ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކްލައިމެޓް ވަލްނަރަބަލް ފޯރަމްގެ ލީޑަރސް އިވެންޓްގައި ޝާހިދު ބައިވެރިވެވަޑައިގެންފި

ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު. ފޮޓޯ: ފޮރިން މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދު، އދގެ އާއްމު މަޖިލީހުގެ ހަވާސާގައި ވަރޗުއަލްކޮށް ކުރިއަށްދިޔަ ކްލައިމެޓް ވަލްނަރަބަލް ފޯރަމްގެ ލީޑަރސް އިވެންޓްގައި މިއަދު ބައިވެރިވެވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙްގެ ފަރާތްޕުޅުން މި އިވެންޓްގައި ބައިވެރިވެވަޑައިގެން މިނިސްޓަރ ޝާހިދު ވަނީ ބައްދަލުވުމުގެ ބައިވެރިންނާ މުޚާޠަބު ކުރައްވާ ވާހަކަ ދައްކަވާފައެވެ. މި އިވެންޓްގެ ރިޔާސަތު ބެލެހެއްޓެވީ ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިޚް ޙަސީނާއެވެ. އިވެންޓް އިންތިޒާމްކުރީ ސީ.ވީ.އެފްގެ ސެކްރެޓޭރިއެޓް ގްލޯބަލް ސެންޓަރ އޮން އެޑެޕްޓޭޝަން އިންނެވެ.

މިނިސްޓަރ ޝާހިދުގެ ވާހަކަފުޅުގައި، ސީ.ވީ.އެފްގެ ރިޔާސަތާއި ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ޙަސީނާ ހަވާލުވެވަޑައިގަތުމާ ގުޅިގެން އެކަމަނާއަށް މަރުޙަބާ ވިދާޅުވެ، މޫސުމީ ބަދަލުތަކުގެ ކަންތައްތަކުގައި ބަންގްލަދޭޝްއިން އަދާކުރާ ދައުރު ފާހަގަކުރެއްވިއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ސީ.ވީ.އެފް ގެ ތީމެޓިކް އެމްބެސެޑަރަކަށް ވެވަޑައިގަތުމާ ގުޅިގެން މަރުޙަބާ ވިދާޅުވެ، މޫސުމީ ބަދަލުތަކާ ގުޅޭ ގޮތުން ރައީސް ނަޝީދު އަދާކުރައްވާ އިސް ދައުރުގެ ސަބަބުން ސީ.ވީ.އެފް ގެ މަސައްކަތަށް އިތުރު ފުރިހަމަކަމެއް ލިބި، މޫސުމީ ބަދަލުތަކާ ދެކޮޅަށް އިތުރު މަސައްކަތް ކުރެވިގެންދާނެކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

މިނިސްޓަރ އަބްދުﷲ ޝާހިދުގެ ވާހަކަފުޅުގައި މޫސުމަށް އަންނަ ބަދަލުތައް ވަކި އިމެއްގެ ތެރޭގައި ހިފެހެއްޓުމަށްޓަކައި ކޮންމެ ޤައުމަކަންވެސް ޤައުމީ ފެންވަރެއްގައި ކަނޑައަޅާ މިންވަރު އިތުރަށް ހަރުދަނާކޮށް، ޖައްވު ހޫނުވުމަށް މަގިފަހިކުރުވާ ގޭސްތައް މަދުކޮށް ދުނިޔެ ހޫނުވުން 1.5 ޑިގްރީޒްއަށް ވުރެ މަތިނުވާނެހެން ހިފަހައްޓަވަން ޖެހޭކަމުގައި ވިދާޅުވިއެވެ. މިނިސްޓަރ އިތުރަށް ވިދާޅުވި ގޮތުގައި ކްލައިމެޓް ވަލްނަރަބްލް ފޯރަމްގެ (ސީ.ވީ.އެފް.) މެމްބަރުންގެ މިމައްސަލައަށް ދޭ އަހައްމިއްޔަތުގެ ސަބަބުން މިޤައުމުތައް، ބައިނަލްއަޤްވާމީ މަސްރަޙުގައި ވަކިން ޚާއްޞަގޮތެއްގައި ފާހަގަކޮށްލެވެއެވެ. އަންނަ އަހަރު ގްލާސްގޯ ގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޮޕް 26 ޖެހެންދެން މިހާރު މި އޮތް ބާރުމިނުގައި ކުރިއަށް ގެންދިޔުމަށް މިނިސްޓަރ ގޮވާލައްވާފައިވާއިރު، މިހާރަށްވުރެ ވަރުގަދަ އަޒުމެއްގައި މޫސުމަށް އަންނަބަދަލުތަކާއި ދެކޮޅަށް މަސައްކަތްކުރެވޭނީ، އެކަށީގެންވާ ދެމެހެއްޓެނިވި ގޮތެއްގައި އެކަމަށް ބޭނުންވާ ފައިސާ ހުރިހާ ޤައުމަކުން ވެސް ލިބިގެން ކަމުގައި ދެންނެވިއެވެ. އަދި، މޫސުމާ ގުޅިގެން އެންމެ ބޮޑަށް އަސަރުކުރާނެ ކުދި ޤައުމުތަކަށް މިފައިސާއިން ލިބޭ އެހީ މަދުމަކަށް މިނިސްޓަރގެ ވާހަކަފުޅުގައި ފާހަގަކުރައްވާފައިވެއެވެ.

ވާހަކަފުޅު ނިންނަމަވާލައްވަމުން ސީ.ވީ.އެފް އިން އަދާ ކުރާ ދައުރު އިތުރަށް ފުޅާވާނެ ކަމަށާއި އަންނަން އޮތް ޖީލުތަކަށް ދިރިއުޅެވޭނެ ރައްކާތެރި ދުނިޔެއެއް ފޯރުކޮށްދިނުމަށް މި ފޯރަމުން މުހިންމު ދައުރެއް އަދާކުރާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިކަމަކީ، ފެހި، ނޫ އަދި ސާފު އިޤްތިޞާދަކާއި ދިމާލަށް އެޅޭ ފިޔަވަޅެއް ކަމުގައި ވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިފަހަރުގެ ސީ.ވީ.އެފް ލީޑަރސް އިވެންޓުގައި ޤައުމުތަކުގެ އިސްވެރިންނާއި، ވަޒީރުންގެ އިތުރުން، ކުރީގެ ރައީސް ނަޝީދު ހިމެނިވަޑައިގަންނަވާ މި ފޯރަމްގެ ސަފީރުންގެ ގޮތުގައި ހިމެނޭ ބޭބޭފުޅުންގެ ވީޑިއޯ ތަޤްރީރުތަކާއި ބިނާކުރުވަނިވި ފާޑުކިޔުންތައް ފާހަގަކުރެވުނެވެ.

ކްލައިމެޓް ވަލްނަރަބްލް ފޯރަމް އުފެދިގެންއައީ ދިވެހިރާއްޖޭގެ އިސްނެގުމުގެ މަތިން 2009 ވަނަ އަހަރު ޑެންމާކްގެ ކޯޕެންހޭގަންގައި ބޭއްވުނު އ.ދ. ގެ މޫސުމީ ބަދަލުތަކާ ބެހޭ މަހާސިންތާގެ (ކޮޕް 15) ތެރެއިންނެވެ. މޫސުމީ ބަދަލުތަކުގެ ސަބަބުން އެންމެ ނާޒުކު ފައްތަރެއްގައި އޮތް 48 ޤައުމުގެ އަޑު އުފުލައި ބައިނަލްއަޤްވާމީ ދުނިޔޭގައި ގުގުމާލަދޭ ތަފާތު ފޯރަމެއްގެ ގޮތުގައި ސީ.ވީ.އެފް. ފާހަގަކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: