ސްރީލަންކާގެ އިރުމަތީ ކައިރިން ދަތުރު ކުރަމުން ދިޔަ ބޮޑު ތެޔޮ ޓޭންކަރެއްގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާގައި އިންޑިއާގެ ކޯސްޓްގާޑުން ކުރި މަސައްކަތަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ޝުކުރު އަދާ ކުރައްވައިފިއެވެ.
ރައީސް ވަހީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އިންޑިއާ ކަނޑުގެ ސަރަހައްދުގައި ބިޔަ ތެޔޮ ޓޭންކަރެއް ރޯވެގެން ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން ލަންކާގެ އިތުރަށް ރާއްޖެއަށް ވެސް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމަށެވެ.
Thanks to @coastguardind Indian Coast Guard for their decisive efforts in preventing a major environmental disaster affecting Maldives and Sri Lanka. @HCIMaldives Oil tanker fire brought under control, 22 rescued: Indian Coast Guard https://t.co/lzdIIIUk16
— Mohamed Waheed (@DrWaheedH) September 6, 2020
އެކަމަކު އިންޑިއާގެ ކޯސްޓްގާޑްގެ މިންނަތް މަސައްކަތުން ސަރަހައްދުގައި ގުދުރަތީ ބޮޑު ކާރިސާއެއް ހިނގިޔަ ނުދީ ސަލާމަތް ކޮށްދިނީތީ އެ ގައުމުގެ ކޯސްޓްގާޑަށް ވަރަށް ބޮޑަށް ޝުކުރު އަދާ ކުރައްވާ ކަމަށް ރައީސް ވަހީދު ވިދާޅުވިއެވެ.
އެ ތެޔޮ ޓޭންކަރުގައި ރޯވުމުން، އަލިފާންގަނޑު ނިއްވާލައި އޭގައި ތިބި މީހުން ސަލާމަތް ކުރުމުގައި އިންޑިއާ ސަރުކާރުގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބިފައިވެއެވެ.
ޕެނަމާގެ ”ދަ ނިއު ޑައިމަންޑް“ ނަމަކަށް ކިޔާ އެ ޓޭންކަރުގައި ރޯވެފައިވަނީ އިންޑިއަން އޮއިލް ކޯޕަރޭޝަން ޗާޓަރުން ކޮށްގެން އެ ގައުމުގެ ޕްރަދީޕް ބަނދަރަށް ދަތުރު ކުރަމުން ދަނިކޮށް ކަމަށް ލަންކާގެ މީޑިއާތަކުން ރިޕޯޓް ކޮށްފައިވެއެވެ.

