ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ގާނޫނު (ޤާނޫނު ނަންބަރު 1/2007) އަށް ދެ ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ތަސްދީގު ކުރައްވައިފިއެވެ.
މިބިލަކީ، މި ހިނގާ ނޮވެންބަރު މަހުގެ 9 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ 15 ވަނަ ޖަލްސާގައި ފާސްކުރެއްވި ބިލެކެވެ.
މި އިސްލާހުގެ ދަށުން ރާއްޖޭގައި ބިދޭސީއަކު ހުރުމުގެ ހުއްދަދެވޭ އިތުރު ދެ ވިސާއެއް ވަނީ އިތުރުކޮށްފައެވެ. އެއީ، މީޓިންގ ވިސާއާއި ކޯޕަރޭޓް ރެސިޑެންޓް ވިސާއެވެ. އަދި، މިގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ވިސާތައް ދޫކުރާނީ ކޮންޓްރޯލަރ އޮފް އިމިގްރޭޝަނެވެ.
މީޓިންގ ވީޒާއަކީ، ކޮންޓްރޯލަރ އޮފް އިމިގްރޭޝަން ކަނޑައަޅާ ގޮތެއްގެ މަތިން، ރަޖިސްޓްރާރ އޮފް ބިޒްނަސަސް ގަބޫލުކުރާ ވިޔަފާރިއަކާ ގުޅުންހުރި ބައްދަލުވުމެއް، ނުވަތަ ދަޢުލަތުގެ މުއައްސަސާއެއްގެ ބޭނުމަށް ރާއްޖޭގައި ބޭއްވޭ ބައްދަލުވުމެއް، ނުވަތަ އެ ނޫން ވެސް ފަރާތަކުން އިންތިޒާމްކޮށްގެން ސަރުކާރުގެ ކަމާބެހޭ އިދާރާއެއްގެ ހުއްދަ ލިބިގެން ބާއްވާ ބައްދަލުވުމެއް، ނުވަތަ ކޮންފަރެންސެއް، ނުވަތަ ކޮންވެންޝަނެއްގައި ބައިވެރިވުމަށް އަންނަ ބިދޭސީއަކަށް، ކުރު މުއްދަތަކަށް ރާއްޖޭގައި ހުރުމަށް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތުގެމަތިން ދެވޭ ހުއްދައެކެވެ.
ކޯޕަރޭޓް ރެސިޑެންޓް ވީޒާއަކީ ރަޖިސްޓްރާރ އޮފް ބިޒްނަސަސް ކަނޑައަޅާ ގޮތެއްގެ މަތިން، ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ ފޮރިން އިންވެސްޓްމަންޓެއްގެ ހިއްސާދާރެއް ނުވަތަ ޑިރެކްޓަރެއް ނުވަތަ ޕާޓްނަރެއް ނުވަތަ އެ ނޫން ވެސް އިސް ފަރާތެއް، އަދި އެއިން ފަރާތެއްގެ ޢާއިލާގެ މެންބަރެއް، ރާއްޖޭގައި ވަޒީފާއަދާކުރާ މީހެއްގެ ގޮތުގައި ނޫން ގޮތަކަށް، އެ ފޮރިން އިންވެސްޓްމަންޓް ނުވަތަ އެ ވިޔަފާރި ހިންގުމުގެ ބޭނުމަށް ދިގު މުއްދަތަކަށް ރާއްޖޭގައި ހުރުމަށް އެދޭ ބިދޭސީންނަށް ދެވޭ ހުއްދައެވެ. އަދި ދިވެހިރާއްޖޭގެ ބޭންކެއްގައި މަދުވެގެން 250,000 (ދެ ލައްކަ ފަންސާސް ހާސް) އެމެރިކާ ޑޮލަރު ފަސް އަހަރުގެ މުއްދަތަށް ފިކްސްޑް ޑިޕޮސިޓް އެކައުންޓެއްގައި ބަހައްޓައި، ދިވެހިރާއްޖޭގައި ހުރުމަށް އެދޭ ބިދޭސީންނަށް ދެވޭ ހުއްދައަކީ ވެސް ކޯޕަރޭޓް ރެސިޑެންޓް ވީޒާއެވެ.
ހަމަ އެއާއެކު ސަރުކާރުން ކަނޑައަޅާ އުސޫލެއްގެ ދަށުން، ސަރުކާރުން ކަނޑައަޅާ ވިޔަފާރިތަކުގައި މަދުވެގެން 250,000 (ދެ ލައްކަ ފަންސާސް ހާސް) އެމެރިކާ ޑޮލަރު އިންވެސްޓްކޮށް، ދިވެހިރާއްޖޭގައި ހުރުމަށް އެދޭ ބިދޭސީންނަށް ދެވޭ ހުއްދައަކީ ވެސް ކޯޕަރޭޓް ރެސިޑެންޓް ވީޒާއެވެ.

