ރޭ އައްޑޫ ސިޓީ ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސި ޗާޓާޑް ފްލައިޓުން އައީ އިންޑިއާ ސިފައިން ކަމަށް ދެކެވޭ ވާހަކަތައް އެ އެއާޕޯޓުން ދޮގު ކޮށްފިއެވެ.
ގަމަށް ޖެއްސި ސްޕައިސް ޖެޓު ބޯޓުން އައްޑޫ އަށް އައިސްފައި ވަނީ އިންޑިއާ ސިފައިން ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
ނަމަވެސް ގަން އެއާޕޯޓުން ބުނީ އެ ބޯޓުން އައިސްފައި ވަނީ އައްޑޫގައި އިމާރާތް ކުރަމުން އަންނަ ޕޮލިސް އެކަޑަމީގެ މަސައްކަތް ކުރާ ލޭބަރުން ކަމަށެވެ. އެ ފްލައިޓުން އިންޑިއާ ސިފައިންގެ އެއްވެސް މީހަކު އައިސްފައި ނުވާ ކަމަށްވެސް ބުންޏެވެ.
ހިތަދޫ ދެކުނު ދާއިރާގެ ކުރީގެ މެންބަރު އަދި އައްޑޫ ސިޓީގެ މޭޔަރުކަމަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ، ޢަލީ ނިޒާރު އިއްޔެ ވިދާޅުވީ އިންޑިއާގެ 165 ލޭބަރުން އައްޑޫއަށް އައީ އައްޑޫގައި ތަރައްގީކުރަމުންދާ ޕޮލިސް އެކަޑަމީގެ މަސައްކަތް ނިންމާލުމަށް އަންނަ ބައެއް ކަމަށެވެ.
އަދި އެގޮތަށް ލޭބަރުން އައުމަކީ މައްސަލައެއް ނޫންކަމަށާއި، މިވަގުތުވެސް މަސައްކަތްތެރިންގެ ގޮތުގައި ރާއްޖޭގައި އިްނޑިއާގެ ނަރުހުންނާއި، ޑަކުޓަރުން އަދި ޓީޗަރުން ހަރަކާތްތެރިވަމުން ދާކަމަށެވެ.
މިފަދަ އަޑުތަކެއް ފެތުރިފައި މިވަނީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބި ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ”އިންޑިއާ އައުޓު“ މި ނަމުގައި ސޯޝަލް މީޑިއާގައި ކެމްޕެއިން އެއް ފަށާފައިވާ ވަގުތެއްގައެވެ.

