މިއަދަކީ ދިވެހިންގެ ޤައުމީ ދުވަހެވެ. އެދުވަހަކަށްޓަކައި އަޅުގަނޑުމެން އުފާވެ ފަޚުރުވެރިވާ ޤައުމީ ދުވަހެވެ. ރާއްޖެ ދެމިއޮތްހައި ދުވަހަކު ދިވެހިން ދިވެހިންގެ ޤައުމީ ދުވަސް ފާހަގަކުރާނެއެވެ. އުފާވެރިކަމާ ފަޚުރުވެރިކަމާއެކުގައެވެ. މި ދުވަސް ފާހަގަކުރަނީ އައްސުލްޠާން މުޙައްމަދު ތަކުރުފާނުލް އައުޒަމް ޕޯޗްގީޒުންގެ އަތްދަށުން ދިވެހިރާއްޖެ ސަލާމަތްކުރެއްވި ޒިކުރާ އާކުރުމުގެ ގޮތުންނެވެ. ދިވެހީންގެ ޤައުމީ ދުވަހެއް، ފުރަތަމަ ފާހަގަކުރީ 1365 ވަނަ އަހަރުގެ ރަބީޢުލްއައްވަލް މަހުގެ ފުރަތަމަ ދުވަހު އެވެ. އެއީ 4 ފެބްރުއަރީ 1946 ގައެވެ.
މި ޤައުމާއި ދިވެހިރައްޔިތުން 15 އަހަރާއި 6 މަސް ދުވަހުގެ ދިގު އަޅުވެތިކަމަކަށްފަހު ޕޯޗްގީޒުންގެ އަތްދަށުން މިނިވަންވީ 981 ވަނަ އަހަރުގެ ރަބީޢުލްއައްވަލް މަހުގެ 1 ވަނަ ވިލޭރެއެވެ. ޤައުމީ ދުވަސް އުތީމު މަހާރަދުންނަށް ނިޞްބަތްކުރަނީ އެމަނިކުފާނުގެ ނަންފުޅަކީ ވަކި ނަންފުޅަކަށް ވެގެނެއް ނޫނެވެ. އެމަނިކުފާނު އިސްވެ ހުންނަވައި އިސްލާމް ދީނާއި ޤައުމަށްޓަކައި ކޮށްދެއްވި ޖިހާދުގެ މަތިވެރިކަމުންނެވެ.
ފުށެތިކާލީން ނުވަތަ ޕޯޗުގީޒުން ދިވެހިންގެ މައްޗަށް ގަދަވެގަނެގެން ތިބެ ކުރި އަނިޔަލުގެ ވާހަކަތައް ދޫދޫމަތިން މި ޖީލާ ހަމައަށްވެސް ވާސިލުވެފައެވެ. ފުށެތިކާލީންގެ މަޤްޞަދަކަށްވީ ދިވެހި ރައްޔިތުން ޞަލީބީ ދީނަށް ވެއްދުމެވެ. ކިތަންމެ ގަދަބާރުންވިޔަސްވެހެވެ. ދެން ބޭނުންވީ ރާއްޖޭގެ ރައްޔިތުންނަކީ ބަނގުރާ ބޯ ބައަކަށް ހެދުމެވެ. އަދި އެކަންނުކޮށްފިނަމަ ގަދަކަމުން ކަރަށް އަޅާނެ ކަމަށެވެ.
މިހުރިހާކަމެއް ދިމާވީ ހަމައެކަނި ފުށެތިކާލީންގެ ވެރިއަކަށްހުރި އަދިރި އަދިރިންގެ ފަރާތަކުންނޫނެވެ. އެކަމަކުގެ ފެށުމަކަށްވީ އަދިރިއަދިރިންނަށްވުރެ ”ޖަނަވާރު“ކަން ބޮޑު މި ޤައުމާއި ޤައުމިއްޔަތަށް ޣައްދާރުވި މިފަސްގަނޑަށް އުފަން ޚާއިނެކެވެ. އެއްބަނޑު އެއްބަފާ ބޭބެ އައްސުލްތާން މުޙައްމަދު ސިރީސިންގާ ބަވަނަ މަހާރަދުން ޤަތުލުކޮށް ދިވެހިރަސްކަމަށް ގަދަވެގަތް އައްސުލްތާން ޙަސަން (9 ވަނަ) ސިރީދިރިކުސަލޯކަ މަހާރަދުންނެވެ. މަޝްހޫރު ނަމުންނަމަ މުރުތައްދު ހަސަނު ނުވަތަ 9 ވަނަ ހަސަން ރަސްގެފާނެވެ.
މުރުތައްދު ހަސަނު ވެރިވެގަތް ރަސްކަމުގައި ދެ އަހަރާއި ފަސް މަސްދުވަހު ހުރުމަށްފަހު މުރުތައްދުވެ އެކަން ފާޅުކުރިއެވެވެ. އަދި ފުރައިގެން އިންޑިއާގެ ކޮޗިންއަށް ގޮސް ކޮޗިންގެ ފައްޅިއެއްގައި ސަލީބީން ދީނަށް ވަދެ އެކަން އިއުލާނު ކުރިއެވެ. ފުރައިގެން ދާންޖެހުނީ މި ފަސްގަނޑުގައި އޭނާއަށް ޖާގައެއްނެތި ރައްޔިތުންގެ ނުރުހުމާއި ދެކޮޅުވެރިކަން ގަދަވާން ފެށުމުންނެވެ. ކޮޗިންގައި ހުރުމަށްފަހު މުރުތައްދު ހަސަނު ދިއައީ ގޯވާ އަށެވެ. އެތާހުރެ، ފުށެތިކާލީންނާ ބައިއަތު ހިފައި މިރާއްޖެއަށް ގުރާބުތައް ފޮނުވައިގެން އަލިރަސްގެފާނު ޝަހީދުކޮށް މިގައުމުގެ މައްޗަށް ގަދަވެ އަނިޔާވެރިވާން ފެށިއެވެ.
ޤައުމީ ދުވަހެއް ފާހަގަކުރަމުންދާ އިރު، މިއަދު ފުންކޮށް ވިސްލާންޖެހޭ އެތައް ކަމެއް އެބަހުއްޓެވެ. ފުށެތިކާލީންގއ އަޅުވެތިކަމަށް ރާއްޖެ ގެންގޮސް ދިވެހިންނަށް އެހާލު ޖެއްސުވީ ކާކުކަމާމެދުއެވެ. އަދި އެކަންކުރީ ހަމަ މި ބިމާއި ވަތޮނަށް ޣައްދާރުވި ދިވެއްސެއް ކަމެވެ. އެއީ މުރުތައްދުވި ދިވެއްސެއްކަމަށްވާ ހަސަނެވެ. ފުށެތިކާލީންގެ ވެރިކަން ރާއްޖޭގައި ދެމިއޮތެވެ. 17 އަހަރަށްވުރެ ގިނަ ދުވަހުއެވެ.
މިއަދު ވިސްނާންވީ ކަމަކީ މިޤައުމުގައި މި ދިވެހި ފަސްގަނޑުގައި ތިބީ ކިތައް އަނދިރިއަނދިރިން ކަމާމެދުއެވެ. އެދުވަހު ދިވެހީންނަށް އަނދިރިއަނދިރިން ވަކިކުރާން އެނގުނެވެ. މިއަދު ތިބި އަނދިރިއަނދިރިން ވަކިކުރެވިދާނެ ކަމާއިމެދު ހިތުގައި ޝައްކު އުފެދެއެވެ. މިއަދު ސިކުޑީގައި ހަރުލައްވާންވީ ބައެއް އަނދިރިއަނދިރިންނަކީ ދިވެހިންގެ ތެރޭގައި އުޅޭ މިބިމަށް އުފަން ރާއްޖޭގެ ރައްޔިތުންނެވެ. ބޭރުން އައިސް އުޅޭނަމަ އުޅޭނީ ހިލޭސާބަހަށް މަސައްކަތްކުރާ ބަޔަކަށް ހެދިގެންނެވެ. ނުވަތަ ރާއްޖެއަށް ކޮންމެވެސް ކަމެއް ކޮށްދޭން އުޅޭ މީހަކަށް ހެދިގެންނެވެ. ނުވަތަ ރާއްޖޭގެ ކޮންމެވެސް ރަށެއްގައި އޮތް ރިޔަލު ބައްތެއްޔެއް ނުވަތަ އުދުހެނަ ބައްތެއްޔެއް ބަލަހައްޓާށެވެ.
ހަނދާނުގައި ބަހައްޓަވާށެވެ. ރާއްޖެ ހިފައި ރާއްޖޭގެ ކަންކަން އެމީހުން ބޭނުންވާ ގޮތްތަކަށް ބަދަލުކުރުމަށްޓަކައި ރާއްޖޭގެ ވެރިކަމަށް އަނދިރިއަނދިރިން އިސްކުރުމަށްފަހު އަނދިރިއަނދިރިންގެ އެންމެ އިސް އެހީތެރިއަކަށް އައްޔަނުކުރި މީހަކީ ވިޔަޒޯރެވެ. މިއަދު ވިޔަޒޯރު ފެންނާނީ އެހެން ސިފައެއްގައެވެ. ވިޔަޒޯރު އެދުވަހު އަދާކުރި ދައުރު މިއަދު އަދާކުރާ ވިޔަޒޯރުން ވަރަށް ގިނައެވެ. ކޮންމެ ގެއެއްގައިވެސް ވިޔަޒޯރުތަކެވެ. ކޮންމެ މީހެއްގެ މުށުތެރޭގައިވެސް ވިޔަޒޯރެކެވެ. އަދި ރަށު މެތެރޭގައި ހުންނަ މީހުން އެއްވާތަނެއްގައި ބޮޑު އެއް ވިޔަޒޯރަކު އިނދެއެވެ.
ދިވެހި ޤައުމުގެ މިނިވަންކަން ކޮންމެފަހަރަކުވެސް ގެއްލިގެންދަނީ ދިވެހިންގެ ތެރެއިން ބަޔަކު ޤައުމަށް ޚާއިނުވެގެންނެވެ. ނުވަވަނަ ހަސަން ރަސްގެފާނާއި ހަސަންތާޖުއްދީނުގެ ދެދަރިކަލުންނާއި ކަޅުމުހައްމަދާއި ، ނޮވެންބަރު 3 ގެ ޢުދުވާނުގައި ހިމެނޭ ބައިވެރިންނަކީ ދިވެހި ތާރީޚުގެ ސަފުޙާތައް ލެއިން ފަވާލާ ކަޅުއަނދިރިކަމުގެ ތެރެއަށް ގެންދިޔަ މީހުންނެވެ. މުޅިންވެސް އަދިރި އަދިރިންނާއި ވިޔަޒޯރެވެ. މިމީހުންގެ ޣައްދާރީ ޢަމަލުތަކުން ނޫނީ މިޤައުމުގެ އިސްތިޤްލާލަކަށް އެއްވެސް އުނިކަމެއް ނާދެއެވެ.
ރާއްޖެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ނުވަތަ ޤައުމިއްޔަތު ދިރުވުމަށް އޮތް އެންމެ ބޮޑު އެއް ހުރަހަކީ ސިޔާސީ ފިތުނަވެރިކަމެވެ. އެހެން ޤައުމުތަކުން ސިޔާސީ ވާދަވެރިކަން ފެނުނުކަމުގައިވިޔަސް މިގައުމުން އަދިވެސް މިފެންނަނީ ސިޔާސީ ފިތުނަވެރިކަމެވެ.
ޤައުމީ ދުވަހެއްގައި ފިކުރު ހިންގާންޖެހޭ އެހެންވެސް އެހެންކަމެއްވެސް އެބައޮތެވެ. ދިވެހި ޤައުމިއްޔަތު ބިނާވެފައިމިވަނީ މައިގަނޑު ހަތަރު ބައެއްގެ މައްޗަށެވެ. އެއީ މާތްގެންވާ އިސްލާމް ދީނާއި ، އުފަން ޤައުމުގެ އަމިއްލަ މާދަރީބަސް ކަމުގައިވާ ދިވެހި ބަހާއި، ދިވެހިންގެ ސަޤާފަތާއި ކާބަފައިން ހޯއްދަވާ ދެއްވާފައިވާ މިނިވަންކަމެވެ. މި ހަތަރު ބަޔަކީވެސް އެއްލެއަކުން ގުޅިފައިވާ ހަތަރުބައެވެ. މިއިން ބަޔަކަށް ލޮޅުމެއް އެރިއްޔާ އޭގެ އަސަރު އަނެއް ބައިތަކަށް ކުރާނެކަމީ ޝައްކެއް ހުރިކަމެއް ނޫނެވެ. ވީމާ މިއަދު މިޤައުމުގައި ތިބީ ކިތައް އަނދިރިއަނދިރިންކަމާމެދު ވިސްނާންޖެހެއެވެ.

