ދިވެހިރާއްޖެ ފަދަ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ އިގްތިސާދަށް، ދަރަނީގެ ސަބަބުން ލިބޭ ގޮންޖެހުންތައް ވަރަށް ރަނގަޅަށް ސާފުވެގެން ހިނގައްޖެކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
އ.ދ. ގެ އާއްމު މަޖިލީހުގެ 75 ވަނަ ބައްދަލުވުމުގެ އާއްމު ބަހުސްގައި ވާހަކަދައްކަވަމުން މިނިސްޓަރ ޝާހިދު ވިދާޅުވީ، ކޮވިޑް-19ގެ ހާލަތުގައި ދަސްކުރަންވީ ފިލާވަޅުތައް ވަރަށް ގިނަ ކަމަށާއި ގައުމުތަކުން ދަރަނި ނެގުން ވަގުތީ ގޮތުން ހުއްޓާލުމަށް ނިންމެވި ނިންމެވުމަށް ޝުކުރުވެރިވާ ކަމަށެވެ. އަދި މިކުރިމަތިވެފައިވާ އިގްތިސާދީ އަނދަވަޅުން އަރައިގަތުމަށް މަސައްކަތްތަކެއް ކުރަންޖެހިފައިވާ ކަމަށާއި G20 ގެ މި ނިންމެވުން 2021 ވަނަ އަހަރުގެ ނިމުމާއި ހަމައަށް ފަސްކޮށްދެއްވުމަށް އެ ގައުމުތަކުގެކިބައިން ޝާހިދު ވަނީ އެދިވަޑައިގެންފައެވެ.
ދަރަނި ދެއްކުން ވަގުތީ ގޮތުން ހުއްޓާލުމަކީ، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ކޮވިޑް-19 ގެ ސަބަބުން ލިބޭ ގެއްލުންތަކަށް ކުޑަކުރުމަށް ކުރެވޭ މަސައްކަތުގެ ކުޑަ މިންވަރެއް. އަޅުގަނޑުމެންނަށް މިއަދު އެންމެ ބޮޑަށް ބޭނުންޖެހިފައިމިވަނީ ފެންވަރު ރަނގަޅު ބިނާތަކާއި އުސްލޫބީ ބަދަލުތަކާއި ފުޅާ ދާއިރާއެއްގައި ފަސޭހައިން ލިބޭ މާލީ އެހީތެރިކަމަށް. އަދި، އަޅުގަނޑުމެންގެ ޖަޒީރާތަކުގެ ނާޒުކު ކަމުގެ ސަބަބުން ދިމާވާ ގޮންޖެހުންތައް ފަސޭހަކަމާއެކު ދެނެގަނެވޭނެ ނިޒާމެއް ޤާއިމުކުރުމުން އެމައްސަލަތަކަށް ހައްލުކުރުމަށް ބޭނުންވާ ޚާއްޞަ ފިޔަވަޅުތަކެއް ކަނޑައެޅިގެންދާނެ.
ޝާހިދު ވިދާޅުވީ، ސަރުކާރަށް އެންމެ މުޙިއްމު ކަމަކަށްވީ ކޮވިޑް-19ގެ ސަބަބުން، ރާއްޖޭގެ ރައްޔިތުންގެ ސިއްހަތަށާއި ދުޅަހެޔޮކަމަށް ކުރާ އަސަރުތައް ކުޑަކުރުމަށް ފިޔަވަޅު އެޅުންކަމަށެވެ. މިގޮތުން ދިވެހިރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާންކުރެވުނު ކަމަށާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ ގާއިމްކުރައްވައި، ކޮމިޓީގެ ބައްދަލުވުންތައް އެ މަނިކުފާނު އިސްވެ ހުންނަވައިގެން އަމިއްލަފުޅަށް ބައްލަވަމުން ގެންދެވިކަން ފާހަގަކުރެއްވިއެވެ. އަދި ދިވެހިރާއްޖޭގައި ކޮވިޑް-19އަށް ޓެސްޓު ކުރެވޭ މިންވަރު އިތުރުކޮށް، މި ބައްޔަށް ފަރުވާދޭނެ ޚާއްސަ މަރުކަޒުތައް ގާއިމުކޮށް، ރާއްޖޭގެ އެކި ކަންކޮޅުތަކަށް ތަމްރީނުވެފައިވާ ސިއްހީ ފަރުވާދޭ ބޭފުޅުން ފޮނުވުނުކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި ކުރީ ސަފުގައި، ރެއާއި ދުވާލު، ނުހަނު ބުރަކޮށް މަސައްކަތް ކުރައްވަމުން ގެންދެވި ބޭފުޅުންގެ ހިތްވަރުގަދަކަމާއި ހިވާގިކަމާއެކު، ސިއްހީ ދާއިރާގައި ދިވެހި ރައްޔިތުންނަށް ދެވެމުން ދިޔަ ޚިދުމަތް، އިތުރަށް ފުރިހަމަވެ، ހަރުދަނާވެގެންދިޔަކަމަށް ޝާހިދު ވިދާޅުވިއެވެ.
ދެވަނައަށް އެންމެ ބޮޑު މަސްއޫލިއްޔަތެއްގެ ގޮތުގައި ޝާހިދު ފާހަގަކުރެއްވީ، ދިވެހިރާއްޖެއަށް ލިބެމުން ދިޔަ އިގްތިސާދީ ހީނަރުކަން ފޫބައްދާ، ދިވެހި ގޭބިސީތަކަށާއި ވިޔަފާރިތަކަށް ލިބެމުންދިޔަ ގެއްލުން ކުޑަކުރުމެވެ. އެގޮތުން އާމްދަނީގެ އެހީއާއި ސްޓިމިއުލަސް ޕެކޭޖްތަކާއި ވަގުތީގޮތުން ދަރަނި މައާފްކުރުން، އަދި ޓެކްސް ލުއިކުރުމުގެ ތަފާތު ޕްރޮގްރާމްތައް ތައާރަފްކުރެވިގެންދިޔަކަން ޝާހިދުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. މާލީ ގޮތުންނާއި ދަތުރުފަތުރުގެ ގޮތުން ގޮންޖެހުންތަކެއް ހުރި ނަމަވެސް، އިޖްތިމާޢީ ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ ގޮތުންނާއި ބޭސްފަރުވާއަށާއި އެކަނިވެރި މައިންނަށްދޭއެހީއާއި، ވަޒީފާއިން މުސްކުޅިކުރެވިފައިވާ މީހުންނަށް ޕެންޝަން ދޫކުރުމުގެ މަސައްކަތްތައް ވަނީ ހުއްޓުމެއްނެތި ކުރިއަށް ގެންގޮސްފައިވާކަމަށް ޝާހިދު ވިދާޅުވިއެވެ.
ކޮވިޑް-19 ގެ ބަލިމަޑުކަމަށްފަހު، އަޅުގަނޑުމެންގެ އިޤްތިޞާދީ މަސައްކަތްތައް އަލުން ފެށިފައިވާއިރު، މިކަން އާދައިގެ ކަމެއްގެ ގޮތުގައި ބަލައިގެން ނުވާނެ. ލިބިފައިވާ މި ފުރުޞަތުގެ ބޭނުން ހިފައިގެން އަޅުގަނޑުމެން ޢަޒުމް ކަނޑައަޅަންވީ، ފެހި ތަރައްޤީއެއް އިއާދު ކުރުން އަދި މިކަމުގައި، އެއްވެސް ޤައުމެއް ބާކީ ކޮށްލެވިގެން ނުވާނެ. މި ފުރުޞަތަކީ ދުނިޔެ ހޫނުކުރާ ވިހަ މާއްދާތައް ހިމެނޭ ގޭސްތައް ޖައްވަށް ދޫކުރުން މަދުކޮށް، ދުނިޔެ ހޫނުވަ މިންވަރު 1.5 ޑިގްރީގެ ތެރޭގައި ހިފެހެއްޓުމަށް އޮތް ރަނުގެ ފުރުޞަތެއް. އަންނަ އަހަރު ގްލާސްގޯގައި ބޭއްވުމަށް ހަމަޖެހިފައިވާ ކްލައިމެޓް ކޮންފަރަންސުން ލިބޭ ނަތީޖާ އިތުރަށް ވަރުގަދަ ކުރުމަށް ހިތްވަރާއެކު، ޤައުމުތައް އެކުގައި މަސައްކަތްކުރުމަށް ގޮވާލަން.
މީގެ އިތުރުން ރައީސް ސޯލިހުގެ ސަރުކާރުގެ ފަރާތުން އިންސާނީ ހައްގުތައް ހިމާޔަތްކޮށް ކުރިއެރުވުމަށް ދެއްވާ ޚާއްސަ އަހަންމިއްޔަތުކަމުގެ މައްޗަށް އަލިއަޅުއްވަމުން، ފަލަސްތީނާއި ރޮހިންޔާގެ މުސްލިމުންގެ ހައްގުގައި އެމަނިކުފާނު ވަކާލާތުކުރެއްވިއެވެ. އަދި ކުރިއަރަމުން އަންނަ ކުދި ޖަޒީރާ ޤައުމެއްގެ ހައިސިއްޔަތުން އިންސާނީ ހައްގުތަކަށް އިޙްތިރާމުކުރާ ސަގާފަތެއް އަށަގެންނެވުމަށް ދިވެހިރާއްޖެއިން ކުރާ މަސައްކަތުގެ ތެރެއިން ލިބިފައިވާ ޚާއްސަ ތަޖުރިބާ ދުނިޔޭގެ އެހެން ގައުމުތަކާ ހިއްސާކުރުމަށް ތައްޔާރަށް ތިބިކަން ހާމަކުރެއްވިއެވެ.

