ކުރިއަށް އޮތް އަަހަރު މ. މުލި އަދި ށ. ބިލެތްފަހީގައި އެއާޕޯޓް އެޅުމަށް ނިންމާފައިވާ ކަމަށާއި ބ. ތުޅާދޫގައިވެސް އެއާޕޯޓް އެޅުމުގެ ޕްލޭނެއް ކުރެވިފައިވާ ކަމަށް ޓްރާސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ.
ސަރުކާރަށް ދެ އަހަރު ފުރުމާ ގުޅިގެން ”ޕީއެސްއެމް“ އަށް ދެއްވި އިންޓަވިއުއެއްގައި ނަހުލާ ވިދާޅުވީ އަންނަ އަހަރު އެ ދެ ރަށުގައި އެއާޕޯޓު އެޅިގެންދާނެ ކަމަށާއި އަދި ބ. ތުޅާދޫގައި ވެސް އެއާޕޯޓު އެޅުމަށް ރާވާފައިވާ ކަމަށެވެ. އަދި މި އެއާޕޯޓުތައް އެޅުމުން އިތުރަށް ފުރިހަމަ ވެގެންދާނެ ކަމަށް ނަހުލާ ވިދާޅުވިއެވެ.
”މުލީގައި އެއާޕޯޓެއް އެޅުމާއެކު ރާއްޖޭގެ ހުރިހާ ދިމާލަކަށް ވެސް ދަތުރުތައް 30-35 މިނެޓުން ގާތްގަނޑަކަށް ދަތުރު ކުރެވޭ ގޮތަށް އޮތީ މިހާރުވެސް ހަމަޖެހިފައި“ ނަހުލާ ވިދާޅުވިއެވެ.
ނަހުލާ ވިދާޅުވީ މިދިޔަ ދެ އަހަރުގެ ތެރޭގައި މާވަރުލާއި ކުޅުދުއްފުށި އެއާޕޯޓްގެ މަސައްކަތް މުޅިން ނިންމާ އޮޕަރޭޝަނަށް ގެނެވިފައިވާ ކަމަށެވެ. އަދި މިހާރު ފެށިފައިވާ މަސައްކަތްތަކުގެ ތެރެއިން ހއ. ހޯރަފުށީގަައި އަަޅަމުންދާ އެއާޕޯޓްގެ މަސައްކަތް މި މަހު ނިންމާ ހުޅުވާނެ ކަމަށެވެ. އަންނަ އަހަރުގެ ކުރީކޮޅު މަޑިވަރު އެއާޕޯޓް ހުޅުވާނެ ކަމަށްވެސް ވިދާޅުވިއެވެ.

