ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިވެހިރާއްޖޭގައި މަރުގެ އަދަބް ތަންފީޒް ކުރެވެން ޖެހޭނެ: ޕީޖީ ޝަމީމް

ޕޮރޮސިކިއުޓަރ ޖެނަރަލް ހުސެން ޝަމީމް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގައި މަރުގެ އަދަބް ދިނުން އުވާ ނުލެވޭނެ ކަމަށާއި ރާއްޖޭގައި މަރުގެ އަދަބް ތަންފީޒް ކުރެވެން ޖެހޭނެ ކަމަށް ޕްރޮސޮކިއުޓަރ ޖެނަރަލް ހުސެން ޝަމީމް ވިދާޅުވެއްޖެއެވެ.

ޕީޖީ ޝަމީމް މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ އަޑުން ހޮނިހިރު ދުވަހުގެ ރޭ ގެނެސްދިން ޕްރޮގުރާމުގައި ރާއްޖޭގައި މަރުގެ އަދަބް ތަންފީޒް ކުރުމާއި ގުޅޭ ގޮތުން އާންމު ރައްޔިތަކު ކުރި ސުވާލަކަށް ޖަވާބް ދެއްވަމުންނެވެ.

އެގޮތުން ރާއްޖޭގައި މަރުގެ އަދަބް ދިނުން ހުއްޓާލެވޭނީ އެކަމާއި މެދު ރައްޔިތުން ގޮތެއް ނިންމުން ކަމަށް އެޓާނީ ޖެނަރަލް އިބްރާހިމް ރިފްޢަތު ވިދާޅުވެފައި ވާތީ އެކަމުގައި ޕީޖީ ދެކެވަޑައިގަންނަވާ ގޮތާއި ބެހޭ ގޮތުން ސުވާލު ކުރުމުން ޝަމީމް ވިދާޅުވީ ރާއްޖޭގެ ގާނޫނުއަސާސީއާއި ގާނޫނުތައް ބަޔާން ކުރާ ގޮތުން ރާއްޖޭގައި މަރުގެ އަދަބް ތަންފީޒް ކުރެވެން ޖެހޭނެ ކަމަށާއި މަރުގެ އަދަބް ދިނުމަކީ ރާއްޖޭގައި ހުއްޓުވޭނެ ކަމެއް ނޫން ކަމަށެވެ.

ޝަމީމް ވިދާޅުވި ގޮތުގައި އެޓާނީ ޖެނަރަލްގެ ވާހަކަފުޅަށް ބަލާއިރުވެސް ރާއްޖޭގައި މަރުގެ އަދަބް ދިނުން ހުއްޓުވަން ބޭނުންފުޅު ނުވާކަން އެނގޭ ކަމަށާއި އަދި ރާއްޖޭގައި މަރުގެ އަދަބް ދިނުމަކީ ރައްޔިތުން ބޭނުންވާ ގޮތްކަން ގާނޫނުތަކަށް ބެލުމުން ވެސް އެނގޭ ކަމަށް ޝަމީމް ވިދާޅުވިއެވެ. އެގޮތުން މަރުގެ އަދަބް ދިނުމާއި މެދު މަޖިލީހުން ފާސްކޮށްފައިވާ ގާނޫނުތަކަކީ ރައްޔިތުން ބޭނުންވާ ގޮތް ކަމަށާއި އެހެން ކަމުން ރާއްޖޭގައި މަރުގެ އަދަބް ދެވެން ޖެހޭނެ ކަމަށް ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ ރާއްޖޭގައި މަރުގެ އަދަބް ދިނުމާއި މަރުގެ އަދަބް ތަންފީޒް ކުރަން ޖެހޭނެ ކަމާއި މެދު އެއްވެސް މީހަކު ދެބަސް ނުވާ ކަމަށާއި ނަމަވެސް ރާއްޖޭގައި މަރުގެ އަދަބް ތަންފީޒް ކުރުމުގެ ކުރިން ރާއްޖޭގެ އަދުލުގެ ނިޒާމަކީ އިތުބާރު ކުރެވޭ ނިޒާމަކަށް ހަދަން ޖެހޭ ކަމަށް ޝަމީމް ވިދާޅުވިއެވެ. އެގޮތުން ރާއްޖޭގެ އަދުލުގެ ނިޒާމަށް ރައްޔިތުންގެ އިތުބާރު ލިބުމުން މަރުގެ އަދަބް ތަންފީޒް ކުރުމަކީ އެއްވެސް މީހަކު ޝަކުވާ ކުރާނެ އަދި މައްސަލަތަކެއް ދިމާވާނެ ކަމެއް ނޫން ކަމަށް ވެސް ޕީޖީ ޝަމީމް ވިދާޅުވިއެވެ.

ރާއްޖޭގައި މަރުގެ އަދަބް ދިނުން ހުއްޓުވޭނީ ރައްޔިތުންގެ ނިންމުމަކުން ކަމަށް އެޓާނީ ޖެނަރަލް އިބްރާހިމް ރިފްޢަތު ދާދިފަހުން ވަނީ ވިދާޅުވެފައެވެ. އަދި އޭޖީގެ އެ ވާހަކަފުޅާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިއުން އޭޖީއަށް އަމާޒުވިއެވެ.

އެގޮތުން އަމާޒުވި ފާޑުކިއުންތަކާއި ގުޅިގެން އޭޖީ ނެރުއްވި ބަޔާނުގައި ވިދާޅުވީ މަރުގެ އަދަބު އުވާލުމާ ގުޅޭގޮތުން މި ސަރުކާރުން ގެންގުޅޭ ސިޔާސަތަކީ ބައިނަލްއަޤްވާމީ މައިދާނުގައި މީގެ ކުރިންވެސް ހާމަކޮށްފައިވާ ސިޔާސަތު ކަމަށެވެ.

އެގޮތުން ޑިސެންބަރު 2018 ގައި ކުރިއަށްދިޔަ އ.ދ. ގެ 73 ވަނަ ޢާންމު މަޖިލީހުގައި، މަރުގެ ޙުކުމް ތަންފީޛުކުރުން ހުއްޓުވުމާގުޅޭ އ.ދ. ގެ ޤަރާރާ ދެކޮޅަށް ވޯޓު ދިނުމަށްފަހު، މި ސިޔާސަތު ހާމަކޮށްފައިވާކަން އޭޖީގެ ބަޔާނުގައި ވަނީ ފާހަގަ ކޮށްފައެވެ. މީގެ އިތުރުން ކޮންވެންޝަން އަގެއިންސްޓް ޓޯޗަރ އެންޑް ކްރުއަލް، އިންހިއުމަން އޯރ ޑީގްރޭޑިންގ ޓްރީޓްމަންޓް އޯރ ޕަނިޝްމަންޓްގެ ދަށުން އޮކްޓޫބަރު 2019 ގައި ދިވެހިރާއްޖެއިން ހުށަހެޅި ފޮލޯ-އަޕް ރިޕޯޓުގައިވެސް ދިވެހިރާއްޖޭގެ މި ސިޔާސަތު ހާމަކޮށްފައިވާ ކަމަށް އޭޖީގެ ބަޔާނުގައި ވަނީ ބުނެފައެވެ.

އޭޖީގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި  ދިވެހިރާއްޖޭގެ ޤާނޫނުތަކުގައި މަރުގެ އަދަބު ދެވޭގޮތަށް އޮންނަނީ، ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ޤައުމަކަށްވެފައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ދިވެހިރާއްޖޭގައި އިސްލާމްދީނުގެ އަސްލަކާ ޚިލާފު އެއްވެސް ޤާނޫނެއް އެކުލަވައިނުލެވޭނެކަމަށް ބަޔާންކޮށްފައިވާތީއެވެ. ވުމާއެކު، އެޓަރނީ ޖެނެރަލްގެ އެ ވާހަކަފުޅަކީ ދިވެހިރާއްޖޭގައި މަރުގެ އަދަބު ކަނޑައެޅުން ހުއްޓާލުން، އެއީ މުސްތަޙީލުކަމެއްކަން ބައިނަލްއަޤްވާމީ މުޖުތަމަޢަށް ސާފާކޮށްދެއްވުމަށް ދެއްކެވި ވާހަކަފުޅެއް ކަމަށް އޭޖީގެ ބަޔާނުގައި ވަނީ ބުނެފައެވެ.

ވަރަށް ގަދަ
33%ވަރަށް ގަދަ 33%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 33%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: