ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައްޔިތުންގެ ފައިސާއަށް ޚިޔާނާތްތެރިވުމަކީ ޤައުމީ ތަރައްޤީއަށް ހުރަސް އެޅުން

ދެރުފިޔާގެ ފައިސާފޮތި
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮންމެ ގައުމެއްގެ ވެސް ތައްރައްޤީ ގުޅިފައި އޮންނަނީ އެ ޤައުމެއްގެ ކެރިފޯރުންތެރިކަން ހުރި މިންވަރެއްގެ މައްޗަށެވެ. އަދި އެބަޔެއްގެ ކެރިފޯރުންތެރިކަން ބިނާވަނީ ގުދުރަތީ ގޮތުން އެ ޤައުމަށް ލިބިފައިވާ މުއްސަދިކަމާއި ޤައުމުގެ އުފެއްދުންތެރި ކަމުގެ މައްޗަށެވެ. މިފަދަ ގުދުރަތީ މުއްސަދިކަން ބޭނުން ކުރުމުގެ ގާބިލުކަން އެކި ޤައުމަށް ލިބިފައިވަނީ އެކި މިންވަރަށެވެ. އަޅުގަނޑުމެން ދިވެހިންނަށް ލިބިފައިވާ ގުދުރަތީ އެންމެ ބޮޑު މުއްސަނދި ކަމަކީ ދިވެހިރާއްޖޭގެ އެތެރެވަރީގެ ގުދުރުތީ ރީތިކަމާއި ދިވެހިރާއްޖޭގެ ކަނޑުތަކާއި އަދި ކުދި ރަށްތަކުގައިވާ ދިރުމެވެ. މި ވަސީލާތްތައް ބޭނުންކޮށްގެން ޤައުމުގެ ކެރިފޯރުންތެރިކަން އިތުރު ކުރުމަށްޓަކައި އަޅުގަނޑުމެން މިދަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ.

ދެރަކަމަކީ އަޅުގަނޑުމެންގެ އެތައްބަޔަކު ދާ އޮހޮރުވައިގެން ކުރާ ބުރަ މަސައްކަތުން ދައުލަތަށް ލިބޭ އާމްދަނީ އޭގެ އެންމެ ފައިދާހުރި ގޮތުގައި ބޭނުން ކުރެވެމުން ނުދިއުމެވެ. އަޅުގަނޑުމެންގެ މި ކުޑަ ޤައުމަށް އާމުދަނީ ލިބޭ މަދު ވަސީލަތްތަކާއި މަދު ފުރުޞަތުތައް ހުރިއިރު ލިބޭ ކުޑަ މިންވަރުން ގެއްލިގެންދާ މިންވަރު އިންތިހާއަށް އިތުރުވުމެވެ. ކޮންމެ ބަޔަކު ދައުލަތް ހިންގުމަށް އިސްވެ އޮތްނަމަވެސް އަބަދުވެސް އަޑު އިވެނީ ދައުލަތުގެ ތެރޭގައި ބޮޑެތި ޚިޔާނާތްތައް ހިނގާ ވާހަކައާއި، އެ ޚިޔާނާތްތަކުން ގެއްލިގެންދާ ބޮޑެތި ޢަދަދު ތަކުގެ ފައިސާގެ ވާހަކައެވެ. މިތަނުގައި ވަކިބަޔަކު ކުރި ވަކިކަމެއްގެ ވާހަކަ ގެންނާކަށް ނެތީމެވެ. އެހެނަސް ޤައުމީ ނަޒަރަކުން ވިސްނާ ފިކުރުކުރާ ކޮންމެ މީހަކު މިކަމާ ފިކުރުކޮށް ކަންބޮޑުވާނެކަން ޔަޤީނެވެ.

ދައުލަތުގެ އެންމެހައި ވެރީންގެ އެންމެ ބޮޑު އެއް ޒިންމާއަކީ ދައުލަތަށް ލިބޭ އާމުދަނީ ހެޔޮ ގޮތުގައި ބޭނުންކޮށް ޤައުމު ތަރައްޤީ ކުރުމެވެ. އަދި ޤައުމުގެ މާލިއްޔަތު ހެޔޮ ގޮތުގައި ހޭދަކޮށްގެން ރައްތިޔުންނަށް ބޭނުންވާ ލުއިފަސޭހަތައް ރައްޔިތުންނަށް ފޯރުކޮށްދީ ރައްޔިތުންގެ ދިރުއުޅުން އާރާސްތު ކުރުމެވެ. އެހެނަސް ބައެއް ފަހަރު ފެންނަ މަންޒަރުތަކާއި އިވޭ އަޑުތަކުން ހާމަވަނީ އެހެން ކަމެކެވެ. ފެންނަނީ ދައުލަތުން ގިނަ ކަންކަން ކުރަން އުޅުނިއްޔާ އޭގެ ފަހަތުގައި ފޮރުވިގެން ބައެއް ފަހަރު ނާޖާއިޒު އެތައް ކަމެއް ހިންގާ މަންޒަރެވެ. ބޮޑު އިމާރާތެއް އަޅައިފިއްޔާ އެ މަސައްކަތުގެ ތެރެއިން އެހައިމެ ބޮޑު ވައްކަން ކޮށްފައި އޮވެއެވެ. ބޮޑު މަސްރޫޢެއް ބަޔަކާ ޙަވާލު ކުރެވިއްޖެނަމަ އެ މަސްރޫޢުން އެތައް ވައްކަމެއް ހިނގާފައި އޮވެއެވެ. ބޭރުގެ ޤައުމަކުން އެހީއެއް ލިބުނިއްޔާ އެ ފައިސާ ދައުލަތައް ލިބުނުކަން ޔަޤީނެއް ނުވެއެވެ. ކޮންމެ އަހަރަކު މިފަދަ އެތައް ގޮތަކަށް ނާޖާއިރު އެތައްއެތައްކަމެއް ހިނގުމުގެ ނަތީޖާއަކީ ޤައުމުގެ ތަރައްޤީގެ ދުވެލި މަޑުވުމާއި، ރައްޔިތުންގެ ކުރިމަތީގައި ދައުލަތާއި ވެރިންގެ އަގު ދަށަށް ދިއުމެވެ. ހަމައެހެންމެ ދައުލަތުގެ މަސްރޫޢުތަކަށް ކުރަންޖެހޭ ޚަރަދުގެ އެތައް ގުނައެއް އިތުރުވެ ލިބޭ އާމްދަނީއިން ދެކޮޅު ނުޖެހުމެވެ. ޚަދަރުތައް ފޫބެއްދުމަށްޓަކައި ބޭރުގެ ލޯނުތައް ނަގަންޖެހުމުން އިޤުތިސާދީގޮތުން ތަނަވަސް ޤައުމުތަކުގެ އަޅުވެތިކަމުގައި ދާއިމަށް ވާންޖެހުމެވެ. މިއީ ދައުލަތުން ނާޖާއިޒު ފައިދާ ނަގާ މީހުން ވިސްނާނެ ކަންކަމެއް ނޫނެވެ. އެހެނަސް ޤައުމީ ދަރީންގެ ސިކުނޑީން އެންމެ ހިނދުކޮޅަކަށް ވެސް ކަސިޔާރުވެގެން ވާންވާނޭ ކަންކަމެއް ނޫނެވެ.

އަޅުގަނޑުމެންގެ މި ކުޑަކުޑަ އިގުތިޞާދުގައި ހިނގާ ޚިޔާނާތާއި، ވައްކަމުގެ ނާޖާއިޒު ޙަރަކާތްތަކުގެ ސަބަބުން ގެއްލުން ވަމުން ދަނީ އަޅުގަނޑުމެން ރައްޔިތުންނަށެވެ. މިފަދަ ކަންކަން ކުރާ ބަޔެއްގެ ޖީބު ބޮޑުވަމުން ދިޔަ ނަމަވެސް މުޅި ޤައުމުގެ ތަރައްޤީއަށް ލިބޭ ގެއްލުން ނުހަނު ބޮޑެވެ. ރައްޖޭގެ ރަށްރަށުގެ ތައްޤީއަށް ބޭނުންވާ އެންމެ އަސާސީ ކަންކަން ފުރިހަމަވެފައި ނެތްއިރު އެކަންކަން ނެތުމުން ރައްޔިތުން އިތުރު ތަކުލީފުތައް އުފުލާ އެތައް އުނދަގުޅެއް ތަހައްމަލު ކުރަން ޖެހެއެވެ. ދައުލަތުގައި ހިނގާ ނާޖާއިޒު ކަންތައްތައް ނުހުއްޓުވޭ ނަމަ މި ތަކުލީފުތަކަށް ނިމުމެއް އަންނާނެ ދުވެހެއް ނޭނގެއެވެ. މިއަދާ ހަމައަށް ދިވެހި ދައުލަތުން އެކިގޮތްގޮތުން ގެއްލިފައިވާ ބިލިއަން ބިލިއަން ރުފިޔާ ނުގެއްލި ހުރިނަމަ ޤައުމުގެ ތަރައްޤީއަށް ކިތައްކިތައް މަޝްރޫޢު ހިންނޭނެތޯއެވެ؟ ނާޖާއިރު ގޮތެއްގައި ބޭނުންކުރެވޭ ކޮންމެ ފައިސާ ފޮއްޗަކީ ކިތަންމެ ކުޑަ މިންވަރެއް ނަމަވެސް އެ ފައިސާ ފޮތި ގެއްލި ދިއުމުގެ ސަބަބުން ޤައުމީ ތަރައްޤީ ލަސް ކުރުވައެވެ.

ދައުލަތުގެ ތެރޭގައި ހިނގަމުންދާ ޚިޔާނާތާއި ވައްކަމާއި ނާޖާއިރު ޙަރަކާތްތައް ހުއްޓުވުމަކީ ދައުލަތުން އެކަން މަތިކޮށްފައިވާ ދައުލަތުގެ އިދާރާތަކަށް އެކަނި ކުރެވޭނެ ކަމެއް ނޫނެވެ. މިފަދަ ނާޖާއިޒު ކަންކަން ހުއްޓުވޭނީ އަޅުގަނޑުމެން ރައްޔިތުން ވެސް އެކަންކަމަށް ވަރަށްބޮޑަށް ފާރަވެރިވެގެންނެވެ. ކޮންމެ ފަރުދަކު ވެސް ޤައުމީ ނަޒަރަކުން ކަންކަމާމެދު ވިސްނުން ގެންގުޅެގެންނެވެ. ވަކި މީހާކަށް ވަކިބަޔަކަށް ނުބަލާ މި ކަންކަމާމެދު ސީދާ ފާޅުގައި ދެކޮޅު ހަދައިގެންނެވެ. ކޮންމެ ރައްޔިތެއްގެ ކޮނޑުގައި ވެސް މިކަންކަން ހުއްޓުވުމަށް ފަރުދީ ޒިންމާއެއް އޮތްކަން ދެނެތިބެ މަސައްކަތް ކޮށްގެންނެވެ. މިފަދަ ނޭއްގާނީ ޙަރަކާތްތައް ހިންގާކަމަށް ތުހުމަތުތައް ކުރެވޭ ފަރާތްތަކަށް އިތުރު ފުރުޞަތު ދެވިގެން ނުވާނެއެވެ. ރައްޔިތުންނަށް ބާރު ލިބޭ ކޮންމެ ފަހަރަކު އެ ބާރުގެ ބޭނުން ހެޔޮގޮތުގައި ހިފާ، މިފަދަ މީހުންނަށް ނޫނެކޭ ބުނެ ޖަވާބު ދޭންވާނެއެވެ.

ވަރަށް ގަދަ
80%ވަރަށް ގަދަ 20%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: