ގިނަ ބަޔަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން ގދ. ހޯނޑެއްދޫގައި އިއުލާނު ކުރި މޮނިޓަރިންގެ ހާލަތު މިއަދު އުވާލަިއިފިއެވެ.
އެޗްޕީއޭއިން ހޯނޑެއްދޫ ކައުންސިލަށް ފޮނުވި ލިޔުމުގައި ބުނެފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 3 ވަނަ ދުވަހުގެ 11:00 ގައި މޮނިޓަރިންގެ ހާލަތަށް ގެނެވުނު އެ ރަށް މިއަދުގެ ހެނދުނު 8:51 ގައި އުވާލެވިފައިވާ ކަމަށެވެ.
މޮނިޓަރިން އުވާލެވުނު ސަބަބެއް ކަމަށް ބުނެފައި ވަނީ ކޮވިޑް-19 އާ ގުޅިގެން އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ12 ވަނަ މާއްދާގެ ދަށުން ބަލަން ކަނޑައެޅުނު ކަންކަން ބެލުމަށް މޮނިޓަރިންގެ ހާލަތު އިތުރަށް ދަމަހައްޓަންޖެހޭ ސަބަބެއް މިވަގުތު ނެތުމުން ކަމަށެވެ.
ހޯނޑެއްދޫން އެންމެ ފުރަތަމަ ކޮވިޑް-19 ގެ ކޭސްއެއް ފެނިިފައިވަނީ މި މަހުގެ ތިން ވަނަ ދުވަހު އެވެ. އެ ދުވަހު ޕޮޒިޓިވް ވެފައި ވަނީ ކަރަންޓީނުގައި ތިބި ހަތަރު މީހެކެވެ. އަދި ހަމަ އެ ދުވަހު އެމީހުންނާއި ގުޅުން ނެތް ދެ މީހެއްގެ ގައިން އަލާމާތްތައް ފެނިގެން ނެގި ސާމްޕަލް ވަނީ ޕޮޒިޓިވްވެފައެވެ. އެ މީހުންނާ ބައްދަލުވި މީހުންގެ ފަރާތުން ރަށުގެ އެހެން މީހުންނަށް ވަނީ ބަލި ޖެހިފަ އެވެ.
ހޯނޑެއްދުއަކީ މާލެ ސަރަހައްދު ފިޔަވައި އެއް ރަށަކުން އެންމެ ގިނަ ކޮވިޑް ކޭސް ފެނުނު ރަށެވެ. އެ ރަށު ސިއްހީ މަރުކަޒުން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު އެ ރަށުން މި ބައްޔަށް ޕޮޒިޓިވް ވެފައިވަނީ 45 މީހުންނެވެ.
އޭގެތެރެއިން 44 މީހަކު ބަލިން ރަނގަޅުވެފައިވާއިރު އެކްޓިވް ކޭސްގެ ގޮތުގައި މިހާރު އުޅެނީ އެންމެ ކޭސް އެވެ.

