އިގްތިސާދީ އަނދަވަޅުން އަރައިގަތުމަށް ދަރަނި ނަގައިގެންވިޔަސް، މަޝްރޫއުތައް ހިންގަން ޖެހޭ ކަމަށާއި އެހެން ނޫންނަމަ މިހާލަތުގައި ދިގު މުއްދަތެއް ވަންދެން ތާށިވެފައި ތިބެން ޖެހިދާނެކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
ސަރުކާރަށް ދެއަހަރު ފުރުމާއި ގުޅިގެން ސަންގު ޓީވީއިން ކުރިއަށް ގެންދިޔަ ޚާއްސަ ކަވަރޭޖުގައި ވާހަކަދައްކަވަމުން މިނިސްޓަރ އަމީރު ވިދާޅުވީ ލިބޭ އެއްޗަޖކުން ފުއްދާލައިގެން. ޚަރަދުތައް ކުޑަކޮށްގެން ފުއްދާލައިގެން އުޅެވިދާނެ ކަމަށެވެ. ހަމައެކަނި މުވައްޒަފުންނަށް ދޭން ޖެހޭ މުސާރަ ދީގެން ނުވަތަ ރިކަރަންޓް އެކްސްޕެންޑިޗަރ އަށް އެކަނި ވިސްނައިގެންވެސް ތިބެވިދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އެހެންނަމަވެސް، އޭރުން އިގްތިސާދު އިތުރު ހަރުފަތަކަށް ކުރިއަށް ނުގެންދެވޭނެ ކަމަށާއި އޭރުން މިހާލަތުގައި މިހެން ބަނދެވިފައި ތިބޭނީކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެންކަމުން މިހާލަތުން އަރައިގަތުމަށް ދަރަންޏަށް ފައިސާ ނަގައިގެން ކަންތައްތަކެއް ކުރުން މުހިންމުކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ، އިގްތިސާދީ ހަރަކާތްތައް ނުފަށާނަމަ، ގައުމީ އުފެއްދުންތެރިކަން ކުރިއަރައި ނުދާނަމަ އާމްދަނީ އިތުރުކުރެވޭނެ ގޮތެއް މިހާލަތުގައި ނެތް ކަމަށެވެ. އޭރުން، މިހާރު މިތިބި ހާލަތުގައި ކުރިއަށް ފަސް، ދިހަ އަހަރުވެސް ބަލަހައްޓައިގެން ތިބެންޖެހޭނީކަމަށާއި މީގެ ކުރިން ނަގާފައި ހުރި ދަރަނިތައްވެސް ދެއްކޭނެގޮތެއް ނެތްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އިގްތިސާދީ ހަރަކާތް ސްޓިމިޔުލޭޓް ކުރަންޖެހޭ ދަރަންޏަށް ފައިސާ ނަގައިގެންވިޔަސް. އިގްތިސާދީ ހަރަކާތެއް ކުރިއަށް ނުގެންދާނަމަ ފަސް ދިހަ އަހަރުވަންދެން ހަމަ ބަލަހައްޓައިގެން ތިބެން ޖެހޭނީ. މިސަރުކާރުން އެހެން ބަލާކަށް ނުތިބޭނެ. މިދިޔަ އަހަރު ކަނޑައެޅި ފިސްކަލް ޕޮލިސީ ބިޔަވީ އިގްތިސާދު ފުޅާކުރުމަށް އަމާޒުހިފައި އެކަމަށް މަސައްކަތް ކުރީމަ
އާމްދަނީ އިތުރުކުރުމަށް ފާއިތުވި ދެއަހަރުތެރޭ ކުރެވުނު މަސައްކަތްތަކާއި ގުޅޭގޮތުން ކުރެއްވި މަސައްކަތްތަކާއި ގުޅޭގޮތުން ސުވާލުކުރެއްވުމުން، މިނިސްޓަރ ވިދާޅުވީ އާމްދަނީ އިތުރުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމުކަމަކީ ވިޔަފާރި އިތުރުކޮށް، ފުޅާކޮށް ޓެކުހުގެ ދާއިރާ އިތުރަށް ފުޅާކުރުން ކަމަށެވެ. އަދި ފާއިތުވި ދެއަހަރު ދުވަހުގެތެރޭ އެމަސައްކަތް ކުރެވުނު ކަމަށް ގަބޫލުކުރައްވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އެސިޔާސަތުގެ ދަށުން ހާސިލްކުރެވުނު ކާމިޔާބީތަކަށް އަލިއަޅުއްވާލައްވައި މިނިސްޓަރ ވިދާޅުވީ، އެސްޑީއެފްސީ މެދުވެރިކޮށް ލޯނުތައް ދޫކުރެވި އަލަށް ވިޔަފާރި ފަށަން ބޭނުންވާ ޒުވާނުންނަށް ސްޓާޓް އަޕް ކެޕިޓަލް ފޯރުކޮށްދެވުނު ކަމަށެވެ. ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށްގެން 2020 ވަނަ އަހަރުގެ ބަޖެޓުގައިވެސް 400 މިލިއަން ރުފިޔާ ހިމެނުނުކަމަށާއި އެހެންނަމަވެސް ކޮވިޑާއި ގުޅިގެން އެކަންކަމަށް މަޑުޖެހުމެއް އައިސްފައިވާކަން ފާހަގަކުރެއްވިއެވެ.
2019 ވަނަ އަހަރު ރާއްޖޭގެ އިގްތިސާދު 7.5 އިންސައްތަ އިތުރުވިކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ، އާމްދަނީ އިތުރުކުރެވޭނީ ޓެކުހުގެ ނިޒާމް އިތުރަށް ފުޅާކުރެވިގެން ކަމަށެވެ. 2019 ވަނަ އަހަރު ކަނށޑައެޅި ފިސްކަލް ސްޓްރެޓެޖީ ދައްކާގޮތުން 2022 ވަނަ އަހަރާއި ހަމައަށްދާއިރު ހަމައެކަނި ޓެކްސް އާއި ނޮން ޓެކްސް ރެވެނިއު ގޮތުގައި 33 ބިލިއަން ރުފިޔާ ލިބޭނެކަމަށް އަންދާޒާ ކުރެވިފައިވާކަމަށް މިނިސްޓަރުގެ ވާހަކައިގައި ފާހަގަކުރައްވާފައިވެއެވެ.
ރާއްޖޭގެ ދަރަނި މިއަހަރު ނިމޭއިރު 70.4 ބިލިއަނަށް އަރާނެކަމަށް ލަފާކުރެވޭއިރު، މިހާލަތުގައި ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ނުހިންގައި މަޑުޖައްސާލުމަށް މާލީ ބޮޑެތި އިދާރާތަކުން ލަފާ ދެމުން އަންނައިރު، ރާއްޖޭގެ ސޮވެރިން ގެރެންޓީއަށް ދީފައިވާ ރޭޓިންގްވެސް މިއަހަރު ވަނީ ”ސީސީސީ“އަކުން ”ބީ“އަކަށް ދަށްކޮށްފައެވެ. ފުޓްސަލް ދަނޑުތައް ތަރައްގީކުރުން ފަދަ ކޮންމެހެން މުހިންމުނޫން މަޝްރޫއުތަކެއް ހުރިކަން ފާހަގަކުރައްވައި، ސަރުކާރަށް ތާއީދުކުރައްވާ ބައެއް މެމްބަރުންވެސް ވަނީ މަޖިލީހުގެ ތަޅުމުގައި ބަޖެޓަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އަދި ލޯނުތައް ނަގައިގެން މަޝްރޫއުތައް ހިންގުމަކީ ދެކޮޅު ނުޖެހޭކަމެއްކަމަސް ވިދާޅުވި، އިދިކޮޅުންވެސް އަންނަނީ ބަޖެޓަށާއި މިނިސްޓަރ އަމީރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކުރަމުންނެވެ.

