މާލެ ސިޓީގެ މޭޔަރ ޝިފާ މުހައްމަދުގެ މައްޗަށް މިހާތަނަށް ދުވަހަކުވެސް ކޮރަޕްޝަންގެ ތުހުމަތެއް ކުރެވިފައި ނުވާ ކަމަށާއި އެންޓި ކޮރަޕްޝަން ކޮމިޝަނުން އުޅެނީ މީހުންގެ ނަން ކިލަނބުކުރުމަށް ކަމަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށްދިޔަ ގާނޫނުލް އުގޫބާތަށް އިސްލާހު ހުށައެޅުމުގެ ބިލަށް ބަަހުސްކުރައްވަމުން އިމްތިޔާޒް ވިދާޅުވީ، އޭސީސީއިން ބަލަނީ ބޭނުންވާ މައްސަލަތަކެއް ކަމަށެވެ. އަދި އެފަދަ މައްސަލަަތައް ބެލުމުގައި ގާނޫނުތައް އެއްފަރާތްކުރުމަށް ފަހު ވެސް މައްސަލަތައް ބަލާ ކަމަށެވެ. އޭސީސީއިން ބޭނުންވަނީ ގަސްތުގައިވި ޔަސް ނުވަތަ އިހުމާލުން ނަމަވެސް މީހުންގެ ނަން ކިލަނބުކުރަން ކަމަށް އިންތި ވިދާޅުވިއެވެ.
އެހެންނަމަވެސް، ބޮޑެތި ކޮރަޕްޝަންގެ މައްސަލަތައް ބެލުން، އެއީ މުހިންމު ކަމަަކަށް ނުވާކަމަށް އިމްތިޔާޒް ވިދާޅުވިއެވެ. ބޮޑެތި ކޮރަޕްޝަންގެ ތުހުމަތުތައް ކުރެވޭ މީހުންވެސް އެބައުޅޭ ކަމަށާއި އެފަދަ ކަންކަމަކީ ކިރިޔާވެސް ތަހުގީގެއްކޮށްފިނަމަ، ސާބިތުވާނެ ކަންކަން ކަމަށް އިމްތިޔާޒް ވިދާޅުވިއެވެ.
ޕާކުގައި ގާއިމްކުރި ފާހަނަބަރި ހެދުމުގެ ފައިސާ ދެނީ އެކަމަނާގެ އަތްޕުޅަކަށްވެސް ނޫން. ސަރުކާރަކަށްވެސް ނޫން. ހިލޭ ފަންޑު އެކަަމަނާ އަމިއްލައަށް ހޯއްދަވައިގެން އެފައިސާ ވަކި ބަޔަކާ ހަވާލުކޮށްގެން މަސައްކަތް ނިންމާ ހަވާލުކުރީމަ، މޭޔަރު ގެންގޮސް މިދައުވާކުރަނީ. މިއީ ރަނގަޅު ތަހުގީގެއް ނޫން 100 އިންސައްތަ ޔަގީން. އެބަހުރިތޯ އެއްވެސް މީހެއް މޭޔަރގެ ބޮލުގައި ކޮރަޕްޝަންގެ ތުހުމަތު އެޅުވި؟ އަޅުގަނޑު ދުވަހަކުވެސް އަޑެއް ނާހަން!
އިމްތިޔާޒް ވިދާޅުވީ ނުހައްގު މުއްސަނދިކަން ކުށެއް ގޮތުގައި ނުބަލަނީ، ގާނޫނެއް ނެތިގެން ނޫން ކަމަށެވެ. ކޮރަޕްޝަންގެ ހުރިހާ މައްސަލަތައް ބެލުމުގެ ބާރު އޭސީސީއަށް، ފުލުހުންނަށް އަދި ރިޔާސީ ކޮމިޝަނަށްވެސް ލިބިގެންވާކަން ފާހަގަކުރެއްވިއެވެ.
ބިލުގައި ފާހަގަކޮށްފައިވާ ކަންތައްތަކަށް އަލިއަޅުއްވާލައްވައި އިމްތިޔާޒް ވިދާޅުވީ، ބިލުގެ ދެކޮޅު ބަލައި ސަމާލުވާންޖެހޭ ކަންކަން އެބަހުރި ކަމަށާއި ނާޖައިޒް ގޮތުގައި ބޭނުންކުރެވިދާނެ ކަަންކަން އެބަހުރި ކަމަށެވެ. އެގޮތުން ބިލު އޮތްގޮތުން، ކޮންމެ ކޮންމެ މީހެއްގެ މައްޗަށްވެސް ތުހުމަތު ކުރެވިދާނެ ކަމަށާއި އެހެންކަމުން މިކަންވެސް ސިލެކްޓިވް ގޮތަކަށް ކޮށްފާނެކަމަށް ވިދާޅުވިއެވެ.
އެހެންކަމުން ތަހުގީގތައް ފެށުމަށް ބޭސްލައިނެއް ނުވަތަ ޕީރިއަޑް އޮފް އިންޓްރެސްޓަށް ބެލުން މުހިންމުކަމަށް ވިދާޅުވިއެވެ. އެގޮތުން ތަހުގީގު ކުރެވޭނީ ކޮން އިރަކު ލިބުނު ކޮން މުއްސަނދިކަމެއްތޯ ކަނޑައެޅުން މުހިންމުކަމަށް ވިދާޅުވިއެވެ.

