ކޯވިޑް-19އާ ގުޅިގެން ރައްކާތެރި ފިޔަވަޅެއްގެ ގޮތުގައި މެދުކަނޑާލާފައިވީ ”ޤާނޫނީ ވަކީލުންނާ ބައްދަލުވުން ހަމަޖެއްސުމާ ގުޅޭ އުސޫލު“ ގެ ދަށުން ޤާނޫނީ ވަކީލުން ޖަލަށް ޒިޔާރަތްކޮށް، ޤައިދީންނާއި ބަންދުމީހުންނާ ބައްދަލުކުރެވޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.
ކަރެކްޝަނުން ނެރެފައިވާ ނޫސްބަޔާނެއްގައި މިއަދު ބުނީ މާދަމާ އިން ފެށިގެން ގާނޫނީ ވަކީލުންނަށް ޖަލުތަކަށް ވަޑައިގެން އެ ވަކީލުންގެ މުވައްކިލުންނާއި ބައްދަލު ކުރެވޭނެ ކަމަށާއި މާފުށި ޖަލާއި އައްސޭރި ޖަލަށް ވަޑައިގަންނަވާ ވަކީލުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނަގަން ޖެހޭ ހުއްދަތައް ނަގަން ޖެހޭނީ އެ ވަކީލުން އަމިއްލަ އަށް ކަމަށެވެ.
މީގެއިތުރުން ކޮވިޑް19 އިން ރައްކާތެރިވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ވަކީލުން އެޅުއްވުމަށް ވެސް ކަރެކްޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.
ކަރެކްޝަނުން ބުނީ ވީޑިއޯ އަދި ފޯނު ކޯލު މެދުވެރިކޮށް ހަމަޖައްސާފައިވާ އުސޫލާ އެއްގޮތަށް ޖަލުގައި ތިބި ފަރާތްތަކަށް ގާނޫނީ ވަކީލުންނާއި ބައްދަލު ކުރުމުގެ ކުރިޔަށް ގެންދާނެ ކަމަށެވެ.
”އެއްވެސް ޖަލަކުން ކޮވިޑް19 ގެ ކޭސްއެއް ފެނިއްޖެ ނަމަ ޖަލަށް ޒިޔާރަތް ކޮށްގެން ބައްދަލުކުރުމުގެ އިންތިޒާމު މެދުކެނޑިގެން ދާނެ ވާހަކަ ދަންނަވަމެވެ،“ ކަރެކްޝަނުން ބުންޏެވެ.
ގާނޫނީ ވަކީލު ބައްދަލުވުން ހަމަޖެއްސުމަށް ”ގާނޫނީ ވަކީލުންނާއި ބައްދަލުވުން ހަމަޖެއްސުމާ ގުޅޭ އުސޫލު“ އާއި އެއްގޮތަށް ”ގާނޫނީ ވަކީލުންނާ ބައްދަލުވުމަށް އެދޭ ފޯމު“ ފުރިހަމަ ކުރުމަށްފަހު visits@corrections.gov.mv އަށް އީމެއިލް ކުރުމަށްވެސް ކަރެކްޝަނުން އެދިފައިވެއެވެ.

