ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަދީބުގެ ބަސް: އެމްއެމްޕީއާރުސީގެ ހިޔާނާތަކީ ކުރީގެ ސަރުކާރުން ހިންގި ބޮޑު ސްކޭމެއް، މަޖިލީސް ވޯޓުތަކަށް ވެސް ހަރަދު ކުރި!

ކުރީގެ ރައީސް ޔާމީން އާއި ކުރީގެ ނައިބް ރައީސް އަހުމަދު އަދީބު
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންގެ ހިޔާނަތް ހިންގާފައިވަނީ ކުރީގެ ސަރުކާރުގެ ބޮޑު ރޭވުމެއްގެ ދަށުން ކަމަށާއި، އެ ފައިސާތައް އޭރު އެކި މުވައްސަސާތަކާއި އަދި ރައްޔިތުންގެ މަޖިލީހުގެ ވޯޓުތަކަށް ހަރަދުކޮށްފައިވާ ކަމަށް ކުރީގެ ނައިބް ރައީސް އަހުމަދު އަދީބު ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ) ގެ ހިޔާނާތުގެ މައްސަލައިގައި އަދީބުގެ މައްޗަށް ދައުލަތުން ކްރިމިނަލް ކޯޓުގައި ހަތް ދައުވާއެއް އުފުލި ނަމަވެސް، ފަސް އަސާސެއްގެ މައްޗަށް ބިނާކޮށް އެ ދައުވާތައް ކްރިމިނަލް ކޯޓުން ބޭރު ކުރިއެވެ. އަދި އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، އެ ކޯޓުން ވަނީ މައްސަލަ އަލުން ބެލުމަށް ކްރިމިނަލް ކޯޓަށް އަންގާފައެވެ. އެމްއެމްޕީއާރުސީ މައްސަލައިގައި އަދީބަށް އުފުލާފައިވާ ދައުވާތަކުގެ ތެރޭގައި ޓޫރިޒަމް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނަވައިގެން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ފައިދާ ހޯދައިދިނުމުގެ ދައުވާ ހިމެނެއެވެ. އަދީބުގެ މައްޗަށް ހަތް ދައުވާ ވެސް އުފުލީ އެމްއެމްޕީއާރްސީގެ ތެރެއިން 2014 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރާއި ދެމެދު ހިންގި ކޮރަޕްޝަނާއި މަނީލޯންޑްރިން މައްސަލައާއި ގުޅިގެންނެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހިންގި އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތުގެ ތުހުމަތު ކުރެވޭ މި ސަރުކާރުގެ ވެރިންނާއި އެމްޑީޕީގެ މަޖިލިސް މެންބަރުންގެ މައްސަލަތަކުގެ ވާހަކަތައް މީގެ ކުރިން ވެސް ދެކެވުނެވެ. އަދި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައަކީ ގައުމީ މަސްލަހަތު ހިމެނޭ ޖިނާއީ ބޮޑު މައްސަލައަކަށްވާތީ އެ މައްސަލާގައި އަދުލް އިންސާފު ކަށަވަރު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ޕީޖީ އޮފީހުން ކުރާނެކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ. އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތުގެ ތުހުމަތު ކުރެވޭ މީހުންގެ ލިސްޓުގައި ހުރިހާ ދިމާލެއްގެ ސިޔާސީ ލީޑަރުންނާއި ބޭފުޅުން ހިމެނޭ ކަމަށް ޕީޖީ ހުސައިން ޝަމީމް ވިދާޅުވެފައި ވެއެވެ.

ޝަމީމް ވިދާޅުވީ ރައީސް ޔާމީނާއި އަދީބާއި ޒިޔަތުގެ އިތުރުން ތުހުމަތު ކުރެވޭ 260 ސިޔާސީ ބޭފުޅުންގެ އެބަ ތިއްބެވި ކަމަށެވެ. އެ ލިސްޓުގައި އެކި ޕާޓީތަކުގެ ބޭފުޅުން ތިިއްބެވި ކަމަށެވެ. އެ ގޮތުން އެންމެ ބޮޑު ދެ ޕާޓީ ކަމުގައިވާ އެމްޑީޕީއާއި ޕީޕީއެމް އޭނާ ފާހަގަ ކުރެއްވި އެވެ. އެއީ މިދިޔަ ޖޫމް މަހުގެ ތެރޭގައެވެ.

އަދީބުގެ މައްޗަށް އުފުލާފައިވާ ހަތް ދައުވާގެ މައްސަލައިގައި މިއަދުގެ އަޑުއެހުމުގައި ޝަރީއަތުން ވަނީ، ދައުލަތުން އަދީބާއި އެކު ވެފައިވާ އެއްބަސްވުމާއި ގުޅޭގޮތުން ސުވާލު ކުރައްވާފައެވެ. މައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދު ވަނީ އެއްބަސްވުން ބިނާކުރެއްވި އަސާސަކީ ކޮބައިތޯ ސުވާލުކޮށްފައެވެ. ޖަވާބުގައި ދައުލަތުން ބުނެފައިވަނީ އެ އެއްބަސްވުން ގާއިމްކޮށްފައިވަނީ ގާނޫނު ނަމްބަރު 12/2016 ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 104 ވަނަ މައްދާގެ ދަށުން ކަމަށެވެ. އަދި އެ މާއްދާގައި ބަޔާންކުރާ ގޮތުން ޖިނާއީ ކުށެއް ކުރެވޭ މީހަކާއި ޕްރޮސެކިއުޓާ ޖެނެރަލް އާއި ދެމެދު މަޝްވަރާ ކުރެވި އެ ކުށަށް އިއުތިރާފުވުމަށް ބޭނުންވާކަން ހާމަ ކުރާ ހާލަތުގައި އިއުތިރާފުގެ އެއްބަސްވުމަކަށް ވާސިލްވެވިދާނެ ކަމަށެވެ.

ދައުލަތުން ބުނެފައިވަނީ އިއުތިރާފުގެ އެއްބަސްވުމަކަށް ވާސިލްވެވޭނީ ތަހުގީގު މަރުހަލާފައި ކުށަށް އިއުތިރާފުވާކަން ހާމަކޮށް ދައުލަތާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއި މަޝްވަރާކޮށް އަދި ގާނޫނުގެ 104 ވަނަ މާއްދާގައި ބުނާގޮތުގައި ކުށުގެ ތުހުމަތު ކުރެވޭ މީހާ އެ މީހެއްގެ މައްޗަށް ދައުވާ އުފުލޭ ހާލަތުގައި ދައުވާއަށް އިއުތިރާފުވުމުން ގާނޫނުގައި ކަނޑައެޅިފައިވާ އަދަބު ލުއިކޮށްދިނުމަށް އެދި އެއްބަސްވެވިދާނެ ކަމަށެވެ. އެހެން ކަމުން އެގޮތުގެ މަތީން އެއްބަސްވުމެއް ހެދިފައިވާކަން ދައުލަތުން ފާހަގަ ކުރިއެވެ.

މައްސަލައިގައި ހުރިހާ ދައުވާއެއްގެ ހުލާސާއެއް ހުށަހަޅާ ނިމުމުން އަދީބަށް ދިން ފުރުސަތުގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ މައްސަލައިގެ ތެރޭގައި އާއި ޖަލުގައި ދުވަސްތަކެއް ހޭދަ ކުރާތާ ހަތަރު ފަސް އަހަރުވެފައިވާ ކަމަށެވެ. މި މައްސަލައިގައި ދައުލަތާއި ވާހަކަ ދައްކާ މަޝްވަރާ ކުރުމަށް ވެސް އެދުނީ އޭނާ ކަމަށާއި، ތަހުގީގަށް އެއްބާރުލުން ދީ ދައުލަތަށް މައުލޫމާތުތައް ފޯރުކޮށްދެމުން ދާ ކަމަށް އަދީބު ވިދާޅުވިއެވެ. އެގޮތުން 2019 ވަނަ އަހަރުން ފެށިގެން ދައުލަތަށް އެކި ގޮތް ގޮތުން އެއްބާރުލުން ދެމުން ގެންދާކަން އަދީބު ވަނީ ފާހަގަ ކުރައްވާފައެވެ.

މިއީ ދިވެހިރާއްޖޭގެ ތާރީހުގެ ތެރޭގައި ވެސް މިހާތަނަށް ހިނގާފައިވާ އެންމެ ބޮޑު އެއް މައްސަލަ ކަމަށާއި، ދައުލަތަށް އެއްބާރުލުން ދޭން ނިންމީ މިއީ ރައްޔިތުންނަށް ސާފުވާން ޖެހޭ މައްސަލައެއްކަމަށް ދެކޭތީ ކަމަށެވެ. އަދީބު ވިދާޅުވީ މައްސަލައިގައި އޭނާއަށް ދެވެން އޮތް އެހީތެރިކަމެއް ދޭނެ ކަމަށާއި، ހިތާމައަކީ މީގެ ކުރީގެ ސަރުކާރުން މި މައްސަލަ ތަހުގީގުކޮށް ހަގީގަތް ހޯދަން އެއްގޮތަކަށް ވެސް ބޭނުންފުޅު ނުވާތީ ކަމަށެވެ. އަދީބު ވިދާޅުވީ ކުރީގެ ސަރުކާރުގެ ވިސްނުން އޮތީ އެމްއެމްޕީއާރުސީގެ މައްސަލަ އެނާއާއި އިތުރު އެހެން ދެ ތިން މީހަކާއި ހިސާބުން ނިންމާލުމަށް ކަމަށާއި، ގެއްލިފައިވާ ފައިސާ ހޯދުމުގެ ނިޔަތެއް ވެސް ކުރީގެ ސަރުކާރުން ގެންގުޅެފައި ނުވާ ކަމަށެވެ. އޭރު އެއްބާރުލުން ނުދެވުނީ، މައުލޫމާތުތައް ދޭން ބޭނުންފުޅުވިޔަސް ސަރުކާރުގެ އެ ވިސްނުން ނެތުމުގެ ސަބަބުން ކަމަށް އަދީބު ވިދާޅުވިއެވެ.

އަދީބު ވިދާޅުވީ ދައުލަތުގެ ފަރާތުން އުފުލާފައިވާ ހަތް ދައުވާއަށް ވެސް އޭނާ އިއުތިރާފުވާ ކަމަށެވެ. މައްސަލަ ފެށިގެން އައި ގޮތް ކިޔައިދޭން ބޭނުންވާކަން ފާހަގަކޮށް އަދީބު ވިދާޅުވީ އޭނާގެ ޓޫރިޒަމް މިނިސްޓަރުކަމުގެ ދުވަސްވަރު އެއީ ސިޔާސީ ގޮތުން ވަރަށް ހަލަބޮލި ދުވަސްތަކެއް ކަމަށެވެ. އަދި އެ ހަމަނުޖެހުންތަކުގެ ސަބަބުން ފަތުރުވެރިކަން ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާކަމަށާއި އޭރު އޭނާ އުމުުރުން 28 އަހަރުކަމަށް އަދީބު ވިދާޅުވިއެވެ. އެހެން ކަމުން އެތައް މަސައްކަތްތަކެއްކޮށް އެއް މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމުގެ ޓާގެޓު ހަމަކުރީ ވެސް އޭނާ ކަމަށް އަދީބު ވިދާޅުވިއެވެ.

އަދީބު ވިދާޅުވީ 2012 އަދި 2013 ގައި ވެސް އިންވެސްޓަރުން ހޯދައިގެން ގެނައި ކަމަށެވެ. އަދި އޭރު ރަށްތައް ދެވުނީ ބިޑުކޮށްގެން ކަމަށް އޭނާ ވިދާޅުވިއެވެ. އެހެން ނަމަވެސް އޭގެ ޖެހިގެން އައި 2014 އަދި 2015 ގައި ރައީސް އޮފީހުން ނިންމައިގެން އެމްއެމްޕީއާރުސީގެ އޮބްޖެކްޓިވްތައް ބަދަލުކޮށް އޭރުގެ ރައީސް އަބްދުﷲ ޔާމީންގެ ސިޔާސަތަކަށް ވީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ރަށްތައް ދިނުން ކަމަށެވެ.

މައްސަލައިގައި އަދީބު ވިދާޅުވީ މުވައްސަސާތައް މީގެ ކުރިން މިނިވަނެއް ނޫން ކަމަށެވެ. ކުރީގެ ސަރުކާރުގައި ރައްޔިތުންގެ މަޖިލީސް ވެސް ހިންގަމުން ދިޔައީ ބޭނުން ގޮތަކަށް ކަމަށެވެ. އެހެން ނަމަވެސް މިއީ އެއްގޮތަކަށް ވެސް އޭނާގެ އިރުޝާދުތަކެއް ނޫން ކަމަށް އަދީބު ފާހަގަ ކުރިއެވެ. އަދި ވިދާޅުވީ އިރުޝާދެއް ދިން ނަމަ އެކަން އެގޮތަށް ކޮށްފައި ވާނީ ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުގެ ދަށުން ކަމަށެވެ. އަދީބު ވިދާޅުވީ ފައިސާ އޭރުގެ ޕާލިމެންޓާއި، އޭރުގެ މުވައްސަސާތައް ހަރަދުކޮށްފައިވާ ކަމަށެވެ. އަދީބު ވިދާޅުވީ މިއީ ވަރަށް ގިނަ ބައެއްގެ ބައިވެރިވުން އޮތް، އަދި މަންފާ ލިބިފައިވާ މައްސަލައެއް ކަމަށެވެ.

އަދީބު ވިދާޅުވީ މަޖިލީހުގައި ނެގުނު އެކި ވޯޓުތައް ވެސް ފައިސާ ހަރަދުކުރެވިފައިވާ ކަމަށެވެ. ތަހުގީގަށް އެއްބާރުލުން ދީ އެ މައުލޫމާތުތައް ދެމުން ގެންދާކަމަށް އަދީބު ވިދާޅުވިއެވެ. އަދީބު ވިދާޅުވީ މަންފާ ހޯދިމީހުން އެ ފައިދާއިން ވިޔަފާރިތައް ވެސް ހިންގަމުން ދާ ކަމަށެވެ. އަދީބު ވިދާޅުވީ އެއްބާރުލުން ދިނުމުން ފައިސާ ހޯދާ، މައްސަލަ ކޮޅެއްގައި ޖެހުމަށް ފަސޭހަ ވާނެ ކަމަށެވެ.

މީގެ އިތުރުން އަދީބު ވިދާޅުވީ، އެސްއޯއެފްގެ އެކައުންޓު ވެސް ބޭނުން ކުރީ އޭރުގެ ރައީސްގެ އިރުޝާދުގެ ދަށުން ކަމަށެވެ. އަދީބު ވިދާޅުވީ މައްސަލައިގައި އިންސާފު ލިބޭނެ ކަމަށް އުންމީދު ކުރާ ކަމަށެވެ. މިއީ މީގެ ކުރީގެ ސަރުކާރުން ރާވައިގެން ހިންގި ސްކީމެއްކަމަށް އޭނާ ވިދާޅުވިއެވެ.

އަދީބު ކުށަށް އިއުތިރާފްވެ ވަޑައިގަންނަވަނީ އެއްވެސް މަޖުބޫރު ކަމެއް އޮވެގެންތޯ އާއި އިއުތިރާފްގެ އެއްބަސްވުން ހެެދީ މަޖުބޫރު ކަމެއް އޮވެގެންތޯ ގާޒީ ހަސަން ސައީދު ސުވާލު ކުރެއްވުމުން އަދީބު ވިދާޅުވީ އެއްވެސް މަޖުބޫރު ކަމެއް ނެތް ކަމަށެވެ. އަދީބު ކުށަށް އިއުތިރާފްވެ ވަޑައިގެންފައިވާތީ އަވަސް ނިޔާގެ މައްސަލައެއްގެ ގޮތުގައި އަންނަ ހޯމަ ދުވަހު އެ މައްސަލާގެ ހުކުމް އިއްވަވާނެ ކަމަށް ގާޒީ ހަސަން ވިދާޅުވި އެވެ. އަދި ހުކުމްކޮށް ނިމެންދެން އަދީބު ބަންދުގައި ބެހެއްޓުމަށް ވެސް ގާޒީ އަމުރު ކުރެއްވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: