ރާއްޖޭގެ ވެރިކަން ކުރާ ރަށް މާލެއަކީ، މިވަގުތު ދުނިޔޭގެ ނިސްބަތުންވެސް އެންމެ ތޮއްޖެހިފައިވާ އެއް ސިޓީއެެވެ. ވަސީލަތްތަކާއި ޚިދުމަތުގެ ގޮތުންނެވެ. އެ ވަސީލަތާއި ޚިދުމަތުގެ މަންފަ ހޯދުމަށް މާލެއަށް ހިޖުރަކުރި މީހުންގެ ގޮތުންނެވެ. އެ މީހުން އުޅޭނެ ތަންތަން ހަދާ ކުއްޔަށް ދިނުމަށް ހަދާފައިވާ އިމާރާތްތަކުގެ ގޮތުންނެވެ. އެ މީހުން ދަތުރުފަތުރު ކުރުމަށް ބޭނުންކުރާ ވެހިކަލްތަކުންނެވެ.
ކޮންމެއަކަސް މާލެ އޮތީ ފުރިފައެވެ. ހަމަ ހިރިލާނެ ހާ ޖާގަވެސް ނެތެެވެ. މަގުމައްޗަށް ނިކުމެ ހިނގަން ވިޔަސް ދުއްވަން ވިޔަސް ޖެހެނީ ކިއުގަ ޖެހިގެން ހިރިލަ ހިރިލާ ތިބޭށެވެ. މިހާރު ކުރަމުންދާ ކަމަކީ އެންމެ ކަމަކެވެ. އިމާރާތްތައް މައްޗަށް ނެގުމެވެ. ކުދިކުދި ތަންތަންކޮޅު އަތްނުފޯރާ އަގުތަކުގަ ކުއްޔަށް ދިނުމެވެ. އެޑްވާންސަށް ލައްކައިން ނެގުމެވެ.
މާލޭގެ ކުލީގެ ވާހަކައަކީ އަބަދުވެސް އެންމެން ދައްކާ ވާހަކަތަކެވެ. ކުލީ ބޮޑު ވާހަކައާއި، ތަނުގެ ކުޑަ ވާހަކައެވެ. އެތަނުގެ ހާލަތާއި ނުބައްދަލު ކުލި ނަގަމުންދާ ވާހަކައެވެ. ހަޔާތެއް ކުލި ދެއްކުމުގައި ވޭތުވެ ނިމިގެން ދާ ވާހަކައެވެ. ވަޒީފާއަށް ދަނީ ކުލިދައްކަން ކަމަށާއި، ކުލި ދައްކަނީ ވަޒީފާއަށް ދާންކަމަށް ދެކެވޭ ވާހަކައެވެ.
މި މައުޟޫގައި ބަލާލަން ރަނގަޅު އެހެން ކަމެއް އެބައޮތެވެ. ފަހަރުގަ އެންމެނަށް މާކަ މުހިންމު ވާހަކައަކަށް ނުވެދާނެއެވެ. ނަމަވެސް މާލޭގެ ގެތަކުގެ ސިޑީގެ ވާހަކަ ދައްކާލަން އެބަ ޖެހެއެވެ. އެ ސިޑިތައް ހުންނަނީ މީހުން ދިރިއުޅޭ ތަންތަނުގައި ހުންނަ ޖެހޭ ގޮތަށް ތޯ ބަހުސް ކުރަން އެބަ ޖެހެއެވެ.
ހަޔާތުގައި ދިމާވެފައިވާ ދެ ހާދިސާއެއް ހިއްސާކޮށްލާނަމެވެ.
ހަނދާންވާ ގޮތުން އެއީ 2004 ވަނަ އަހަރެވެ. ދައްތައެއް މި ދުނިޔެއާއި އަލްވަދާއު ކީ ހާދިސާއެވެ. ދައްތަ ދިރިއުޅެމުން ދިޔަ އެޕާޓްމެންޓްގައި ހުންނަނީ ވަށް ސިޑިއެކެވެ. ކިރިޔަ ކިރިޔާ މީހަކަށް އެރޭވަރުގެ ވަށް ސިޑިއެކެވެ. އެ ސިިޑިން ދައްތަ އުޅޭ ފުރަތަމަ ފަންގިފިލާއަށް އަރަންވެސް އެހާ އުދަގުލެވެ. ކަންދިމާވީ ވަރަށް ހިތާމަވެރިކޮށެވެ. ކުއްލިޔަކަށް ދައްތަ ބަލިވެ، ހޮސްޕިޓަލަށް ގެންދަން ޖެހުނު ގަޑީގައި އެ ސިޑިން ދައްތަ އުފުއްލައިގެން ބޭލޭނެ ހަމަ އެއްްވެސް ގޮތެއް ނުފެނުނެވެ. އެމްބިއުލޭންސް އައިސް ޖެހުނީ އެތަނުގައި ދައްތަ ބޭލޭނެ އިރަކަށް އިންތިޒާުކުރާށެވެ.
އެންމެ ފަހުން ގޭގެ ކުރިމަތީ އޮންނަ ފުރާޅުން ދައްތަ ގެނެސް ތިރިޔަށް ދިއްކުރުމުން އެމްބިއުލެންސް މައްޗަށް އެއްބަޔަކު އަރާ ދައްތަ ނަގައިގަނެގެން ހޮސްޕިޓަލަށް ގެންދިޔައިރު ދައްތަ އޮތީ ނިޔާވެފައެވެ. ޑޮކްޓަރު ވިދާޅުވީ، ތަންކޮޅެއް އަވަހަށް ގެނެވުނު ނަމަ ސަލާމަތްވުމުގެ އުންމީދެއް އޮތްކަމަށެވެ.
އިތުރު ހާދިސާއެއް ހިއްސާކޮށްލާނަމެވެ.
އެއީ 2017 ގެ މެދުތެރޭ ހިސާބެވެ. ކުނޫޒުގައި އޮތް ޖަލްސާއެއް ކަވަރ ކުރަން އެތަނުގަ ހުއްޓާ އެމްއެންޑީއެފްގެ ވެހިކަލެއް ސައިރިންގ އަޅަމުން ޗާންދަނީ މަގާ ދިމާއަށް ދާތަން ފެނުމުން އެ ވެހިކަލް ފަހަތުން އަޅުގަނޑުވެސް ދިޔައީމެވެ. ވެގެން އުޅޭ ގޮތް ސާފުކޮށްލުމަށެވެ. ވެހިކަލް ގޮސް މަޑުކުރީ ޗާންދަނީ މަގުގެ ރެޑްބީ ގޯޅިއަށެވެ. ސިފައިންގެ ފަސް ބޭކަލުން ބާރު ދުވެލީގައި އެގޯޅިގަނޑަށް ވަދެ އެރީ އެތާ ގެއެއްގެ ތިންވަނަ ބުރިއަށެވެ.
ވެގެން އުޅޭ ގޮސް ސާފުކޮށްލިއިރުގައި އެގޭގައި ދިރިއުޅޭ މީހަކު ފިޓު ޖެހި އޭނާ ތިރިއަށް ބޭލޭނެ ގޮތެއް ނެތިފަ އެގޭގެ މީހުން ރޮނީއެވެ. ސިފައިންގެ ޓްރެއިންގ އާ އެއްގޮތަށް އެ މީހާ ތިރިއަށް ބޭލީ އަޅުގަނޑު ކުރިމަތިންނެވެ. އޭރު އޭނާގެ ފުރާނަ ހުރިކަން ޔަގީނެވެ. ނަމަވެސް ޖެހިގެން އައި ދުވަހު ފެނުނީ އޭނާވެސް ނިޔާވި ކަމުގެ ހަބަރެކެވެ. ކިހާ ދެރަ ތޯއެވެ.
މިއީ ސީދާ އަޅުގަނޑަށް އެނގިގެން ހިނގި ދެ ހާދިސާއެވެ. މިފަދަ ކިތައް ހާދިސާ ހިނގާފަ ހުންނާނެތޯއެވެ؟ ކިތައް ފުރާނަ ގެއްލިފަ ހުންނާނެ ތޯއެވެ؟ އެންމެ ކަމެއްގެ ސަބަބުންނެވެ. ބޮޑު ކުލި ދައްކާފަ ދިރިއުޅޭ އިމާރާތުގައި ހުންނަ ސިޑިއަކީ އެކަށީގެން ނުވާ ސިޑިއަކަށް ވާތީއެވެ.
މާލޭގެ މަދު ގެއެއްގަ ލިފްޓް ހަރުކޮށްފަ ހުރި ނަމަވެސް ގިނަ ގެތަކުގައި ލިފްޓެއް ނުހުރެއެވެ. ގިނަ ގެތަކުގައި ހުންނަނީ ނަމަކަށް ހުންނަ ސިޑިއެކެވެ. ގޯތިން ލިބުނު ޖާގަ ކުޑަކަމުން، ސިޑިއަށް ކަނޑާބައިވެސް ކުޑަވަނީއެވެ. ބައެއް ގޭގޭގައި ވަށް ސިޑި ހުންނައިރު، އަނެއްބައި ގޭގޭގައި ހުންނަނީ ލަކުޑި އާދައިގެ ސިޑިއެވެ. ކިރިޔަ ކިރިޔާ މީހަކަށް އަރާލެވޭ ވަރުގެ ސިޑިއެވެ. މެޝިން ފަދަ އެއްޗެހި ޖެހެނީ ރޫޅާލައިގެން އަރުވާށެވެ. ނަމަވެސް ކުލި ހަމަ ހެއްސަށް ރަނގަޅެވެ.
އެދުވަހު އެގޭގައި ރަނގަޅު ސިޑިއެއް ނެތުމުން ދައްތަގެ ދަރިން އެދުވަހު ތެޅޭނެ ހާލު ހިތަށް ގެންނަންވެސް ދައްޗެވެ. ފިޓް ޖެހިގެން ހޮސްޕިޓަލަށް ނުގެންދެވި ފިރިމީހާ މަރަށް ތެޅޭ މަންޒަރު ބަލަން އަނބިމީހާއަށް ކެތްވާނެތޯއެވެ.
ނިކަން ވިސްނާލާށެވެ. މާބަނޑު އަންހެނަކު އޭނާގެ މުޅި އުމުރުގެ ހުރިހާ އުފަލެއް ބަނޑުތެރޭގައި ބާއްވައިގެން މިފަދަ ތަނެއްގައި އުޅޭއިރު އޭނާ އުފުލާނެ ވޭނާއި ތަކުލީފު ހިތަށް ގެންނަވާށެވެ. އަދި ވިހަން ރިއްސައިގަނެގެން އޭނާ ހޮސްޕިޓަަލަށް ނުގެންދެވި ފިރިމީހާ ތެޅެން ޖެހިއްޖެ ނަމަ އާހިރުގައި ކަން ދިމާވެދާނެ ގޮތް ހިތަށް ގެންނަންވެސް ދައްޗެވެ.
މިފަދަ ތަންތަނުގައި އާއިލާތައް އުޅެނީ މަޖުބޫރުންނެވެ. ކޮންމެ އާއިލާއަކީ ލަގްޒަރީ ލެވެލްގަ އުޅެވޭނެ ތަނަވަސްކަމެއް ހުރި އާއިލާއެއް ނޫނެވެ. ނަމަވެސް މިފަދަ ކަންކަމަކީ ހައްލު ކުރެވެން ޖެހޭ ކަމެކެވެ. ކުލި ކޮންޓްރޯލު ނުވާނޭ ކިޔާފަ ދޫކޮށްލާގޮތަށް ސިޑިތައްވެސް މިވަނީ ދޫކޮށްލާފައެވެ.

