މަގާމުގެ މަސްއޫލިއްޔަތިތަކުން އެކަހެރިވެވަޑައިގެން ހުންނެވި ހެލްތު މިނިސްޓަރ އަބްދުﷲ އަމީން މަޖިލީހުގެ އިމްތިޔާޒްތަކަށް އަރައިގެންފައިވާކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ ބުދަ ދުވަހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މިނިސްޓަރ އަމީން މަޖިލީހަށް ދެއްވާފައިވާ މައުލޫމާތުތަކާއި އޮޑިޓް ރިޕޯޓު އަދި މާލިއްޔަތު ކޮމިޓީއަށް އޮޑިޓަރ ޖެނެރަލް ދެއްވާފައިވާ ބަޔާނަށް ބަލާއިރު މިނިސްޓަރ އަމީން މަޖިލީހުގެ އިމްތިޔާޒްތަކަށް އަރައިގެންފައިވާކަން ހާމަވާކަމަށެވެ.
އެގޮތުން މިއަހަރުގެ އޭޕްރިލް މަހުގެ 28 ވަނަ ދުވަހު މިނިސްޓަރ އަމީން މަޖިލީހަށް ފޮނުވި ސިޓީގައިވާ ގޮތުން ދުނިޔޭގެ ހާލަތު ހުރިގޮތުންނާއި ވެންޓިލޭޓަރު އުފައްދާ ގައުމުތަކުންވެސް އެތަކެއްޗަށް ބެނުންވާ މިންވަރު ވަރަށް ބޮޑަށް އިތުރުވެފައިވާކަމަށެވެ. އަދި ވެންޓިލޭޓަރުތައް ލިބުމަށް ދަތިވެފައިވާ ކަމަށާއި މިނިސްޓްރީން ދެ ކުންފުންޏަކާއި ހަވާލުކޮށްފައިވާ ވެންޓިލޭޓަރުތައް ސަޕްލައި ކުރުުމުގައި ލަސްވެދާނެކަމަށް ގަބޫލުކުރެވޭ ކަމަށެވެ.
އެހެންކަމުން އިތުރަށް ހޯދަން ޖެހޭ ވެންޓިލޭޓަރު ތަކުގެ ތެރެއިން 75 ވެންޓިލޭޓަރު ހޯދުމަށް ރާއްޖެ އަދި ޔޫއޭއީގެ ޑަބްލިއުއެޗްއޯ ކަންޓްރީ އޮފިސަރު މެދުވެރިކޮށް ދުބާއީ ކުންފުންޏެއް ކަމަށްވާ އެގްޒެކިއުޓާރޒް ޖެނެރަލް ޓްރޭޑިންގް ކުންފުނި މެދުވެރިކޮށް ސިންގްލް ސޯސް ޕްރޮކިޔުމެންޓެއްގެ ދަށުން އޭޕްރިލް 20 ވަނަ ދުވަހު ވަނީ ހަވާލުކުރެވިފައިކަމަށް މިނިސްޓަރ އަމީން ވިދާޅުވެފައިވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ވެންޓިލޭޓަރުތައް ގެނައުމުގެ މައްސަލާގައި މާލިއްޔަތު ކޮމިޓީއަށް އޮޑިޓް އޮފީސް ހާޒިރުކޮށްފައިވާއިރު، އަންނަ ހޯމަ ދުވަހު އެކޮމިޓީއިން ހެލްތް މިނިސްޓްރީ ހާޒިރުކުރުމަށް ވަނީ ނިންމާފައެވެ.އޮޑިޓް އޮފީހުން އާއްމުކޮށްފައިވާ ރިޕޯޓު ދައްކާގޮތުން، އެގްޒެކިއުޓާސް އާއި އެކު ހެލްތް މިނިސްޓްރީއިން ވެފައިވާ އެއްބަސްވުމުގެ ދަށުން ގެނަން ބުނި 75 ވެންޓިލޭޓަރެއްގެ ތެރެއިން 65 ވެންޓިލޭޓަރެއް އެއީ އައިސީޔޫ ވެންޓިލޭޓަރުތައް ކަމަށެވެ. އަދި އެ އައިސީޔޫ ވެންޓިލޭޓަރުތައް ފޯރުކޮށް ދިނުމަށް އެގްޒެކިއުޓާސް ކުންފުންޏާއި އެކު އެއްބަސްވެފައިވަނީ ވެންޓިލޭޓަރަކަށް -/150,501( ފަސްލައްކަ އެއް ހާސް އެއް ސަތޭކަ ފަންސާސް) ރުފިޔާ ކަމަށެވެ. ނަމަވެސް އެ އަގުތަކަކީ އައިސީޔޫ ވެންޓިލޭޓަރު ހޯދުމަށް ހެލްތް މިނިސްޓްރީއިން ދިވެހި ބައެއް ކުންފުނިތަކާއި އެކު އެއްބަސްވެފައިވާ އަގުތަކަށްވުރެ ބޮޑު އަގެއްކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.
އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ، މެޑްޓެކް ޕްރައިވެޓް ލިމިޓެޑާއި، ނާޑު ޕްރައިވެޓް ލިމިޓެޑްގެ އިތުރުން އެހެން ފަރާތެއްވެސް މި މުޢާމަލާތު ގައި ބައިވެރިވެރިވުން ހިމެނޭހެން ލިޔެކިއުންތައް ހުރި އިރު، އެ ފަރާތާއި އެގްޒެކިއުޓާސް އާ އޮތް ގުޅުން އެނގެން ނެތް ކަމަށެވެ. އެގޮތުން 75 ވެންޓިލޭޓަރު ގަތުމާއި ގުޅޭގޮތުން ކޮށްފައި ހުރި މުއާމަލާތްތަކުގައި، އެގްޒެކިއުޓާސް ނަމުގެ އިތުރުން، އިމަރޖެންސީ ހެލްތު ކެއަރ ޓްރެއިނިންގ ސެންޓަރގެ ނަމުގައި މުޢާމަލާތް ކޮށްފައި ހުރިކަން ފާހަގަކުރެވުނު ކަމަށެވެ.
އޮޑިޓު ރިޕޯޓުގައި ބުނެފައިވަނީ، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ ދަށުން މަސައްކަތްކޮށްދޭ ފަރާތަށް ނުވަތަ ޚިދުމަތް ފޯރުކޮށްދޭ ފަރާތަށް ނުވަތަ ތަކެތި ފޯރުކޮށްދޭ ފަރާތަށް އެޑްވާންސް ފައިސާ ދޭނަމަ، އެ ފަރާތަކުން އެ އެޑްވާންސް ޕޭމަންޓާ އެއްވަރުގެ ޕޭމަންޓް ގެރެންޓީއެއް ހޯދަންޖެހޭނެ ކަމަށެވެ.

