މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންގެ ހިޔާނަތުގެ މައްސަލައިގައި ދައުލަތުން ހަތް ދައުވާ އުފުލާފައިވާ ކުރީގެ ނައިބް ރައީސް އަހުމަދު އަދީބު އަބްދުލްޤަފޫރު ގޭ ބަންދަށް ބަދަލުކޮށްފިއެވެ.
އަދީބުގެ މައްޗަށް އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި އަދީބުގެ މައްޗަށް ދައުލަތުން ކްރިމިނަލް ކޯޓުގައި ހަތް ދައުވާއެއް އުފުލި ކުރިޔަށް ދާއިރު އޭނާ ވަނީ ދައުވާތަކަށް އިއުތިރާފުވެފައެވެ.
މައްސަލަ ނިމެންދެން ބަންދުގައި ހުންނެވި، އަދީބު ގޭބަންދަށް ބަދަލުކޮށްފައިވާކަން ކަރެޝަންސްގެ މީޑީއާ އޮފިޝަލް އަހްމަދު ނަސީމް ވަނީ ”ސަންގު“ އަށް ކަށަވަރުކޮށް ދެއްވާފަ އެވެ. އެހެން ނަމަވެސް އަދީބު ގެއަށް ބަދަލު ކުރީ ސީދާ ކޮން ދުވަހަކު ކަމެއް އޭނާ ސާފުކޮށް ނުދެއެވެ.
އަދީބު ގޭބަންދަށް ބަދަލު ކުރި ސަބަބަކީ ކޮބައިތޯ ސުވާލު ކުރުމުން ނަސީމް ވިދާޅުވީ، އެއީ ބަލި ހާލަތު ހުރި ގޮތުން ކަމަށެވެ. އަދި އަދީބު ގެއަށް ބަދަލު ކުރީ ކޯޓުގެ ހުއްދައާއި އެކު ކަމަށް އޭނާ ވިދާޅުވިއެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން އަދީބުގެ މައްޗަށް އުފުލާފައިވާ ދައުވާތައް ކުރިމިނަލް ކޯޓުން ބާތިލުކުރި މައްސަލައިގެ އިސްތިއުނާފު ޝަރީއަތް ނިމެންދެން އޭނާ ރިމާންޑު ޖަލެއްގައި ބަންދުގައި ބެހެއްޓުމަށް ހައިކޯޓުން އަމުރުކުރީ ޖުލައި މަހުގެ 23 ވަނަ ދުވަހުއެވެ. އަދި މައްސަލައިގައި މާދަމާ އަަވަސް ނިޔާއެއްގެ ގޮތުގައި މައްސަލަ ނިންމުމަށް ވަނީ ނިންމަވާފައެވެ.
ކްރިމިނަލް ކޯޓުގައި ކުރިއަށްދިޔަ ޝަރީއަތުގެ އަޑުއެހުމުގައި އަދީބު ވިދާޅުވީ އޭނާ ވެސް އިސްތިސްނާ ނުވާ ގޮތަށް މި ހިޔާނާތުގައި ޝާމިލުވާ އެންމެން އިންސާފުގެ ކުރި މައްޗަށް ގެނެސް އަދަބު ދޭން ޖެހޭ ކަމަށާއި އެގޮތުން މިކަމުގެ މަންފާ ކުރީގެ ރައީސުންނާއި މަޖިލިސް މެންބަރުންނާއި މިނިވަން މުއައްސަސާތަކުގެ ވެރިންނާއި އަދި ސިޔާސީ ހުރިހާ ޕާޓީއަކަށް ވެސް ލިބުނު ކަމަށެވެ. އަދި އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ އިން މަންފާ ލިބުނު ފަރާތްތަކުން ވިޔަފާރިތައް ފަށައި ނުހަނގު މުއްސަނދިކަން ހޯދަމުންދާ ކަމަށާއި އުއްމީދަކީ ހަމައެކަނި އޭނާގެ ބަދަލުގައި މިކަމުގައި ޝާމިލުވާ އެހެން ފަރާތްތައް ވެސް އިންސާފުގެ ކުރިމައްޗަށް ގެނައުން ކަމަށް އަދީބު ވިދާޅުވިއެވެ.
އަދީބަށް ބޭނުންވާ ފަރުވާގެ ފުރުސަތު ފަހިކޮށް ދިނުމަށް އަނިޔާއާ ދެކޮޅަށް މަސައްކަތްކުރާ ބައިނަލްއަގުވާމީ ޖަމިއްޔާތަކުން ވެސް ގޮވާލާފައިވެއެވެ. އެމްނެސްޓީން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަށް ފޮނުވާފައިވާ އެ ސިޓީގައި ބުނެފައިވަނީ އަދީބުގެ ސިއްހީ ހާލަތު ގޮސްފައިވާ ހިސާބާއި މެދު ކަންބޮޑުވާކަމަށެވެ. އަދި އަދީބަށް ސިއްހީ މައްސަލަތައް ދިމާވެފައިވާކަމާއި، ދިމާވަމުންދާ ދަތިތަކުގެ ވާހަކަތައް ފާހަގަކުރުމުން ވެސް އެކަމަށް ބެލުމެއް ނެތި ޖަލަށް ގެންގޮސްފައިވާކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ.
އަދީބުގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ބޭއްވި އަޑުއެހުމެއްގައި، ވާހަކަ ދެއްކުމަށް ފުރުސަތަކަށް އެދިވަޑައިގެން އަދީބުވަނީ ނޭވާލުމުގައި ދަތިތަކެއް ވާތީ ނިދަން ވެސް ޖެހެނީ މެޝިންއެއްގެ އެހީގައިކަމަށް ވިދާޅުވެފައެވެ. އަދި މީގެ ކުރިން ވެސް އެތައް ފަހަރެއްގެ މަތީން ގޮޅީގެ ތެރެއަށް ބޮލަށް އެނބުރުން އަރާ ވެއްޓުމުން ވެސް ކަރެކްޝަންސްއިން އެކަމަށް މާބޮޑު އަޅާލުމެއް ނުދޭކަމަށް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ވެސް ސިއްހީ ކަންތަކެއް ކުރިމަތިވަމުންދާކަން އަދީބު ވަނީ ފާހަގަ ކުރައްވާފައެވެ.

