ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސައްކަތުގެ އެންމެ މުހިންމު އެއްބަޔަކީ ސިވިލް ސަރވިސްގެ މުވައްޒަފުންކަމައް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް މިހެން ވިދާޅުވެފައި މިވަނީ, ސިވިލް ސަރވިސް ކޮމިޝަނަށް އަލަށް ޢައްޔަންކުރެއްވި މެންބަރުންނާ ބައްދަލުކުރައްވައި ސިވިލް ސަރވިސްގެ ކަންކަން ހަރުދަނާކުރެއްވުމާ ގުޅޭގޮތުން މަޝްވަރާކުރައްވަމުންނެވެ.
ސަރުކާރުގެ ސިޔާސަތު ތަންފީޒުކުރުމުގައި ސަރުކާރާއި ސިވިލް ސަރވިސް ކޮމިޝަނާ ދެމެދު ވިލަރެސްކުރާ ކޮމިޓީއަށް އަލަށް ގުޅިވަޑައިގެންނެވި ސިވިލް ސަރވިސް ކޮމިޝަނުގެ އައު މެންބަރުންނާއި އެކު މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ބައްދަލުވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ސިވިލް ސަރވިސް ކޮމިޝަނަށް އަލަށް ގުޅިވަޑައިގެންނެވި 4 މެންބަރުންނަށް މަރުޙަބާ ވިދާޅުވެފައެވެ.
މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސައްކަތުގެ އެންމެ މުހިންމު އެއްބަޔަކީ ސިވިލް ސަރވިސްގެ މުވައްޒަފުންކން ފާހަގަކުރައްވައި ސިވިލް ސަރވިސްގެ ޚިދުމަތުގެ ފެންވަރު މަތިކުރުމާއި އަދި ހުރިހާ ފަރާތްތަކެއް ގުޅިގެން އެއް އަމާޒަކަށް މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ސިވިލް ސަރވިސް ގައި ހުރި ޙައްލުހޯދަންޖެހޭ ކަންކަމަށް ވީހާވެސް ކުރުމުއްދަތެއްގެ ތެރޭގައި ޙައްލު ހޯއްދަވައި މުޅި ސިވިލް ސަރވިސްގެ ޚިދުމަތުގެ ފެންވަރު މަތިކުރެއްވުމަށް މަސައްކަތްކޮށްދެއްވުމަށް ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުންގެ ކިބައިން އެދިވަޑައި ގަންނަވާފައެވެ.
އަދި މީގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައްވެސް ބާކީނުވާނެގޮތަށް ސިވިލް ސަރވިސް ތެރޭން ކަންކަން ބައްޓަން ކޮށްދެއްވުމަށާއި އެފަދަ ފަރާތްތަކަށް ޚާއްޞަ އިސްކަމެއް ދެއްވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

