ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޚާރިޖީ ގުޅުންތައް ހަރުދަނާކުރަމުންދަނީ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރަން: ރައީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު---
ޝެއާރކޮށްލާ ކަހަލަދޯ؟

ބޭރު ގައުމުތަކާއެކު ޚާރިޖީ ގުޅުންތައް ހަރުދަނާކުރަމުންދަނީ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރަން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ 1442 ވަނަ އަހަރުގެ ޤައުމީ ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ރާއްޖޭގެ ރައްޔިތުންނަށް ފޮނުއްވައި، ޤައުމާ މުޚާތަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މި މޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ, ހުރިހާ ޤައުމަކާއެކު ވެސް ރާއްޖެއިން ޚާރިޖީ ގުޅުންތައް ހަރުދަނާކުރަމުންދަނީ ވަރަށް މުހިންމު ދެ ކަމެއް ކަށަވަރުކުރުމުގެ ނިޔަތުގައި ކަމަށެވެ. އެ ގޮތުން ފުރަތަމަ ކަމަކީ, ރާއްޖޭގެ އަމިއްލަ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުންކަމަށާއި, އަދި ދެވަނަ ކަމަކީ, އެ ގުޅުންތަކުގެ ސަބަބުން ރައްޔިތުންނަށް ފައިދާއާއި ލާބަ ލިބޭނެކަން ކަށަވަރުކުރުން ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

އަދުގެ ދުނިޔޭގެ ފިކުރިއްޔާތަކީ, އަދި ސިޔާސީ, އިޤްތިޞާދީ ވިސްނުމަކީ ގުޅިލާމެހިފައިވާ ބައިނަލްއަޤްވާމީ މުޖުތަމަޢެއްގެ ވިސްނުންކަން ފާހަގަކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވަނީ, މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ޤައުމު އޮތް ހާލަތު ވަޒަންކޮށްދެއްވާފައެވެ. މި ގޮތުން, އެ ވަގުތު ރާއްޖެ އޮތީ ބައިނަލްއަޤްވާމީ މުޖްތަމަޢާ ވަރަށް ބޮޑަށް އެކަހެރި ވެފައިކަމަށާއި, އޭގެ ނަތީޖާއެއްގެ ގޮތުން ރައްޔިތުންނަށް ލިބެން ހުރި އެތަކެއް މަންފާއަކާއި އެހީއަކުން މަޙްރޫމުވެފައިކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

ނަމަވެސް އެ މަނިކުފާނުގެ ސަރުކާރުގެ ސިޔާސަތުތަކުގެ ދަށުން ރާއްޖެއާއި އެހެން ޤައުމުތަކާ ދެމެދު އޮތް ގުޅުންތައް މިހާރު އިތުރަށް ބަދަހިވަމުން އަންނަކަމަށާއި, އަދި އޭގެ ފައިދާ ވެސް ލިބެމުން އަންނަކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. އޭގެ މިސާލެއްގެ ގޮތުން ކޯވިޑް-19 ގެ ބަލިމަޑުކަމުން އަރައިގަތުމުގައި ފަންނީ ގޮތުންނާއި މާލީ ގޮތުން ވެސް، ބައިނަލްއަޤްވާމީ މުޖްތަމަޢުން ލިބެމުން އަންނަ އެހީތެރިކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ޤައުމީ ދުވަހުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިފަދަ ޤައުމީ މުނާސަބަތެއްގައި އަޅުގަނޑުމެން އަދާކުރަންޖެހޭ އެންމެ މުހިންމު ޤައުމީ ވާޖިބަކީ ޕޯޗުގީޒުންގެ އަޅުވެތިކަމުން ދިވެހިރާއްޖެ މިނިވަންކުރުމަށް އުތީމު ބޮޑުތަކުރުފާނު ކުރެއްވި މަތިވެރި ޖިހާދުގެ ހަނދާންތައް އައުކުރުމާއި, ބޮޑުތަކުރުފާނާއި އަދި އެކި ދުވަސްވަރު، ރާއްޖޭގެ މިނިވަންކަމަށްޓަކައި، ޤުރްބާންވެވަޑައިގެންނެވި ބަޠަލުންގެ ހަނދާންތައް އައުކޮށް، އެ ބަޠަލުންނަށް ހެޔޮ ދުޢާކުރުންކަމުގައެވެ. ހަމަ އެހެންމެ މިއަދުވެސް ދިވެހިންނަށް ލިބޭ ފަޚުރާ ހިތްހަމަ ޖެހުމަކީ ޤައުމަށްޓަކައި، އަދި ރައްޔިތުންގެ ދިފާޢުގައި ފުރާނަޔާއި ލެއިން ޤުރުބާންވާން ތައްޔާރަށް އޮތް ސަލާމަތީ ފައުޖެއް ޤައުމުގައި ސާބިތުވެ އޮތުންކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

ޤައުމީ ދުވަސް ފާހަގަކުރާއިރު، ދިވެހި ޤައުމިއްޔަތުގެ މައިތަނބުތައް ކަމުގައިވާ، އިސްލާމްދީނާއި ދިވެހިންގެ ބަހާއި، ދިވެހިންގެ ސަޤާފަތް ނަގަހައްޓައި ދެމެހެއްޓުމަކީ ކޮންމެ ދިވެއްސެއްގެ މައްޗަށް އޮތް ވާޖިބެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ހަނދާން އައު ކޮށްދެއްވިއެވެ. އަދި އެކަންކުރެވޭނީ މިހާރުގެ ޅަދަރިންނާއި ޒުވާނުންގެ ހިތްތަކުގައި، ޤައުމިއްޔަތުގެ ސިފަތަކަށް ޚާއްޞަ ލޯތްބަކާއި ޤަދަރެއް އުފެއްދިގެންކަން ފާހަގަކުރައްވައި، އެގޮތަށް ދަރިން ތަރުބިއްޔަތުކުރުމުގައި ކޮންމެ ފަރުދެއްގެ މައްޗަށް އޮތް ޤައުމީ ޒިންމާ އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

ޤައުމީ ދުވަހުގެ ގޮތުގައި ކޮންމެ އަހަރެއްގެ ރަބީޢުލްއައްވަލު މަހުގެ ފުރަތަމަ ދުވަސް ފާހަގަކުރަނީ އެދުވަހަކީ ޕޯޗުގީޒުން ރާއްޖެ އަޅުވެތިކޮށްގެން އުޅެމުންދިޔަތާ 15 އަހަރާއި 6 މަސްވެފައި ވަނިކޮށް، އުތީމު ތިން ބެއިންގެ ޤައުމީ ޖިހާދުގައި، ބޮޑުތަކުރުފާނު ރާއްޖެ މިނިވަންކުރެއްވި ދުވަސްކަމުގައިވާތީއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: