އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕުން ގެންގުޅޭ ނޯތުކޮރެއާގެ ގޮތް ގަނޑު ދޫކޮށްލާ، ހާމަކަން ބޮޑު ގޮތެއްގައި ރައްޔިތުންނާއި ގުޅުންހުރި ކަންކަން ނިންމަންޖެހޭ ކަމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑާ) ވިދާޅުވެއްޖެއެވެ.
ސަންގުޓީވީ ”ޚަބަރަށްފަހު“ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ބޮންޑާ ވިދާޅުވީ ނޯތުކޮރެއާގައި އަމަލުކުރަމުން އަންނަ ގޮތަށް ބޮޑެތި ކަންކަން ނިންމުމުގައާ ރައްޔިތުންގެ މަސްލަހަތު އޮތްކަންކަން ނިންމާއިރު އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕުން ގެންގުޅޭ ސިއްރުކުރުމުގެ އުސޫލު ދޫކޮށްލަންޖެހޭ ކަމަށެވެ.
ބޮންޑާ ވިދާޅުވީ އެކި މަޤާމުތަކާއި މިނިވަން މުއައްސަސާތަކަށް މީހުން އައްޔަންކުރުމުގައި ޕީޖީ ގްރޫޕްގެ ވަކި މެންބަރުންތަކެއް ބޭނުންވުމުން އެބައްދަލުވުން ސިއްރުކޮށް ވަކިކަންތައްތަކެއް ރާވާ ކަމަށެވެ. އެގޮތުން ކޮމިޓީ މަރުހަލާގައ އިންޓަވިއު ކުރާއިރު، ދެތިން މެންބަރުން ކޮމިޓީ ދޫކޮށް ނުކުތުމުން ކިތަންމެ ޤާބިލު ފަރާތެއްވެސް ބޭނުންވާ އަދަދަށް ވޯޓް ނުލިބި މަޖިލީހުގެ ތަޅުމަށް ނުފޮނުވިގެން މައްސަލަތައް ނުކުމެފައިވާ ކަމަށެވެ.
އެމްޑީޕީއަކީ ވަރަށް ޓްރާންސް ޕޭރަންޓް ޕާޓީއެއް ކަމަށާއި، އެހެންވެ ވަޒީރުން ވަކިކުރާ މަޤާމުތަކަށް މީހުން އައްޔަންކުރުން ފަދަ ރައްޔިތުންގެ މަސްލަހަތު ހިމެނޭ ކަންކަން ޕީޖީ ގްރޫޕުން ނިންމާއިރު، ރައްޔިތުންނަށް ފެންނަންޖެހޭ ކަމަށް ބޮންޑާ ވިދާޅުވިއެވެ.
ބޮންޑެ ވިދާޅުވި ގޮތުގައި ވަގުހިފަން މަޖިލީހަށް ވަތް މީހުން ވަގުގެ އަތުގައި ހިފައިގެން އުޅެއެވެ. ވަގު ހިފަން ވަންނަ މީހާ ވަގުހިފަންޖެހޭއިރު ފެންނަނީ ވަގުންގެ އަތުގައި ހިފައިގެން ފައްޗަށް ހިނގާފަ ދާތަން ކަމަށެވެ.
”ވަގު ހިފަން ވަތް މީހުން ވަގުގެ އަތުގައި އެބަހިފާ، ވަގު ހިފަންވަތް މީހާ ވަގު ހިފަންޖެހޭނީ، އެކަމަކު މިހާރު މިފެންނަނީ ވަގު ހިފަންވަތް މީހާ ވަގުގެ އަތުގައި ހިފައިގެން މިދަނީ ވަގު ފައްޗެއްހެން، އެހެންވީމަ މިކަންކަން ހުއްޓޭނީ ރައްޔިތުންނަށް ފެނުނީމަ މިކަންތައްތައް ކުރާ ގޮތް“ ބޮންޑާ
މީގެ އިތުރުން ބޮންޑޭ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި ބައެއް ކޮމިޓީތަކާއި އެމްޑީޕީގެ ޕީޖީ ގްރޫޕްގައި ހިންގާކަންކަން ވަރަށް ހާމަކަން ބޮޑު ގޮތެއްގައި ރައްޔިތުންނަށް ފެންނަންޖެހޭ ކަމަށާއި، އެނޫން ގޮތަކަށް ކަންކަން ވަމުންދާ ގޮތް ރައްޔިތުންނަށް ސާފެއް ނުވާނެ ކަމަށެވެ.
ބޮންޑާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް މެންބަރުންތަކެއް އިންތިޚާބު ކުރަނީ ރައްޔިތުންނަށް ކަމެއް ކޮށްދޭން ކަމަށާއި ނަމަވެސް ރައްޔިތުންނާއި ގުޅުމެއް ނުވާނެ މާޔޫސްވެ ފޫހިވާނެ ކަމަށެވެ.
ވެރިކަމަށް އައިސް ސަރުކާރާއި ޙަވާލު ބަޔަކަށް ވަޒީފާތަކެއް ދިނަސް އެކަމަކުން ހާސިލްވާނެ އެއްވެސް ކަމެއް ކަމަށް ބޮންޑާ ވިދާޅުވިއެވެ.

