ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކައުންސިލްތަކުން އިތުބާރު ނެތްކަމުގެ މައްސަލަތައް ނެގުމުގެ ޖާގަ ހަނިކުރަން ހުށަހަޅައިފި

އެލްޖީއޭ އިން އެދިގެން ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީން ބޭއްވި ބައްދަލުވުން
ޝެއާރކޮށްލާ ކަހަލަދޯ؟

ވަގުތީ ގޮތުން އަމަލު ކުރަމުން އަންނަ ލާރުމަޒީ ގާނޫނުގެ މުއްދަތުގައި ކައުންސިލްތަކުގެ ރައީސުންނާއި ސިޓީ ކައުންސިލްގެ މޭޔަރުންގެ އިތުބާރު ނެތް ކަމުގެ ވޯޓު ނެގުމުގެ ފުރުސަތު ހަނިކުރުމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީއަށް ހުށަހަޅުއްވައިފިއެވެ.

އެލްޖީއޭގެ ރައީސް، މިނިސްޓަރު އިމްރާން އެގޮތަށް ހުށަހެޅުއްވީ ކައުންސިލްތަކުގެ ރައީސުންނާއި ސިޓީ ކައުންސިލްގެ މޭޔަރުންގެ އިތުބާރު ނެތް މައްސަލަތައް އިތުރުވަމުން އަންނާތީ، އެލްޖީއޭ އިން އެދިގެން ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީން ބޭއްވި ބައްދަލުވުމުގައެވެ.

ބުރާސްފަތި ދުވަހު އޮތް ކޮމިޓީގެ ބައްދަލުވުމުގައި މިނިސްޓަރު އިމްރާން ވިދާޅުވީ އެފަދަ މައްސަލަތައް އިތުރުވަމުން އައުމަކީ ސިޔާސީ ބޭނުމެއްގައި ކުރަމުންދާ ކަމެއް ކަމަށެވެ.

އިމްރާން ވިދާޅުވީ ސިޔާސީ ކަންކަމުގެ އިތުރުން ބައެއް ކައުންސިލަރުން އޮފީހަށް ހާޒިރުނުވުން ފަދަ ސުލޫކީ މައްސަލަތައް ވެސް ފާހަގަ ކުރެވެމުންދާ ކަމަށެވެ.

އޭގެ އިތުރުން ޕާޓީތަކުގެ އެތެރޭގެ އިންތިޚާބުތަކުން ނާކާމިޔާބުވި ބައެއް ފަރާތްތައް، ކައުންސިލްތަކުގެ ރައީސުން ނުވަތަ މޭޔަރުންގެ މަޤާމުގައި އެބަ ތިއްބެވި ކަމަށާއި އެހެންވެ މެންބަރުންގެ ތެރޭގައި ނާކާމިޔާބުވި ބަޔަކު ރައީސްގެ އިތުބާރު ނެތް ކަމަށް ނިންމަން އުޅޭ ކަމަށް އިމްރާން ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ ވަގުތީ ޤާނޫނުން ކައުންސިލްތަކަށް ދީފައިވާ ހާއްސަ މުއްދަތުގައި އެ ޤާނޫނުގެ ދަށުން މަސައްކަތްކުރަމުން އަންނަ އިރު ކަންތައްތައް ރަނގަޅުކުރެވޭތޯ ބައްލަވަމުން ގެންދަވާ ކަމަށެވެ.

ކަންކަން ރަނގަޅުކުރޭވޯ މަސައްކަތް ކުރަމުން އަންނަ އިރުވެސް ދިމާވާ އެންމެ ބޮޑު އުނދަގޫ މައްސަލައަކީ މިދަނޑިވަޅުގައި ވެސް ބައެއް ކައުންސިލްތަކުގެ ރައީސުންނާއި ނައިބު ރައީސުންގެ އަދި މޭޔަރުންގެ އިތުބާރު ނެތްކަމުގެ މައްސަލައް ކުރިއަށް ގެންދިއުން ކަމަށް އިމްރާން ވިދާޅުވިއެވެ.

އިމްރާން ވިދާޅުވި ގޮތުގައި އެކަމުގެ ސަބަބުން ކައުންސިލްތައް ހިންގުމަށް ހުރަސް އެޅި ކައުންސިލްތައް ހުއްޓޭ ފަދަ ހާލަތްތައް މެދުވެރިވެއެވެ.

“އެކި ދިމާތަކުން އިތުބާރު ނެތްކަމުގެ ކަންކަން ގެންދިއުމުގައި ހަރަކާތްތެރިވަމުންދާ ގޮތުން ކައުންސިލްތައް ހިންގުމަށް ހުރަސް އެޅި ކައުންސިލްތައް ހުއްޓޭ ފަދަ ހާލަތްތައް އެބަ މެދުވެރިވޭ، މިހާލަތުގައި ހަމަ މުޅި ކައުންސިލްގެ އެތެރޭގެ މަސްލަހަތު އެއްކޮށް ގެއްލި އަދި ރަށުގެ ރައްޔިތުންގެ މަސްލަހަތު ވެސް ގެއްލިގެން އެބަދޭ” އިމްރާން

 

އެލްޖީއޭ އިން އެދިގެން ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީން ބޭއްވި ބައްދަލުވުން

ލާރުމަޒީ ވަގުތީ ގާނޫނުގެ ދަށުން ބާކީ އޮތް މުއްދަތުގެ ތެރޭގައި އިތުރުބާރު ނެތްކަމުގެ މައްސަލަތައް ނެގުން ހަނިކުރެއްވުމަށް މިނިސްޓަރު އިމްރާން ހުށަހެޅުއްވި ނަމަވެސް، ލާމަރުކަޒީ ކޮމިޓީގައި ތިއްބެވި ބައެއް މެންބަރުންވަނީ އެކަމާއި ދެކޮޅު ހައްދަވާފައެވެ.

ލާމަރުކަޒީ ކޮމިޓީގެ މުޤައްރިރު ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒް ވިދާޅުވީ ވަގުތީ ހާއްސަ ގާނޫނުގެ ދަށުން އެލްޖީއޭއަށް މި މައްސަލަތަކުގައި ގޮތް ނިންމުމުގެ ބާރު ލިބިފައިވާ ކަމަށެވެ.

އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވީ މި ހާލަތުގައި ވެސް ކައުންސިލްގެ ރައީސް ނުވަތަ މޭޔަރުގެ އިތުބާރު ނެތް ކަމަށް ނިންމަން ޖެހޭ ހާލަތެއް މެދުވެރިވެދާނެ ކަމަށެވެ. އަދި އެފުރުސަތު އޮންނަންޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެލްޖީއޭއަށް ފާޑު ވިދާޅުވެ، ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވިދާޅުވީ، އެލްޖީއޭގެ މިހާރު ބޯޑުން މަސައްކަތް ކުރައްވަނީ ކައުންސިލްތަކުގެ ބާރު ހަނިކޮށް، ކައުންސިލްތަކަށް ދީފައިވާ އޮތް ބާރުތައް އެލްޖީއޭއަށް ނެގުމަށް ކަމަށެވެ. އަދި އެލްޖީއޭ އިން ކޮމިޓީއާއި ބައްދަލުކުރަން އެދުނީ މިހާރަށް ވުރެ ވެސް އިތުރު ބާރުތައް އެ އޮތޯރިޓީއަށް ހޯދަންކަމަށް ޝިޔާމް ވިދާޅުވިއެވެ.

އެލްޖީއޭ އިން އެދިގެން ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީން ބޭއްވި ބައްދަލުވުމުގެ އެއް ބައި ކުރިއަށް ގެންދިޔައީ ސިއްރުކޮށްގެންނެވެ. އެހެންވެ އެބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ވާހަކަތަކެއް އަދި އެއްވެސް ކަމަކަށް ގޮތެއް ނިންމި ކަމެއް އެނގިފައެއް ނުވެއެވެ.

ކޮވިޑް-19 އާ ގުޅިގެން ކައުންސިލް އިންތިޚާބު އެއް އަހަރަށް ފަސް ކުރިއިރު މިހާރު ތިބި ކައުންސިލް މެމްބަރުންގެ ދައުރު މިދިޔަ  ޖޫންމަހުގެ 3 ނިޔަލަށް ހަމަވި ނަމަވެސް، އާ ކައުންސިލް މެމްބަރުން ހުވާ ކުރެވެންދެން މިހާރު ތިބި ކައުންސިލް މެމްބަރުން މަގާމުގައި ދެމިތިބޭ ގޮތަށް ގާނޫނުއަސާސީ އަށް ވަނީ އިސްލާހު ގެނެސްފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: