މޯލްޑިވްސް މީޑިއާ ކައުންސިލް އިން ދޭ ނޫސްވެރިކަމުގެ އިނާމަށް 80 ހުށަހެޅުމެއް ލިބިފައިވާކަމަށް އެ ކައުންސިލުން ހާމަކޮށްފިއެވެ.
ކޮވިޑާއި ގުޅިގެން މި އަހަރުގެ އިނާމަށް ހުޅުވާލުން ފަސް ކުރުމަށްފަހު، އެމްއެމްސީއިން 2019 ވަނަ އަހަރުގެ ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހެޅުމަށް ހުޅުވާލާފައިވަނީ މި މަހުގެ ކުރީކޮޅުއެވެ.
އެގޮތުން އެމްއެމްސީއިން ވަނީ ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރަމުން އަންނަ ފަރާތްތަކަށް 11 ދާއިރާއަކުން އެވޯޑަށް ހުޅުވާލާފައެވެ. އޭގެ ތެރޭގައި ހިމެނެނެީ އިންވެސްޓިގޭޓިވް ޖާނަލިޒަމް ނުވަތަ ތަހުގީގީ ނޫސްވެރިކަން، އިޖުތިމާއީ ދާއިރާގެ ނޫސްވެރިކަން، ތާރީޚާއި ސަގާފަތުގެ ދާއިރާ، ފަންނުވެރިކަން، ތިމާވެއްޓާއި ދެމެހެއްޓެނެވި ތަރައްގީގެ ދާއިރާ އާއި، ސިޔާސީ ދާއިރާގެ އިތުރުން ޝަރުއީ އަދި ގާނޫނީ ދާއިރާ އާއި، ވިޔަފަރިއާއި އިގުތިސޯދީ ދާއިރާގެ އިތުރުން، ކުޅިވަރާއި، ފީޗާ/ރިޕޯޓު ލިޔުންތެރިކަމުގެ ދާއިރާ، އަދި ފޮޓޯ ޖާނަލިޒަމް އާއި ވީޑިއޯ ޖާނަލިޒަމްގެ ދާއިރާއެވެ. މީގެ އިތުރުން އެންމެ އުންމީދީ ނޫސްވެރިޔާގެ އެވޯޑަށް ވެސް ހުޅުވާލިއެވެ.
އުންމީދީ ނޫސްވެރިޔާގެ އެވޯޑު ހިމެނޭހެން، މި ދާއިރާތަކަށް ނޫސްވެރިޔާގެ ނަން ހުށަހަޅާނީ އެ ނޫސްވެރިއެއް މަސައްކަތް ކުރާ މީޑިއާއެއްގެ ފަރާތުންނެވެ. އަދި އެ ނޫސްވެރިއެއްގެ އަމިއްލަ ހައިސިއްުޔަތުން ވެސް އެވޯޑަށް ނަން ހުށަހެޅޭނެއެވެ.
ނޫސްވެރިކަމުގެ އިނާމަށް ހުޅުވާލި ފުރުސަތުގައި އެންމެ ގިނަ ހުށަހެޅުން ލިބިފައިވަނީ އޮންލައިން މީޑިއާތަކުންނެވެ. އެގޮތުން އޮންލައިން މީޑިއާތަކުން ވަނީ ފީޗާރާ/ރިޕޯޓު ދާއިރާއިން 24 ހުށަހެޅުމެއް ލިބިފައެވެ. އަދި ބްރޯޑްކާސްޓިން ނުވަތަ ޓީވީތަކުން ވަނީ 05 ނޫސްވެރިއެއްގެ ނަން ހުށަހަޅާފައެވެ. މީގެ އިތުރުން އިޖުތިމާއީ، ތާރީޚާއި ސަގާފަތް، ފަންނުވެރިކަމުގެ ކެޓަގަރީ އަށް އޮންލައިން ކެޓަގަރީ އިން 10 ނޫސްވެރިއެއްގެ ނަން ހުށަހަޅާފައިވެއެވެ. އޮންލައިން ކެޓަގަރީއިން 05 ނޫސްވެރިއެއް ސިޔާސީ ދާއިރާއިން ވާދަކުރާއިރު ޓީވީ ދާއިރާއިން 03 ނޫސްވެރިއެއް ވާދަކުރާނެއެވެ.
އެމްއެމްސީއިން އެވޯޑުތައް ދޭ އުސޫލުގެ ދަށުން، އެންމެ އުއްމީދީ ނޫސްވެރިޔާގެ އިނާމު ދޭނީ ޓީވީތަކާއި އޮންލައިން މީީޑއާ ހިމެނޭހެން އެކީގައެވެ. އަދި މިދާއިރާއިން ކޮންމެ މީޑިއަކުން ހުށަހެޅޭނީ އެންމެ ނަމެކެވެ. އަދި ބާކީ ކެޓަގަރީތަކުން އެވޯޑުތައް ދޭނީ ވަކިވަކީންނެވެ.
ނޫސްވެރިކަމުގެ އިނާމު ދިނުމުގެ ޖަލްސާ އޮންނަ ތާރީހެއް އެމްއެމްސީއިން އަދި ހާމައެއް ނުކުރެއެވެ.

