ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ރާއްޖޭން ބޭރަށް ވަޑައިގެންވި ރަސްމީ ދަތުރުފުޅެއްގައި ލިބިވަޑައިގެންނެވި ކާޕެޓެއް ގެޔަށް ގެންދެވިކަމަށް ބުނެ، އެންޓިކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅި މައްސަލައިގައި ކޮރަޕްޝަނުގެ އަމަލެއް ހިނގާފައިނުވާ ކަމަށް އެންޓިކޮރަޕްޝަން ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެއެވެ.
އަމިއްލަ ފަރާތަކުން އޭސީސީއަށް ހުށަހަޅާފައިވަނީ މިނިސްޓަރ ޝާހިދު ތުރުކީއަށް ކުރެއްވި ދަތުރުފުޅެއްގައި، ތުރުކީގެ ބޮޑުވަޒީރާއި ކުރެއްވި ބައްދަލުކުރެއްވުމަށްފަހު، ލިބިވަޑައިގެންނެވި ކާޕެޓެއް ގެއަށް ގެންދަވާފައިވާކަމަށެވެ.
ކޮމިޝަންގެ މެމްބަރު އައިޝަތު އަބްދުﷲ ސޮއިކުރައްވައި، ”މައްސަލަ ނިންމި ގޮތް އެންގުމަށް ނެރުއްވާފައިވާ ރިޕޯޓުގައި ވަނީ، އެ މައްސަލައާ ގުޅިގެން ކޮމިޝަނުން ފޮރިން މިނިސްޓްރީ އަށް ދިޔުމުން، 2019 ވަނަ އަހަރުގެ ތެރޭގައި ފޮރިން މިނިސްޓްރީގެ ދަތުރެއްގައި ރަގްއެއް ނުވަތަ ކާޕެޓެއް ލިބިފައިވަނީ ފޮރިން މިނިސްޓަރ މޮރޮކޯއަށް ކުރެއްވި ދަތުރުގައި ކަމަށް އެނގިފައިވާ ކަމަށެވެ.
މި ހަދިޔާ ދެއްވާފައިވަނީ މޮރޮކޯގެ ފޮރިން މިނިސްޓަރާއެކު ބޭއްވުނު ބައްދަލުވުމެއް ނިންމާލުމަށްފަހު ނިއުސްކޮންފަރެންސެއް ބޭއްވުމަށް ހޯލަށް ވަނުމަށް މިނިސްޓަރ ދިޔަ މަގުމަތީގައި ކަމަށް މައުލޫމާތު ދީފައިވާ ކަމަށް އޭސީސީން ބުނެފައިވެއެވެ.
މޮރޮކޯއަށް ވަޑައިގެންނެވި ދިވެހި ވަފުދުގެ ބޭފުޅުން ރާއްޖެ އައުމަށް އެއަރޕޯޓަށް ގޮސް އެ ޕެކް ކުރުމުގެ ކުރިން، ޕްރޮޓެކޯލްގައިވާ ގޮތުގެމަތިން އޭގެ ފޮޓޯ މިނިސްޓްރީއާ ހިއްސާކުރިކަމަށް އޭސީސީން ބުނެފައިވެއެވެ.
އޭސީސީން ބުނީ ރާއްޖޭގެ ޑެލިގޭޝަން ޓީމު މާލެއައި ދުވަހު (19 ނޮވެންބަރު 2019) ގައި އެ ކާޕެޓް މިނިސްޓްރީ އަށް ގެނެސްފައިވާނެ ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތު ދީފައިވާނެ ކަމަށެވެ.
ފޮރިން މިނިސްޓްރީގެ ސީސީޓީވީގެ ބެކަޕް ބެލިބެލުމުން އެއަރޕޯޓުން ޕެކިންކުރިއިރު، ފޮޓޯ ނަގާފައިވާ ރަގް، 19 ނޮވެންބަރު 2019 ވަނަ ދުވަހު ހެނދުނު 8:45 އާއި 9:15 އާ ދެމެދު މިނިސްޓްރީ އަށް ގެނެސްފައިވާކަން ކަށަވަރު ކުރެވިފައިވާ ކަމަށް އޭސީސީން ބުނެއެވެ.
މި މައްސަލައަކީ، އެންޓި ކޮރަޕްޝަން ކޮމިޝަންގެ ޤާނޫނުގެ 25 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަމްބަރުގައި ވާފަދައިން، ކޮރަޕްޝަންގެ ކުށެއް އެކުލެވިގެން ނުވާ މައްސަލައެއްކަމަށް ކަނޑައަޅައި، މައްސަލަ ނިންމި ކަމަށް އޭސީސީގެ ރިޕޯޓުގައިވެއެވެ.

