ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނައިޓަށް ރަށަށް ދިޔުމެކޭ، ޕްލެނެޓް މާސް އަށް ދިޔުމެކޭ ތަފާތެއް ނެތް!

"ނައިޓަށް ރަށަށް" ދެވޭނެކަމަށްބުނެ މަޖިލީހުން ފާސްކުރި އިސްލާހަށް ކިޔޭ ފާޑުކިޔުމުގެތެރެއިން.. ފޮޓޯ ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

“ރިސޯޓުތަކުގައި ރާއްޖޭގެ ޒުވާނުންނަށް ނިދާކަށެއް ނުޖެހޭނެ. އެމްޑީޕީގެ ވެރިކަމެއްގައި، ރާއްޖޭގެ ހުރިހާ، ހުރިހާ ރިސޯޓެއްގެވެސް މަސައްކަތްކުރާ މުވައްޒަފުން ނިދާނީ އެމީހުންގެ އަނބިދަރީން ގާތުގައި” ރައީސް މުޙައްމަދު ނަޝީދު

އެޖެންޑާ19 ގެ ކެމްޕެއިން ވެގެން ދިޔައީ ޖަޒީރާ ރާއްޖެއެއް ރައްޔިތުންނަށް ހޯދައި ދިނުމަށް އެމްޑީޕީގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ކެމްޕެއިން ކާމިޔާބު ކުރުމުގެ އެންމެ ބޮޑު ސިޔާސަތަށެވެ. 19 ގާނޫނެއްގެ ވާހަކައާއި، އެ ގާނޫނުތައް ތަރުތީބު ކޮށްލާ، ތަންފީޒުކޮށްލުމުން ރައްޔިތުންނަށް ލިބިގެންދާނެ ލުއިފަސޭހަ ތަކުގެ ވާހަކައަކީ އޭރު ފަތު އަޑު ކިޔާފަ އެންމެ ބާރަށް ދެއްކި އެއް ވާހަކައެވެ.

އެ ވައުދުތަކުގެ ތެރެއިން ދިވެހި ޒުވާނުންނަށް، ޚާއްސަކޮށް ރިސޯޓުތަކުގައި މަސައްކަތްކުރާ ޒުވާނުންނަށް ވީ އެއް ވަޢުދެވެ. އާދެ “ނައިޓަށް” ރަށަށް ދެވޭނެ ކަމުގެ ވަޢުދެވެ. ވައުދު ކިތަންމެހާވެސް ފުރިހަމައެވެ. ނަމަވެސް އޭރުގައިވެސް ކުރެވުނު އެއް ސުވާލަކީ ރާއްޖެ ފަދަ ރަށްތައް ވަކިން އޮންނަ ގައުމެއްގައި މި އުސޫލު ހަރުދަނާ ގޮތެއްގައި ހިންގިދާނެ ތޯއެވެ؟ އަދި އެންމެން ވަޒީފާ އަދާކުރަނީ ރަށާއި ޖެހިގެން އޮންނަ ރިސޯޓަށް ނުވެފައި އެފަދަ ފަރާތްތައް “ނައިޓަށް ރަށަށް” ދާނީ ކިހިނެއްތޯއެވެ؟

ކިތަންމެހާވެސް މި އިސްލާހު ފައްކަލެވެ. ޑިއުޓީ ނިންމާފަ ގޮސް އަނބިމީހާ ކައިރީގައި ނިދާލެވޭނަމަ އެއީ ކިހާ ބޮޑު އުފަލެއްތޯއެވެ؟ ދަރިންނާއެކު ކޮންމެވެސް ވަގުތުކޮޅެއް ހޭދަވެ މައިންބަފައިންނާއި އެއް ސުފުރާއެއްގައި ކާލާ އެމީހުންނާއެކު ވަގުތުކޮޅެއް ހޭދަކޮށްލަން ލިބުމަކީ ނުހަނު ބޮޑު ނަސީބެކެވެ.

ވައުދުތަށް ސަޅިވެފަ ރައްޔިތުން އެ ވައުދުތައް ބަލައިގަނެ އިތުބާރާއެކު ރައްޔިތުންގެ މަޖިލީހުގެ ސުޕާ މެޖޯރިޓީ ވެދުމަކަށް އެމްޑީޕީއަށް ދިނީ ނުހަނު އުންމީދުތަކަކާއި އެކުގައެވެ. ބަދަލުތަކެއް ފެންނާނެކަމުގެ ޔަގީން ކަމާއެކުގައެވެ.\

ކޮންމެއަކަސް ރައްޔިތުންގެ މަޖިލީހުގެ ދައުރު ނިންމާ 6 ސެޕްޓެމްބަރު 2020 ގައި ޗުއްޓީއަށް މެންބަރުން ވަޑައިގަތީ، “ނައިޓަށް ރަށަށް” ދެވޭނެ އިސްލާހު ފާސްކޮށްފައެވެ. ޝުކުރުވެރިކަމުގެ ކޮޅެއްވެސް ނެތެއް ނޫންތޯއެވެ. ޑިއުޓީ ނިންމާލާފައި ރަށަށް ނައްޓާލަންވީއެވެ.

އެހެނަސް މިއީ ހަމަ ވައުދެއް ފުއްދުމަށް ހެޔޮ ނިޔަތެއް އޮވެގެން، ރަނގަޅު ދިރާސާއަކާއެކު ފާސްކުރި އިސްލާހެއްތޯއެވެ؟ އެ އިސްލާހުގައި ވާގޮތުން، މުވައްޒަފަކު އޭނާ ވަޒީފާ އަދާކުރާ ގަޑި ނިމުމުން އެތަނުން ދިއުމާއި އޭނާ ގަޑިއަށް ވަޒީފާއަށް އައުމަށް ވަޒީފާދޭ ފަރާތުން ހުރަސް އަޅައިގެން ނުވާނެއެވެ. އަދި ވަޒީފާއަދާ ކުރާ ފަރާތުން ވަޒީފާ އަދާކުރާ ގަޑި ނިމުމުން އެތަނުން ދިއުމަށާއި ގަޑިއަށް ވަޒީފާއަށް ދިއުމަށް އުޅަނދެއް ބޭނުންވާ ނަމަ އެ އުޅަނދެއް އެތަނަކާ ކައިރި ކުރުން މަނާ ނުކުރެވޭ ކަމަށް އިސްލާހުގައި ވަނީ ބުނެފަ އެވެ.

މިހިސާބުން މި އެނގެނީ މުވައްޒަފު ރަށަށް ދިޔުމަކީ އެ މުވައްޒަފު އަމިއްލަ ކަމެކެވެ. އޭނާ ޑިއުޓީ ނިންމާފައި ދިޔުމަށް ހުރަހެއް ނެތްކަމެވެ. ނުވެސް ހިފެހެއްޓޭނޭ ކަމެވެ. އަވަހަށް ދާންވީއެވެ. ނަމަވެސް ފެރީއެއް ނޯންނާނެއެވެ. އުޅަނދެއް ހޯދުނު ގޮތަކުން ހޯދަންވީއެވެ. އުޅަނދަށް ދައްކަންޖެހޭ ފައިސާވެސް އަމިއްލައަށް ދައްކަން ވީއެވެ. “ސަޅި” އިސްލާހެއް ނޫންތޯއެވެ.

ސުވާލަކީ މިހާރު ޑިއުޓީ ނިންމާފައި “ނައިޓަށް” ރަށަށް އަމިއްލަ ހަރަދުގައި ދާން ހުންނަ މުވައްޒަފަކަށް ހުރަސް އެޅީ ކޮން ރިސޯޓަކުންހެއްޔެވެ؟ ތިޔަ ފާސްކުރި އިސްލާހްގެ ކުރިންވެސް، އަމިއްލަ އުޅަނދެއް އަމިއްލަ ހަރުގައި ހިފައިގެން އަމިއްލައަށް ރަށަށް “ނައިޓަށް” ދާން ބޭނުންވާ ޒުވާނާއަށް ހުރަހެއް ނެތެވެ. މިހާރުވެސް މިކަން އޮންނަނީ މި މަގުންކަން ނޭނގުނީ ދިރާސާއެއްވެސް ކޮށްލާފަ ނެތުމުންނެވެ.

“ނައިޓަށް” ރަށަށް ނުދެވެނީ ރިސޯޓް ބޯއިޒްގެ ޖީބު އެކަމަށް ތަން ނުދެނީއެވެ. އަމިއްލަ ޖީބުން ހަރަަދުކޮށްފައި ކޮންމެ ރެއަކު އަނބިދަރިން ގާތަށް ދާން އޭނާއަށް ހުރަސް އަޅަނީ ފައިސާއެވެ. އެވަރަށް ނުލިބެނީއެވެ. ލިބޭ ހުރިހާ ލާރިއެއް ރަށަށް ދާން ހަރަދުކުރެވެން އޭނާއަށް ނެތީއެވެ. އެވަރު ނުލިބެނީއެވެ. ތިބޭފުޅުންނަށް ގެޓު ނުވަނީ މިތަނުން ކޮން ބައެއް ހެއްޔެވެ؟ ނައިޓަށް ރަށަށް ދަނީ ރިސޯޓްބޯއި ކަނޑު ފަތާފައިހެއްޔެވެ؟

އައްޑޫގެ ޒުވާނާ، ބަނޑޮސް އައިލެންޑް ރިސޯޓުގައި ވަޒީފާ އަދާކޮށް، ޑިއުޓީ ނިމުމުން، “ނައިޓަށް އައްޑޫއަށް” ނައްޓާލަން ވީއެވެ. ދެވުނު ގޮތަކަށެވެ. އަނެއް ދުވަހު ޑިއުޓީއަށް އަރަންވެސް ވާނެއެވެ. މިކަހަލަ “ހެއްވާ” އިސްލާހު ފާސްކޮށްފަ، ވައުދު ފުއްދީމޭ ބުނީމަ ސިޔާސީ ބޭފުޅުންނަށް ނިމުނީއެވެ.

ހެޔޮ ނިޔަތުގައި ކުރިކަމެއްނަމަ ތިޔަ އިސްލާހުގައި އޮންނާނީ ނައިޓަށް ރަށަށް ދާން ބޭނުންވާ ފަރާތްތަކަށް، ރިސޯޓާއި ރިސޯޓް ކައިރީގައިވާ ރަށް ރަށަށް ރިސޯޓްގެ ހަރަދުގައި ފެރީގެ ނިޒާމެއް އޮންނަން ވާނެކަމަށެވެ. ނުވަތަ ދައުލަތުގެ ހަރަދުގައި އެ ފެރީގެ ނިޒާމް ގާއިމްކޮށް ނައިޓަށް ރިސޯޓުން ފޭބުމުގެ އިންތިޒާމް ހަމަޖައްސާނެ ވާހަކައެވެ. ރާއްޖޭގެ ރަށްތައް ބެހިފައި އޮތް ގޮތުން ރަނގަޅު ދަތުރުފަތުރުގެ ނިޒާމެއް ނެތި ނައިޓަށް ރަށަށް ދާނީ ކިހިނެއްހެއްޔެވެ؟

މާ ފައްކާ ވައުދެއް އެބައޮތެވެ. 2023 އަށް ވައުދުވާންވީ ރާއްޖޭގެ ރައްޔިތުން ” ޑޭއަކަށް ޕްލެނެޓް މާސްއަށް” ދެވޭނެ ވައުދެވެ. އިންތިހާބުގެ ކުރިންވެސް މިވައުދު ފުއްދައިދެވިދާނެއެވެ، ސުޕަރމެޖޯރިޓީ އެބައޮތެއްނޫންހެއްޔެވެ! ގާނޫނެއްގައި ލިޔާށެވެ. ދިވެހި ރައްޔިތުންގެ ތެރެއިން މާސްއަށް ދާން ބޭނުންވާ ފަރާތްތަކަށް ދިވެހި ދައުލަތުން އެހުއްދަ ދީފީމެވެ. ޕްލެނެޓް މާސް އަށް ދާ މަގުމަތީގައި ޖުޕިޓަރ އަދި ވީނަސްއަށްވެސް ދިޔުމަށް ހުރަހެއް ނެތެވެ. ބޭނުމިއްޔާ ހަނދުގައި ވަގުތުކޮޅެއް ހޭދަކޮށްލާފައިވެސް ބޭނުންމީހަކަށް އާދެވިދާނެއެވެ. ދެން “ނަމަވެސް”ގެ ބައި ގެންނާށެވެ. ނަމަވެސް، މާސްއަށް ދިޔުމުގެ އެންމެހާ އެހެނިހެން ހުއްދަތައް ޖައްވީ ސްޓޭޝަނުން ހޯދަންވާނީ އަމިއްލައަށެވެ، އެކަމަށް ސަރުކާރުން ހުރަހެއް ނާޅާނެއެވެ. މާސްއަށް ދިއުމަށް ޖައްވީ އުޅަނދެއް ތައްޔާރުކުރިޔަސް އެންމެ ރަނގަޅެވެ، އެކަމަށް ސަރުކާރުން ހުރަހެއް ނާޅާނެއެވެ. ޖައްވީ އުޅަނދެއް ތައްޔާރުނުކުރެވޭ ފަރާތްތަކުން، ޖައްވީ އުޅަނދެއް ބައްލަވައިގެން ނުވަތަ، އަގު ދައްކައިގެން ދިއުމަށްވެސް ފުރުސަތު އޮންނާނެއެވެ، ސަރުކާރުން ހުރަހެއް ނާޅާނެއެވެ. ދެވުނު ގޮތަކަށް ދާންވީއެވެ، މިއޮތީ ހުއްދަ ދީފައެވެ، ސަރުކާރުން ހުރަހެއް ނާޅާނެއެވެ. ކިހާ ސަޅިތޯއެވެ. އެއް ބަޔަކު އަތުން ހަން ދަންދެން ބާރަށް އަތް ޖަހާނެއެވެ! ވައުދެއް ވެވުނީއެވެ. ވީ ވައުދު ފުއްދުނީއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 10%ވަރަށް ގަޔާވޭ 48%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 19%ވަރަށް ދެރަ 24%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: