ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީނުގެ ވަކީލުންނާއި ބައްދަލުކުރެވޭނެ ގޮތް ހެނދުމަށް އަމުރުކޮށްފި!

ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ މައްޗަށް އުފުލާފައިވާ ދެ ދައުވާއެއްގެ އިބްތިދާއީ އަޑުއެހުމުގައި، އެމަނިކުފާނުގެ ވަކީލުންނާއި ބައްދަލު ކުރެވޭނެ ގޮތް ހަދައިދިނުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މައްޗަށް ކުރިމިނަލް ކޯޓުން އަމުރު ކޮށްފިއެވެ.

އާދިއްތަ ދުވަހު ކްރިމިނަލް ކޯޓުގައި އޮތީ ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ފަހުން އުފުލާފައި ވަނީ އެމްއެމްޕީއާރްސީ މެދުވެރިކޮށް ރ. ފުށްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅޭ މަނީ ލޯންޑަރިންގެ ދައުވާއަކާއި ރިޝްވަތު ގަބޫލު ކުރެއްވުމުގެ ދައުވާގެ އިބްތިދާޢީ އަޑު އެހުމެވެ.

ޝަރީއަތުގެ މަޖިލީހުގައި ދައުވާ އިއްވުމަށް ފުރުސަތު ދިނުމުން ދައުލަތުން އެދުނީ މައްސަލައާ ގުޅޭ ލިޔުންތައް ރައީސް ޔާމީނަށް ލިބިވަޑައިގެންފައިވާ ކަން ކޯޓުން ކަށަވަރުކޮށް ދިނުމަށެވެ.  އަދި ފަހުން އިތުރު ލިޔުންތަކެއް ވެސް ރައީސް ޔާމީނާ ހަވާލު ކުރަން ފޮނުވާފައި ވާނެ ކަމަށް ދައުލަތުން ބުންޏެވެ.

އިބްތިދާޢީ އަޑު އެހުމުގައި ރައީސް ޔާމީން ވިދާޅުވީ ދައުވާ އާއި ގުޅޭ އެއްވެސް ލިޔެކިޔުމެއް މިހާތަނަށް އައި އިރު އެމަނިކުފާނަށް ލިބިވަޑައިގެންފައި ނުވާ ކަމަށެވެ. އަދި ފަހުން އުފުލުނު ދައުވާތަކާއި ގުޅޭގޮތުން ވަކީލުންނާއި މަޝްވަރާ ކުރުމެއްނެތި އެއްޗެއް ވިދާޅުވާން ދަތިފުޅު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ލިޔެކިޔުންތައް ވަކީލުންނާއި ހަވާލު ކުރެވިފައިވިޔަސް އެމަނިކުފާނާއި ވަކީލުން ބައްދަލު ނުވާތާ ދޮޅުމަސް ވެފައިވާ ކަމަށެވެ. އެހެންވެ އެއްވެސް ލިޔެ ކިޔުމެއް ފެނިވަޑައި ނުގަންނަވާ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

ދައުލަތުގެ ވަކީލުން ވިދާޅުވީ ޖޫން މަހުގެ 28 އިން އޮގަސްޓް 15 ވަނަ ދުވަހާއި ދެމެދު ރައީސް ޔާމީންގެ ވަކީލުން، އެމަނިކުފާނާއި ބައްދަލު ކުރައްވަން އެދިވަޑައިގެންފައި ވަނީ އެންމެ ފަހަރަކު ކަމަށް ކަރެކްޝަނުން އަންގާފައިވާ ކަމަށެވެ.

ކޮވިޑް-19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން ފުރިހަމަ ކުރަންޖެހޭ ލިޔެކިޔުންތައް ފުރިހަމަ ކުރެއްވުމަށް ފަހު ކަރެކްޝަނަށް ހުށަހެޅުމުން ވަކީލުންނަށް ރައީސް ޔާމީނާއި ބައްދަލުކުރެވޭނެ އިންތިޒާމްތައް ހަމަޖެހިގެންދާނެ ކަމަށްވެސް ދައުލަތުން ބުންޏެވެ.

އާދިއްތަ ދުވަހު އަޑު އެހުމުގައި ރައީސް ޔާމީންގެ ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ އަލަށް އުފުލި ދައުވާތަކާއި އަދި ރައީސް ޔާމީންގެ ފަރާތުން ހައިކޯޓަށް ހުށަހަޅުއްވާފައިވާ އިސްތިއުނާފުގެ މައްސަލައިގައި ވެސް މިހާތަނަށް ވަކީލުންނާއި ބައްދަލުވެފައި ނުވާ ކަމަށެވެ. 

މީގެ އިތުރުން ދައުލަތުން އިތުރު ލިޔުންތަކެއް ހުށަހަޅާފައިވާތީ އެ ލިޔުންތައް ލިބިގެން ނޫނީ ނޫނީ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ޑރ. ޖަމީލް ވިދާޅުވިއެވެ. އަދި ވަކީލުންނަށް ރައީސް ޔާމީނާ ބައްދަލު ނުކުރެވެނީސް، އަޑުއެހުން ކުރިއަށް ގެންދަން ދެކޮޅު ހައްދަވާ ކަމަށް ވެސް ޑރ. ޖަމީލް ވިދާޅުވި އެވެ.

ދެ ފަރާތުގެ ވާހަކަތަކަށް ފަހު މައްސަލަ ބައްލަވާ ގާޒީ އަހުމަދު ޝަކީލް ވަނީ ވަކީލުންގެ ބައްދަލުވުމަކަށް ފުރުސަތު ދިނުމަށް ކަރެކްޝަންގެ މައްޗަށް މިއަދު އަމުރެއް ނެރެދޭނެ ކަމަށް ވިދާޅުވެފައެވެ. އަދި މި މައްސަލައިގެ އިތުރު އަޑުއެހުމެއް، ރައީސް ޔާމީން އާއީ ބައްދަލު ކުރެއްވުމަށް ފުރުސަތު ދެއްވުމަށްފަހު 10 ދުވަސް ނުވަތަ 15 ދުވަސް ފަހުން އޮންނާނެ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: