ރާއްޖެއިން ބޭރުގެ ބައެއް މީޑިއާތަކެއް ޓެގް ކުރައްވާ މިއަދު އިދިކޮޅުގެ އެއްވުމުން ހައްޔަރުކުރި މީހުން ދޫކޮށްލުމަށް ޕީޕީއެމް ކޯލިޝަންގެ ހާއްސަ އެޑްވައިޒަރު އަދި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ގޮވާލައްވައިފިއެވެ.
މިއަދުގެ ޒުވާނުންގެ ސައިކަލު ބުރު ނުފެށެނީސް ފުލުހުން ވަނީ އެ ހަރަކާތް ހުއްޓުވާފައެވެ. އަދި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި 41 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.
އަލް ޖަޒީރާ އާއި އޭއެފްޕީ އަދި ބީބީސީ ޓެގް ކުރައްވައި އިނގިރޭސި ބަހުން ރައީސް ވަހީދު ކުރެއްވި ޓްވިޓެއްގައި ވިދާޅުވީ ކޮވިޑާ ގުޅިގެން ސަރުކާރުން ހިންގި ކޮރަޕްޝަނާ ދެކޮޅަށް އަމާންކަމާއި ސުލްހަވެރި ކަމާއެކު ރާއްޖޭގައި މިއަދު ބޭއްވި އެއްވުމުގައި 41 މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.
41 youth arrested during a peaceful protest in Maldives today. Youth protesting against corruption related to COVID19. Opposition PPM-PNC coalition calls for their immediate and unconditional release. @AFP @AJEnglish @BBCWorld
— Mohamed Waheed (@DrWaheedH) September 12, 2020
އިދިކޮޅު ކޯލިޝަނުން ބުނީ ޒުވާނުން ވަރަށް ސުލްހަވެރިކަމާއެކު ތިއްބާ ފުލުހުން އައިސް އެމީހުން ހައްޔަރުކުރުމަށް އަމަލުތައް ބެހެއްޓި ގޮތުން އެޗްޕީއޭގެ މިންގަނޑުތަކާ ހިލާފުވެފައިވާތީ ކަންބޮޑުވާ ކަމަށެވެ. އަދި ފުލުހުން ހައްޔަރުކުރި މީހުންގެ ތެރޭގައި ގިނަ އަދަދެއްގެ އަންހެނުން ވެސް ހިމެނޭ ކަމަށާއި އެއްވެސް ޝަރުތަކާ ނުލާ އެމީހުން ދޫކޮށްލުމަށް އިދިކޮޅުން ވަނީ ގޮވާލާފައެވެ.
ޒުވާނުންގެ ސައިކަލު ބުރު ފުލުހުން ހުއްޓުވިއިރު، އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ މި ހާލަތުގައި އެޗްޕީއޭގެ އެންގުންތަކާ ހިލާފަށް އެއްނުވުމަށާއި، ރައްޔިތުންގެ ރައްކާތެރިކަން ކުރިއަށް ނެރެ، ހުރިހާ ފަރާތްތަކަކުން ވެސް އެޗްޕީއޭގެ އިރުޝާދުތަކާ އެއްގޮތަށް އަމަލުތައް ބެހެއްޓުމަށް ފުލުހުން ވަނީ މިއަދު އިލްތިމާސްކޮށްފައެވެ.
އަދި އެޗްޕީއޭގެ އެންގެވުމާ ހިލާފަށް އެއްވުންތައް ބާއްވާ ފަރާތްތަކާއި، އެއްވުންތަކުގައި ބައިވެރިވާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް ފުލުހުން މިއަދު ވަނީ ދީފައެވެ

