ވަޒީފާ އަދާ ނުކުރާ ޒުވާނުންގެ މައްސަލައަށް ހައްލެއް ގެނައުމަށް އޮނިގަނޑެއް އެކުލަވާލުމުގެ މަސައްކަތްތައް ކުރުމަށް އިކޮނޮމިކް މިނިސްޓްރީ އާއި ޔޫތު މިނިސްޓްރީން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
އިކޮނޮމިކް މިނިސްޓްރީގައި ބޭއްވި ބައްދަލުވުމެއްގައި މިއެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ ޔޫތު މިނިސްޓަރ އަޙްމަދު މަޙްލޫފާއި އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާޢީލެވެ.
މިއަދު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން ޔޫތު މިނިސްޓްރީ އާއި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން ސަރުކާރުގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ރާވާ ހިންގުމަށް އެއް މިނިސްޓްރީން އަނެއް މިނިސްޓްރީ އަށް އެހީތެރިކަން ފޯރުކޮށްދޭނެ އެވެ.
ޔޫތު މިނިސްޓަރ އަޙްމަދު މަހުލޫފު ވިދާޅުވީ ޒުވާނުންނާ ގުޅޭ ކަންކަމަށް ޚާއްސަ މިނިސްޓްރީއަކީ ޔޫތު މިނިސްޓްރީކަމުގައި ވިޔަސް ޒުވާނުންނާގުޅޭ ވަރަށް ގިނަކަންކަން އެކިއެކި މިނިސްޓްރީތަކުން ކުރިޔަށް ގެންދާކަމަށެވެ.
އެގޮތުން އިކޮނޮމިކް މިނިސްޓްރީއާއެކު ސޮއިކުރި މިއެއްބަސްވުމަކީ އެމިނިސްޓްރީގެ ފަރާތުން ޒުވާނުންނަށް ޚާއްސަކޮށްގެން ކުރިޔަށްގެންދާ ކަންކަމުގައި ބައިވެރިވެ އެހީތެރިކަން ފޯރުކޮށްދިނުމަށް އެކުލަވާލި އެއްބަސްވުމެއްކަމަށް މިނިސްޓަރ މަޙްލޫފް ވިދާޅުވިއެވެ.
އެ އެއްބަސްވުމުގެ ދަށުން ކުރެވޭ މަސައްކަތްތައް ކުރުމަށްޓަކައި ދެ މިނިސްޓްރީ ހިމެނޭ ގޮތަށް ކޮމިޓީ އެއް އެކުލަވާލައި، މަސައްކަތްތައް ކުރިއަށް ދާނެ ކަމަށް ޔޫތު މިނިސްޓްރީ އިން ވަނީ ބުނެފަ އެވެ.

