ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަދީބު އިއުތިރާފުގެ އެއްބަސްވުމެއް ހެދީ މަޖުބޫރުން ކަމަށް ބުނެވޭނެ ގާނޫނީ ހަމައެއް ނެތް: ދައުލަތް

ކުރީގެ ނައިބް ރައީސް އަހުމަދު އަދީބު ޝަރީއަތެއް ނިންމަވާލެއްވުމަށްފަހު ޖަލަށް ގެންދާ މަންޒަރު/ ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

އަދީބު ބޭސްފަރުވާއަށް ފޮނުވާފައިވަނީ ވަކި ޝަރުތުތަކެއްކޮށްގެން ކަމަށް ބެލެވޭނެ އެއްވެސް ހަމައެއް ނެތް ކަމަށާއި، އަދި އެއްބަސްވުމެއް ގާއިމްކުރީ މަޖުބޫރުންކަމަށް ކަނޑައެޅޭނެ ގާނޫނީ ހަމައެއް ނެތް ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ހިޔާނާތުގެ މައްސަލައިގައި އަދީބުގެ މައްޗަށް ދައުލަތުން ހަތް ދައުވާއެއް އުފުލިއެވެ. އެހެން ނަމަވެސް އެ ދައުވާތައް ކްރިމިނަލް ކޯޓުން މިދިޔަ ޖުލައި މަހު ވަނީ ބޭރުކޮށްލައިފަ އެވެ.

މި މައްސަލަތައް ބޭރުކޮށްލުމުގެ އެއް ސަބަބެއްގެ ގޮތުގައި ކްރިމިނަލް ކޯޓުން ފާހަގަކުރީ އަދީބާ އެކު އިއުތިރާފުގެ އެއްބަސްވުމެއް ދައުލަތުން ހެދީ ގޯސްކޮށް ކަމަށް ބުނެ އެވެ. މިއާއި އެކު ދައުލަތުން ވަނީ އެ ހަފްތާގެ ތެރޭގައި މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ. އަދި އަދީބު ހުންނެވީ މައްސަލަ ނިމެންދެން ބަންދުގައެވެ.

ހައިކޯޓުގައި ކުރިޔަށް ދާ މައްސަލައިގައި ވަކީލަކު ހަމަޖެއްސުމުގެ ފުރުސަތަކަށް އަދީބު ކުރިން އެދިވަޑައިގަތުމުން 10 ދުވަހުގެ މުއްދަތެއް ކޯޓުން ދިނެވެ. އެހެން ނަމަވެސް އަދީބު ވަނީ މައްސަލަ ވަކީލަކާއި ނުލާ ކުރިޔަށް ގެންދިއުމަށް ނިންމާފައެވެ. އެހެންވެ، ހައި ކޯޓުގައި މިއަދު އޭނާ ވާހަކަ ދެއްކެވީ އަމިއްލަފުޅަށެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ދައުލަތުން ބުނެފައިވަނީ އަދީބުގެ މައްޗަށް އުފުލި ހަތް ދައުވާގެ ގަޒިއްޔާ ކްރިމިނަލް ކޯޓުން ބާތިލުކޮށްފައިވަނީ މާތްގަނޑު މަސް އަސާސެއްގެ މައްޗަށް ކަމަށެވެ. އޭގެ ތެރޭގައި ކުށަށް  އިއުތިރާފަށް އިއުތިރާފުވުމުގެ އެއްބަސްވުމާއި، މައްސަލައަށް އެއްބާރުލުން ދިނުމުގެ އެއްބަސްވުން އެއީ ގާނޫނު ނުދަންނަ އެއްބަސްވުމެއްގެ ގޮތުގައި ބުނެފައިވާ ކަމަށެވެ. އަދި އަދީބުގެ އިއުތިރާފަކީ އެއީ މަޖުބޫރުކޮށްގެން ނުވަތަ ޓޯޗާކޮށްގެން ހޯދި އިއުތިރާފުގެ ބަޔާނެއްކަމަށް ކްރިމިނަލް ކޯޓުން ދައުވާތައް ބާތިލުކުރި އިރު ބުނެފައިވާ ކަމަށެވެ.

ދައުވާތައް ބާތިލު ކުރި ތިން ވަނަ އަސާސެއްގެ ގޮތުގައި ބުނެފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 95 ވަނަ މާއްދާއާއި ހިލާފަށް ހުށަހަޅާފައިވާ އެ މާއްދާގައި ބަޔާން ކުރާ ތަގާދިމްގެ މުއްދަތު ހަމަވީފަހުން ހުށަހަޅާފައިވާ ދައުވާތަކެއްގެ ގޮތުގައިވުން ކަމަށް ކްރިމިނަލް ކޯޓުން ބުނެފައިވާކަމަށް ދައުލަތުން ފާހަގަ ކުރިއެވެ. މައްސަލަތައް ބާތިލު ކުރި ހަތަރު ވަނަ އަސާސެއްގެ ގޮތުގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފެބްރުއަރީ 01 ގެ އަމުރުގައި ކަނޑައަޅުއްވާފައިވާ ގޮތާއި ހިލާފަށް އެއީ ބާތިލު ތަހުގީގެއްގެ މައްޗަށް އުފުލާފައިވާ ދައުވާތަކެއް ކަމަށެވެ. އަދި މުއްދަތު ހަމަވުމުގެ ކުރިން އެ ދައުވާތައް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށް ދައުލަތުން ބުނެފައިވެއެވެ.

ދައުވާތައް ބާތިލު ކުރި ފަސް ވަނަ އަސާސެއްގެ ގޮތުގައި ކްރިމިނަލް ކޯޓުން ބުނެފައިވަނީ ގާނޫނު އަސާސީގެ 60 ވަނަ މާއްދާއާއި ހިލާފަށް އެއް އަމަލަކަށް ދެ ދައުވާއަށް ނުކުރެވޭނެ އުސޫލުކަމަށް ދައުލަތުން ބުންޏެވެ.

މިއީ ގާނޫނާއި ހިލާފު ނިންމުންތަކެއް ކަމަށް ދައުލަތުން ވަނީ މިއަދުގެ ހައިކޯޓުގެ އަޑުއެހުމުގައި ބުނެފައެވެ. އެގޮތުން ނުވަ ނުކުތާއެއް ހުށަހަޅާ ދައުލަތުން ބުނެފައިވަނީ ކުށުގެ އިއުތިރާފެއް ނެހެދޭނެކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅާފައި ވަނީ އެއްވެސް ގާނޫނީ ހަމައެއް ނެތި ކަމަށެވެ. މީގެ އިތުރުން ދައުލަތުން ބުނެފައިވަނީ މަތީ މަރުހަލާގެ ކޯޓުތަކުން ނިންމާފައިވާ ނިންމުންތަކަށް އެޔަށްވުރެ ދަށު ކޯޓުތަކުން ތަބައަވާން ޖެހޭނެކަމަށް ގާނޫނު އަސާސީގައި ބުނެފައިވާ ކަމަށެވެ. މިއީ ދައުވާ ކުރުމުގެ މުއްދަތު ހަމަވެފައިވާ މައްސަލައެއްކަމަށް ކްރިމިނަލް ކޯޓުން މައްސަލަ ބާތިލުކޮށް ބުނެފައިވީ ނަމަވެސް އެއީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 95 ވަނަ މާއްދާގެ އުސޫލާއި ހިލާފު ބުނުމެއް ކަމަށެވެ.

ހައިކޯޓުގެ އިސްތިއުނާފު އަޑުއެހުންތައް ކުރިޔަށް ގެންދަނީ އަދީބު ކޯޓަށް ހާޒިރުކޮށްގެން/ ފޮޓޯ: ސަންގު

ދައުލަތުން ބުނެފައިވަނީ ކްރިމިނަލް ކޯޓުން މައްސަލަތައް ބާތިލުކޮށްފައިވަނީ، ހުށަހަޅާފައިވާ އެއްވެސް ލިޔެކިއުމަކަށް ރިއާޔަތް ކުރުމެއް ނެތި ކަމަށެވެ. މި މައްސަލަ ހިނގައިދިޔަ ގޮތާއި، މައްސަލަ ކުރިޔަށް ގެންދިޔަ ގޮތުގެ ޓައިމްލައިނެއް ވެސް ކްރިމިނަލް ކޯޓާއި ހިއްސާކޮށްފައިވާއިރު އަދީބު ކުށުގެ އިއުތިރާފެއް ގާއިމްކޮށްފައިވަނީ މަޖުބޫރުންކަމަށް ބެލެވޭނެ އެއްވެސް ހަމައެއް ނެތް ކަމަށް ދައުލަތުން ވަނީ ބުނެފައެވެ.ދައުލަތުން ބުނެފައިވަނީ އަދީބު އެންމެ ފުރަތަމަ އެއްބަސްވުން ގާއިމްކުރީ 08 ޖޫން 2019 ގައި ކަމަށެވެ. އަދި މި އެއްބަސްވުމުގައި ވަނީ މައްސަލައަށް އެއްބާރުލުން ދިނުމާއި، އެކު ކުށުގެ އިއުތިރާފުކަމަށް ވެސް ދައުލަތުން ވަނީ ބުނެފައެވެ. އަދި އެ އެއްބަސްވުމަށް ފަހު ތަހުގީގަށް 11 ޖޫންގައި އަދީބު ހާޒިރުވެފައިވާ ކަމަށާއި ތަހުގީގާއި ގުޅިގެން އަދީބު ދީފައި ވަނީ ދެ ބަޔާނެއްކަމަށް ދައުލަތުން ބުންޏެވެ. މި ދެ ބަޔާން ވެސް އެކުލެވިގެން ވަނީ އެކި ތާރީހުތަކުގައި ހާޒިރުކޮށް ކުރި ސުވާލުތަކަށް އަދީބު ދިން ޖަވާބުތަކުގެ މައްޗަށްކަމަށް ވެސް ދައުލަތުން ފާހަގަކުރިއެވެ.

މި މައްސަލައިގައި އަދީބު ސޮއިކުރީ އޭނާގެ ވަކީލުންގެ ހާޒިރުގައި ގާނޫނީ ލަފާގެ މަތީންކަމަށާއި، އަދި ގާނޫނާއި ޖިނާއީ އިޖުރާއަތުގެ ދަށުން އަދީބަށް ކަށަވަރުކޮށްދޭ ހައްގުތައް ވެސް މިއާއި އެކު ސާފުކޮށްދީފައިވާނެ ކަމަށް ދައުލަތުން ވަނީ ބުނެފައެވެ.

ދައުލަތުން ބުނެފައިވަނީ 14 ޖޫންގެ ބަޔާނަށްފަހު، އެ ހަފްތާގެ ތެރޭގައި ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ދިޔަ ކަމަށެވެ. ބަޔާން ނެގުމަށް އެންމެ ދުވަހަކު އަދީބު ފުލުހަށް ހާޒިރުވީއިރު އެ ދުވަހު ހަތް ދައުވާއަށް އިއުތިރާފުވެފައި ނުވާކަމަށް ދައުލަތުން ބުންޏެވެ. އަދި އެ ހަތް ދައުވާގައި ހިމެނޭ މުއާމަލާތްތަކާއި ގުޅޭ ހުރިހާ މައުލޫމާތެއް ވެސް އަދީބު ތަހުގީގަށް ހާމަކޮށްދީފައިނުވާކަމަށް ދައުލަތުން ވަނީ ބުނެފައެވެ.

ދައުލަތުން ބުނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ހަތް ފަހަރަކު އަދީބާއި ސުވާލު ކުރުމަށް ހާޒިރު ކުރި ކަމަށެވެ. އަދި އޮގަސްޓު މަހުގެ ތެރޭގައި ހަތަރު ފަހަރެއްގެ މަތީން އަދީބު ހާޒިރު ކުރި ކަމަށެވެ. އޭގެ އިތުރުން ސެޕްޓެމްބަރު މަހު ހަތް ދުވަހު ހާޒިރު ކުރި ކަމަށެވެ. ދައުލަތުން ވަނީ ތަކުރާރުކޮށް އަދީބު ބޭސްފަރުވާއަށް ފުރުމުގެ ކުރިން އެއްބަސްވުން ގާއިމް ކުރި ފަހުން ސުވާލު ކުރަން ހާޒިރު ކުރީ އެންމެ ފަހަރަކު ކަމަށް ބުނެފައެވެ. އަދި ބޭސްފަރުވާއަށް ފަހު ޖުމްލަ 18 ދުވަހަކު އެކި ފަހަރު މަތީން ހާޒިރުވެ އަދީބު ބަޔާން ދީފައިވާ ކަމަށް ދައަލަތުން ބުނެފައި ވެއެވެ.

ގިނަ ނުކުތާތަކެއް ފާހަގަކޮށް ދައުލަތުން ބުނެފައިވަނީ، އަދީބު ބޭސްފަރުވާއަށް ފޮނުވާފައިވަނީ ވަކި ޝަރުތުތަކެއްކޮށްގެން ކަމަށް ބެލެވޭނެ އެއްވެސް ހަމައެއް ނެތް ކަމަށެވެ. އަދި ބޭސްފަރުވާއަށް ފަހު ރާއްޖެ އައުމަށްފަހު އާއި އޭގެ ކުރިން ވެސް އަދީބާއި މެދު ސުވާލު ކުރުމުގައި އަމަލު ކުރެވޭ އެއްވެސް ގޮތަކާއި ބެހޭ ގޮތުން ސުވާލެއް އުފައްދާފައި ނެތް ކަމަށް ދައުލަތުން ވަނީ ބުނެފައެވެ. އެހެން ކަމުން ދަށު ކޯޓުގެ ނިންމުނަކީ އެއީ ގާނޫނާއި ހިލާފު ނިންމުމެއްގެ ގޮތުގައި ދައުލަތުން ފާހަގަ ކުރިއެވެ.

ދަށު ކޯޓުގެ ނިންމުމަށް ދައުލަތުން ބުނެފައިވަނީ އިއުތިރާފު އެއްބަސްވުން ބަލައިނުގަތުމަށް ނިންމި ނަމަވެސް، އަދީބާ ދެކޮޅަށް އެކަށީގެންވާ ހެކިތަކެއް ހުށަހަޅާފައިވާނެ ކަމަށެވެ. އެހެން ނަމަވެސް ކޯޓުން ދައުވާތައް ބާތިލު ކުރިއިރު އެ ހުށަހެޅުންތަކަށް ރިއާޔަތްކޮށްފައި ނެތް ކަމަށް ދައުލަތުން ވަނީ ބުނެފައެވެ.

އަދީބުގެ މައްޗަށް އުފުލި ހަތް ދައުވާގެ އިސްތިއުނާފުގެ އަޑުއެހުންތައް ހައިކޯޓުގައި ވަނީ ނިންމާލާފައެވެ. މައްސަލައިގައި ސާފުކުރަންޖެހޭ އިތުރު ކަމެއް ނެތް ނަމަ ދެން އޮންނާނީ ހުކުމް އިއްވުންކަމަށް އަޑުއެހުން ނިންމަލުމުގެ ކުރިން ބެންޗުން ވަނީ އިއުލާނުކޮށްފައެވެ.

މައްސަލަ ބައްލަވަނީ ފަނޑިޔާރު ހުސައިން މަޒީދާއި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާގެ އަދި ފަނޑިޔާރު މުހައްމަދު ނިޔާޒެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: