ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދުވާލު ރިސޯޓްގައި މަސައްކަތްކޮށްފައި ކޮންމެ ރެޔަކު ނިދަން ރަށަށް ދިއުމަކީ ނުވާވަރުގެ ކަމެއް ނޫން

ރިސޯޓް މުވައްޒަފަކު ގެސްޓުންނަށް ޚިދުމަތް ދެނީ
ޝެއާރކޮށްލާ ކަހަލަދޯ؟

މި ދުވަސްވަރަކީ ވަރަށް ގިނަބަޔަކު ޖޯކު ޖަހާ ތަފާތު ޝުޢޫރުތައް ފާޅު ކުރަމުންދާ ދަނޑިވަޅެކެވެ. ސޯޝަލް މީޑިޔާގެ ތަފާތު ޕްލެޓްފޯމްތަކުގައި އެއްބަޔަކު ފޮޓޯއިން ދައްކައިދެނީ ރިސޯޓް ޑިއުޓީ ނިންމާފައި ރޭގަނޑު ނިދަން އުދުހޭ އަހެއްގެ މަތީގައި ރަށަށްދާ މަންޒަރެވެ. އަނެއްބަޔަކު ފޮޓޯ އެޑިޓްކޮށް ދައްކައިދެނީ އުދުހޭ ސާލެއްގެ މަތީގައި ތިބެގެން ރިސޯޓް މުވައްޒަފުން ރޭގަނޑަށް ރަށަށްދާ މަންޒަރެވެ. އެހެން ފޮޓޯއަކުން ފެންނަނީ ރިސޯޓް ޑިއުޓީ ނިންމާފައި ޑްރެގަން އެއްގެ މަތީގައި ތިބެގެން ރަށަށްދާ މަންޒަރެވެ. މި ކޮންމެ ފޮޓޯއަކުން ވެސް ބުނެދޭން މަސައްކަތް ކުރަނީ ރިސޯޓް ޑިއުޓީ ނިންމާފައި ރޭގަނޑު ނިދަން ރަށަށް ދިއުމަކީ ވާނެ ކަމެއް ނޫންކަމެވެ.

ރިސޯޓްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ޑިއުޓީ ނިމުމުން ރިސޯޓް ދޫކޮށް ދެވޭ ގޮތަށް ވަޒީފާއާ ބެހޭ ގާނޫނު އިސްލާހު ކުރުމަށް ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު އަލްއުސްތާޛާ ހިސާން ޙުސައިނެވެ. ހިސާން ހުށަހެޅުއްވި އެ އިސްލާހުގައި ވަނީ ރިސޯޓްގެ މަސައްކަތު ގަޑި ނިމުމުން މަސައްކަތްކުރާ ތަން ދޫކޮށް ދިއުމުގެ ހައްގު ކޮންމެ މުވައްޒަފަކަށް ވެސް ލިބިގެންވާ ކަމަށެވެ. އަދި އެކަމަށް ރިސޯޓްގެ އުޅަނދު ފަހަރު ނޫން އުޅަނދުތައް ވެސް ބޭނުން ކުރުމުގެ ހުއްދަ ލިބެއެވެ. މި އިސްލާހް ފާސްވެފައިވަނީ 61 މެމްބަރުން ވޯޓާ އެކުގައެވެ. ވަޒީފާ އާއިބެހޭ ޤާނޫނަށް ގެނެވުނު އިސްލާހާއެކު ބައެއް ފަރާތްތަކުގެ ފާޑުކިޔުންތައް މި އިސްލާހަށާއި އެމްޑީޕީއަށް އަދި އިސްލާހު ހުށަހެޅުއްވި މެންބަރަށް އަމާޒުވެފައިވެއެވެ. މިފަދަ ފަރާތްތަކުން ދެކޭގޮތުގައި މިއީ ވާނެކަމެއް ނޫނެވެ. މިއީ މިފަހަރު ވެރިކަމަށް އައުމަށް އެމްޑީޕީއިން ވީ ވަޢުދު ފުއްދަން ހަމައެކަނި ޤާނޫނުގައި ލިޔެލި ލިޔެލުމެކެވެ.

ޚިޔާލަކީ ތަފާތު އެއްޗެކެވެ. އެއްބަޔަކަށް ފެންނަ މަންޒަރު އަނެއް ބަޔަކަށް ނުފެނިދާނެއެވެ. އެކެއްގެ ޚިޔާލު އަނެކަކަށް ޤަބޫލު ނުކުރެވިދާނެއެވެ. ރާއްޖޭގެ ސިޔާސީ މައިދާނުގައި ހިނގި ވަރަށް ގިނަ ކަންކަމުގައި އަލަށް އުފަންވި ސިޔާސީ ވައުދުތަކާއެކު އެއީ ވެދާނެ ކަމެއްތޯ ގިނަ ބަޔެއްގެ ހިތުގައި ސުވާލު އުފެދުނު އެތައް ކަމެއް އަޅުގަނޑުމެން ތަޖުރިބާ ކޮށްފީމުއެވެ. މިސާލަކަށް 2008 ވަނަ އަހަރު ރިޔާސީ ވައުދުތަކުގެ ތެރެއިން އެމްޑީޕީގެ ވަޢުދުތަކުގެ ތެރޭގައި ހިމެނުނު ބޭސްފަރުވާއަށް ސަލާމް ޖެހުން ނިމުމަކަށް ގެންނާނެ ކަމުގެ ވަޢުދާއި، ދަތުރުފަތުރުގެ ނިޒާމަކުން އެއްރަށް އަނެއްރަށާ ގުޅާލުމުގެ ވަޢުދަކީ އޭރު ދިވެހި ސިކުނޑިތަކަށް ޤަބޫލު ކުރަން އުނދަގޫވި އަދި ނުވާނެ ކަމެކޭ ބުނަމުންދިޔަ ދެ ވަޢުދެއެވެ. ނަމަވެސް 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އެމްޑީޕީއިން ކާމިޔާބު ކުރުމަށްފަހު 2012 ވަނަ އަހަރު ފެށުނުއިރު މި ދެ ވަޢުދު އެމްޑީޕީއިން ފުއްދައިފިއެވެ. ރާއްޖޭގެ އެއްރަށުން އަނެއްރަށަށް ފަސޭހަކަމާއެކު ދަތުރުފަތުރު ކުރެވޭނެ ގޮތާއި، ދިވެހި ކޮންމެ ރައްޔިތަކަށް އެއް ލައްކަ ރުފިޔާގެ ހިލޭ ބޭސްފަރުވާ ލިބޭނެ މަގު ތަނަވަސް ކޮށްދީފިއެވެ. އެ ވަޢުދުތަކާއެކު އައި އެމްޑީޕީގެ ވެރިކަން ނިމުނުފަހުން ދެންއައި ވެރިކަންތަކުގައި ވެސް މި ވަޢުދުތައް ދަމަހައްޓައި މި ވަޢުދުތަކަށް އިތުރަށް ފުރިހަމަކަން ގެނެސްދީފިއެވެ. އެއިރު މިއީ ނުވާނެ ކަމެކޭ ބުނަމުން ދިޔަ މީހުނަނަށް މިހާރު އެހެން ބުނެވުނު ކަމާމެދު ޝައްކު ވާނެއެވެ.

އާދެ ރިސޯޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ކޮންމެ ދުވަހަކު މަސައްކަތް ނިންމާފައި ރޭގަނޑު ނިދަން ރަށަށް ދިއުމަކީ ފުއްދޭނެ ވަޢުދެކެވެ. އެއީ މުޢުޖިޒާތެއް ފަދަ ކަމެއްކަމަށް އެއްބަޔަކަށް ހީވިޔަސް އެއީ އެހައިވަރު ކަމެއް ނޫނެވެ. މިކަމަށް ބޭނުންވަނީ ރަނގަޅު ވިސްނުމެކެވެ. ހިކުމަތްތެރި ރޭވުމެކެވެ. މިކަން ކުރެވިދާނެ އެއް ގޮތަކީ ވަޒީފާ އަދާކުރާ ރިސޯޓް ކައިރީގައި ހުރި، މީހުން ދިރިއުޅޭ ރަށްތަކުގައި ރިސޯޓް މުވައްޒަފުންގެ އާއިލާތަކަށް ދިރިއުޅެވޭނެ ގޮތް ހަމަޖެއްސުމަށްފަހު މި ރަށްރަށުން ރިސޯޓަށް ފަސޭހަ ކަމާއެކު ދަތުރުފަތުރު ކުރެވޭނެ ފެރީ އިންތިޒާމު ކުރުމެވެ. މިފަދަ ރަށްތަކުގައި ލިބެންހުރި ތަޢުލީމީ އަދި ޞިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށްލަން ޖެހޭނެއެވެ. ފަހަރެއްގައި ކުއްލިއަކަށް މިވަގުތު މިކަން ނުކުރެވިދާނެއެވެ. އެހެނަސް ސަރުކާރާއި ރިސޯޓްތަކުގެ ވެރީން ގުޅިގެން މިކަން ކުރަން ބޭނުންވެއްޖެނަމަ މިއީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ފުއްދޭނެ ވަޢުދެކެވެ. މިނޫން މޮޅު ގޮތެއް ވެސް އޮވެދާނެއެވެ. މިއީ ހަމައެކަނި ޤާނޫނުގައި ލިޔެލި ލިޔެލުމަކަށް ހަދާންޖެހޭ ވަރު ކަމެއް ނޫނެވެ. ކޮންމެ ދުވަހަކު ރިސޯޓްގައި މަސައްކަތްކޮށްފައި މަސައްކަތް ނިމުމުން ރޭގަނޑު ނިދަން ޢާއިލާ ގާތަށް ދިއުމަކީ ވާވަރުގެ ކަމެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 33%ހައިރާންވެއްޖެ 0%ވަރަށް ދެރަ 67%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: