. ޑރ.ނަޒްލާ ވިދާޅުވި ގޮތުގައި ކާފިއުގަޑީގައި މަގުމަތީގައި އުޅުނު 311 މީހަކު ވަނީ ޖޫރިމަނާކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: