މަރުކަޒީ ބޭންކް، އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރުކަމުގެ މަގާމަށް އަހްމަދު އިމާދު އައްޔަން ކުރުމަށް އޭނާގެ ނަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފި އެވެ.
މިހާރުވެސް އެމްއެމްއޭގެ އެސިސްޓެންޓް އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އަހްމަދު އިމާދު ގެ ނަން ދިރާސާ ކުރުމަށްޓަކައި މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް ފޮނުވުމަށްޓަކައި މިއަދުގެ ޖަލްސާގައި ވަނީ އެޖެންޑާ ކޮށްފައެވެ.
އެމްއެމްއޭގައި 2000 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރައްވަމުން ގެންދަވާ އިމާދަކީ އެމްއެމްއޭގެ ފަރާތުން ކެޕިޓަލް މާކެޓިން ޑިވެލޮޕްމަންޓް (ސީއެމްޑީ)ގެ ބޯޑު މެމްބަރުކަން ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އިމާދު ވަނީ، އިނގިރޭސީ ވިލާތުން އިކޮނޮމިކްސް އަދި ފައިނޭސްގެ ދާއިރާ އިން މާސްޓާސް ހާސިލް ކުރައްވާފަ އެވެ. މީގެ އިތުރުން މެލޭޝިއާ އިން ހަަމަ އެ ދާއިރާ އިން އިމާދް ވަނީ ބެޗްލާސް ވެސް ހާސިލްކޮށްފަ އެވެ.
މާލިއްޔަތު ކޮމިޓީން އިމާދްގެ ނަން ދިރާސާ ކުރުމަށްފަހު، ރުހުން ދެން ފެނޭތޯ ނުވަތަ ނޫންތޯ ކަނޑައެޅުމަށްފަހު، އަލުން ތަޅުމަށް ފޮނުވާނެ އެވެ. އަދި އެއަށްފަހު، ތަޅުމުގައި ނަގާ ވޯޓުން އޭނާއަށް ރުހުން ދޭން ފާސް ވެއްޖެނަަމަ، އޭނާއަށް މަގާމު ލިބޭނެ އެވެ.
އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރުކަމުގެ މަގާމު ހުސްވީ، ކުރިން އެ މަގާމުގައި ހުންނެވި އައިޝަތު ޒާހިރާ މަގާމުން ރިޓަޔާ ކުރެއްވުމާ ގުޅިގެންނެވެ. އެމްއެމްއޭއަށް 31 އަހަރު ހިދުމަތް ކުރެއްވުމަށްފަހު، އޭނާ ރިޓަޔާ ކުރެއްވީ މިދިޔަ ޖުލައި މަސް ތެރޭގައިކަން ވެސް ފާހަގަ ކޮށްލެވެއެވެ.

