ސުޕްރީމު ކޯރޓުގެ ފަނޑިޔާރުކަމަށް ކްރިމިނަލް ކޯރޓު ހިންގެވުމާއި ހަވާލުވެ ހުންނެވި ގާޒީ އަލީ ރަޝީދު ހެސެއިނާއި ޤާނޫނީ ވަކީލު ޑރ. މުހަންމަދު އިބްރާހިމް އައްޔަނު ކުރުމުގެ މައްސަލަ ރައްޔިތުން މަޖިލީހަށް މިއަދު ފޮނުވައިފިއެވެ.
ރައީސް އިބްރާހިމް މުހަންމަދު ސޯލިހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސުޕްރީމް ކޯރޓަށް އަލީ ރަޝީދާއި ޑރ. މުހަންމަދު އިބްރާހިމް އައްޔަނު ކުރުމަށް ޖުޑީޝަލް ސާރވިސް ކޮމިޝަން ( ޖޭއެސްއީ ) އިން ލަފާ ދީފައިވާތީ ދެ ބޭފުޅުންގެ ނަން މަޖިލީހަށް ފޮނުވާފައިވާ ކަމަށެވެ.
ގާޒީ އަލީ ރަޝީދަކީ އާ ގާނޫނު އަސާސީ އަށް އަމަލު ކުރަން ފެށުމަށް ފަހު އެންމެ ފުރަތަމަ މަރުގެ ހުކުމެއް އިއްވެވި ގާޒީއެވެ. އޭނާ އަކީ ޖިނާއީ މައްސަލައެއްގެ ދައުވާގެ ސިފަ ބަދަލުކޮށް ފުރަތަމަ މައްސަލައެއް ނިންމެވި ގާޒީއެވެ.
ޑރ. މުހަންމަދު އިބްރާހިމް މަސައްކަތް ކުރައްވަމުން އައީ ޕްރިމިއަރ ޗެމްބާސް ލޯ ފާރމްގައެވެ. އޭނާ އަކީ އެތަނުގެ އެއް ހިއްސާ ދާރަށްވާއިރު، ޑރ. މުހަންމަދު އިބްރާހިމް ޤާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން ގެންދަވާތާ 16 އަހަރަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ. ޑރ. މުހަންމަދު އިބްރާހިމް އަކީ ހޯމް މިނިސްޓްރީގެ ލީގަލް އެފެއާޒްގެ ޑިރެކްޓަރު ކަންވެސް ކުރެއްވި ބޭފުޅެކެވެ.
ސުޕްރީމު ކޯރޓުގެ ފަނޑިޔާރުންގެ ބެންޗުގައި މިހާރު ތިއްބެވީ ފަސް ބޭފުޅެކެވެ. މަދުވާ ދެ ފަނޑިޔާރުން އައްޔަނު ނުކުރާތާ މިވަނީ ދުވަސްތަކެއްވެފައެވެ.

