ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގައި، މަޖިލީހަށް 28 ބިލެން ހުށައަޅަން ގަސްތުކުރާކަމަށް އެޓާނީ ޖެނެރަލް އޮފީހުން ބުނެފިއެވެ.
މަޖިލީހުގެ ތިންވަނަ ދައުރުގެ ޖަލްސާތައް ފަށާފައިވަނީ އިއްޔެއެވެ. ބަންޑާރަ ނައިބުގެ އޮފީހު ވަނީ މަޖިލީހަށް ހުށައަޅަން ގަސްތުކުރާ 28 ބިލަކާއި ގާނޫނުތަކުގައި ހިމެނޭ ގަވާއިދުތަކާއި ގުޅޭ ގޮތުން އެކުލަވާލަންޖެހޭ 10 ބިލެއް ހުށައެޅުމަށް ވަނީ ނިންމާފައެވެ.
އެޓާނީ ޖެނެރަލްގެ އޮފީހުން މަޖިލީހަށް ހުށައަޅަން ނިންމާފައިވާ 28 ބިލަކީ
- ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
- ޕޭމަންޓް ސިސްޓަމާއި ޕޭމަންޓް ޚިދުމަތްތަކުގެ ބިލު
- ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
- ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
- މީހުން ޓްރފެިކް ކުރުން ހުއްޓުވުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
- ހެއްކާބެހޭ ބިލު
- މޯލްޑިވްސް މީޑިޔާ އެންޑް ބްރޯޑްކާސްޓްިންގ އޮތޯރިޓީގެ ބިލު
- ކާބޯތަކެއްޗާބެހޭ ބިލު
- ނޭޝަނަލް ރަޖިސްޓްރޭޝަންގެ ބިލު
- އާންމު ދަތުރުފަތުރުގެ ބިލު
- އަބުރާބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދނުމުގެ ބިލު
- ދިރޭ ޖަނަވާރު ރައްކާތެރިކުރުމުގެ ބިލު
- ތަސްނީފުކުރުމުގެ ބިލު
- ނެތިދިޔުމުގެ ބިރުހީވެފައިވާ ދިރޭތަކެތީގެ ވިޔަފާރިކުރުމުގެ ބިލު
- ފޮރިން އިންވެސްޓްމަންޓުގެ ބިލު
- ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
- އިލެކްޓްރޯނިކް މުއާމަލާތްތަކުގެ ބިލު
- އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
- އިންސޮލްވަންސީއާ ބެހޭ ބިލު
- އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
- ދިވެހިރާއްޖޭގެ ޓޫރިޒަމާއި ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
- ގާނޫނީ އެހީތެރިކަން ފޮރުކޯށްދިނުމުގެ ބިލު
- އާއިލާއާ ބެހޭ ބިލު
- ނަފްސާނީ ސިއްހަތުގެ ބިލު
- މީހުން ސްމަގްލްކުރުން ހުއްޓުވުމުގެ ބިލު
- ބޯހިޔާވަހިކަމުގެ ބިލު
- ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއި ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
- މަދަނީ ވައިގެ ދަތުރުފަތުރުގެ ބިލު
މީގެ ތެރެއިން 9 ބިލަކީ މިހާރު ހުރި ގާނޫނުތަކަށް އިސްލާހު ހުށައެޅުމުގެ ބިލެވެ. އަދި ބާކީ 19 ބިލަކީ އަލަށް ސަރުކާރުން ހުށައަޅާ ބިލުތަކެކެވެ.
މިއިން އެއްވެސް ބިލެއްގެ ތަފްސީލެއް އަދި މިހާތަނަށް ހާމަކޮށްފައިނުވާއިރު، ގިނަ ބައެއްގެ ފާޑުކިޔުން އަބުރާއި ބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދނުމުގެ ބިލަށް މިހާރުވެސް އަންނަނީ އަމާޒުވަމުންނެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ތަސްދީގުކުރި އަބުރު ރައްކާތެރިކުރުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނަށް އޭރު އެންމެ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒު ކުރި ބަޔަކީ މިހާރު ވެރިކަމުގައި ތިއްބެވި ސަރުކާރު ކޯލިޝަންގެ މެމްބަރުންނެވެ.
އެހެންކަމުން، މިހާރު އަބުރުގެ ގާނޫނެއް ފާސްކޮށްފިނަމަ، ނުވަތަ އެފަދަ ބިލެއް ހުށައަޅައިފިނަމަ، އޭގައި ހުންނާނީ ކޮންކޮން ކަންތައްތަކާއިމެދު އާންމުން އަންނަނީ ސުވާލު އުފައްދަމުންނެވެ.
މިއަހަރުގެ ތިންވަނަ ދައުރުގެ މަސައްކަތް އިއްޔެ ފަށާފައިވާއިރު މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގައި 21 ބިލެއް ފާސްކޮށް 9 ގަރާރެއް ވަނީ ފާސްކޮށްފައެެވެ.

