ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މެޑްޓެކާ އެހެން ކުންފުނިތައް ތަފާތުކުރި، އެސްޓީއޯ އަކަށް އެކަށީގެންވާ ވަގުތެއް ނުދޭ: އޮޑިޓް

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 އަށް ދިވެހިރާއްޖެ ތައްޔާރުވުމުގެ ގޮތުން ވެންޓިލޭޓަރު ގެނައުމުގެ މަސައްކަތް  ހަވާލުކުރި މެޑްޓެކާއި އެހެން ކުންފުނިތައް ތަފާތުކުރި ކަމަށް ހެލްތު މިނިސްޓްރީގެ އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފިއެވެ.

ކޮވިޑް-19 އާ ގުޅިގެން ހެލްތު މިނިސްޓްރީން ކޮށްފައިވާ ހަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން 50 ވެންޓިލޭޓަރު ފޯރުކޮށްދިނުމަށް ކޯޓޭޝަން ހުށަހެޅުމަށް އެދި މިނިސްޓްރީ އޮފް ހެލްތުން 18 މާރިޗް 2020 ގައި، އެކި ފަރާތްތަކުގައި އެދުމުގެ ދެ ދުވަސް ކުރިން 16 މާރިޗް 2020 ގައި މެޑްޓެކުން 50 ވެންޓިލޭޓަރު ފޯރުކޮށްދިނުމަށް ކޯޓޭޝަން ހޯދާފައިވެއެވެ.

މީގެ އިތުރުން ހެލްތު މިނިސްޓްރީން 30 ވެންޓިލޭޓަރަށް ކޯޓޭޝަން ފޮނުވަން އެދި މެޑްޓެކް ކުރި އީ-މެއިލްއާ ގުޅިގެންވެސް، 50 ވެންޓިލޭޓަރު ރިޒާވް ކުރެވިފައިވާކަމަށް މެޑްޓެކުން މިނިސްޓްރީއަށް އަންގާފައިވާކަންވެސް ފާހަގަކުރެވުމުން އެހެން ފަރާތްތަކަށް އަގުހުށަހެޅުމަށް ފޮނުވުމުގެ ކުރިންވެސް، 50 ވެންޓިލޭޓަރު ފޯރުދިނުމާގުޅޭގޮތުން މިނިސްޓްރީން، މެޑްޓެކާއި މުޢާމަލާތު ކުރެވިފައިވާކަމަށް ބެލެވެން އޮތް ރިޕޯޓުގައި ބުނެފައިވެއެވެ. އަދި މިކަމުގެ ސަބަބުން، ވަކި ފަރާތަކަށް ފަހިވާގޮތަށް މި ޕްރޮކިއުމަންޓްގެ މަސައްކަތްތަށް ގެންގޮސްފައިވާކަމަށް ބެލެވޭ ކަމަށްވެސް ރިޕޯޓުގައިވެއެވެ.

އޮޑިޓް ރިޕޯޓުގައިވާ ގޮތުން ވެންޓިލޭޓަރު ގަތުމަށް ކޯޓޭޝަން ހޯދުމަށް މާޗު މަހުގެ 18 ވަނަ ދުވަހު ހެލްތު މިނިސްޓްރީން އީމެއިލް ފޮނުވީ މެޑްޓެކް އާއި ނާޑު ޕްރައިވެޓް ލިމިޓެޑް އަދި އެސްޓީއޯއަށެވެ. އޭގެ ތެރެއިން މެޑްޓެކް އަދި ނާޑު ޕްރައިވެޓް ލިމިޓެޑަށް އީމެއިލް ފޮނުވާފައި ވަނީ އެ ދުވަހުގެ 14:00 ގައި ވިޔަސް އެސްޓީއޯއަށް އީމެއިލް ފޮނުވާފައިވަނީ އޭގެ ހަތަރު ގަޑިއިރަށްވުރެ ފަހުން، އެ ދުވަހުގެ 18:24 ގައި ކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން ހަމަ އެދުވަހުގެ 18:40 ގައި ފޯނުން ގުޅައި، ރޭގަނޑު 19:00 ގެ ކުރިން ކޯޓޭޝަން ފޮނުވަން އެންގިކަމާއި 20 މިނެޓަކީ އެކަމަށް އެކަށީގެންވާ ވަގުތުކޮޅަކަށް ނުވާތީ ކޯޓޭޝަނެއް ނުފޮނުވޭނެ ކަމަށް އެންގިކަން ރިޕޯޓުގައިވެއެވެ. އަދި އެ ރޭގެ 22:00 ގެ ކުރިން ކޯޓޭޝަން ފޮނުވުމަށް އެދުނުކަމަށް، އެސްޓީއޯ އިން މައުލޫމާތު ދީފައިވާ ކަމަށް ރިޕޯޓުގައިވެއެވެ.

މާޗު މަހުގެ 18 ވަނަ ދުވަހުގެ ރޭ 20:35 ގައި 50 ވެންޓިލޭޓަރު ގަތުމަށް ހަވާލުކުރާނެ ފަރާތެއް ހޮވުމަށް ބިޑް ކޮމިޓީގެ ބައްދަލުވުން ބާއްވާފައިވުމުން، އެސްޓީއޯ އަށް ކޯޓޭޝަން ހުށަހެޅުމަށް ލިބިފައިވަނީ މި މަސައްކަތަށް ކޯޓޭޝަން ހުށަހެޅި އެހެން ފަރާތްތަކަށްވުރެ ކުޑަ ވަގުތުކޮޅެއްކަންވެސް ވަނީ ފާހަގަކޮށްފައެވެ.

ކޯޓޭޝަން ހުށަހެޅި ތިން ކުންފުނީގެ ތެރެއިން އެސްޓީއޯ ނޫން ކުންފުނިތަކަށް ކޯޓޭޝަން ބަދަލުކުރުމުގެ ފުރުޞަތު ދިން އިރު އެސްޓީއޯއަށް އެފުރުޞަތު ދީފައިނުވާ ކަމަށް އޮޑިޓު ރިޕޯޓުގައި ބުނެފައިވެއެވެ. އެކަމަކު މެޑްޓެކްގެ ކޯޓޭޝަން ބަދަލުކޮށްފައިވާކަން ލިޔެކިޔުންތަކުން އެނގޭ ކަމުގައިވެސް އެރިޕޯޓުގައި ބުނެފައިވެއެވެ.

މިނިސްޓްރީން ވެންޓިލޭޓަރުތައް ބަހާލާފައި ވަނީ މެޑްޓެކަށް 30 ވެންޓިލޭޓަރު، ނާޑް ޕްރައިވެޓް ލިމިޓެޑަށް 10 ވެންޓިލޭޓަރު އަދި އެސްޓީއޯ އަށް 15 ވެންޓިލޭޓަރެވެ. އަދި މެޑްޓެކުން 30 ވެންޓިލޭޓަރު ގަތުމަށް އަގުހުށަހަޅަން އެދުނު ނަމަވެސް، އެ ފަރާތަށް، ބިޑް ކޮމެޓީން ހަވާލުކޮށްފައިވަނީ 50 ވެންޓިލޭޓަރު ހޯދުމަށެވެ. ނަމަވެސް ވެންޓިލޭޓަރު ހޯދަން އެދުނު އެ އުސޫލު ސާފެއް ނޫނުވާ ކަމަށް ރިޕޯޓުގައި ބަޔާންކޮށްފައިވެެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: