ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަޖެޓާ ގުޅިގެން އެކަށީގެންވާ ދިރާސާއެއް ކުރެވިފައެއް ނެތް: ބޮންޑޭ

މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ)
ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ މަސައްކަތް ކޮމިޓީ މަރުޙަލާގައި ކުރިއަށްދިޔައިރު، އެކަށީގެންވާ ދިރާސާތަކެއް ކޮށްފައިނުވާ ކަމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ބޮންޑޭ ވިދާޅުވީ ބަޖެޓުގެ މަސައްކަތް ކޮމިޓީ މަރުޙަލާގައި ކުރިއަށްދިޔައިރު، ދައުލަތުގެ މުއައްސަސާތަކުން ހިއްސާކުރި ކަންބޮޑުތަކަށްވެސް ދިރާސާކޮށް ބެލިފައިނުވާ ކަމަށެވެ.

ބޮންޑޭ ވިދާޅުވީ ދައުލަތުން ހޭދަކުރާނެގޮތާއި އަދި ފައިސާ ހޯދާނެގޮތުގެ ވާހަކަ ބަޖެޓު ފޮތުގައި ލިޔެފައި އެބަހުރިކަމަށާއި ނަމަވެސް އެކަންކަން ތަންފީޒްކުރުމުގައި ބޮޑެތި ގޮންޖެހުންތަކެއް ހުރިކަމަށް ޤަބޫލުކުރައްވާ ކަމަށެވެ. އަދި މިހާލަތަކީ މުޅި ދުނިޔެވެސް ކޮޅިގަނޑެއްގެ ތެރޭގައި އޮތް ދުވަސްވަރެއް ކަމުން، އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި ހިމަނާފައި މިންވަރަށް ރާއްޖެއާ އަދި ދުނިޔޭގެ އިޤްތިޞާދުވެސް ކުރިއަރައިގެން ހިނގައިދާނެ ކަމާމެދު ޝައްކު ކުރައްވާ ކަމަށްވެސް ބޮންޑޭ ވިދާޅުވިއެވެ.

ބޮންޑޭ ވިދާޅުވި ގޮތުގައި ފާއިތުވި ވެރިކަމުގައި ނަގާފައިވާ ދަރަނީގެ ސަބަބުން މި ސަރުކާރަށް އުޅެނީ ގުޑާ ނުލިވެގެންނެވެ. އަދި ރާއްޖޭގެ އިޤްތިޞާދަށް ނުވަންނަ ގޮތަށް ދުނިޔޭގެ އެކިއެކި ގައުމުތަކުން ނަގާފައިވާ ގޮތް ނޭނގޭ ލޯނުތަކާއި ފައިސާ އަނބުރާ ދެއްކުމުގެ މައްސަލަ އިންތިހާއަށް ބޮޑުވެފައިވާ ކަމަށް ބޮންޑޭ ވިދާޅުވިއެވެ.

“ދިވެހިރާއްޖޭގެ އިޤްތިޞާދަށް ނުވަންނަ ގޮތަށް ބޭރުގެ އެކި ގައުމުތަކުން ނަގާފައިވާ ފައިސާ، ގޮތް ނޭނގޭ ލޯނުތަކުގެ މައްސަލަ އެންމެ ބޮޑީ، އެ ދަރަނިތައް ދައްކަންޖެހުނު މައްސަލަ އެންމެ ބޮޑީ، އަދި އެއަށް ދައްކަންޖެހޭ އިންޓެރެސްޓާއި، ދައްކަންޖެހޭ މުއްދަތުތައް ކުރުވެފައިވުމަކީ އެންމެ ބޮޑު ކަންބޮޑުވުން” ބޮންޑޭ

މީގެ އިތުރުން ބޮންޑޭ ވިދާޅުވީ ރާއްޖޭގައި ބޭރުގެ ފައިސާގެ މުއާމަލާތްކުރުމުގެ ކަންކަން ހަރުދަނާ ކުރަންޖެހޭ ކަމަށެވެ. ކުރީ ސަރުކާރުން ދުނިޔޭގެ އަދިރި ފަރާތްތައް މެދުވެރިކޮށް ނަގާފައިވާ ލޯނުތަކަކީ ރައްޔިތަކަށް ފައިދާވާނެ ގޮތަކަށް ނަގާފައިވާ ލޯނުތަކެއް ނޫން ކަމަށް ބޮންޑޭ ވިދާޅުވިއެވެ. ބޮންޑޭ ވިދާޅުވީ ހަތްހާސް ފްލެޓުގެ މަޝްރޫޢު ކުރިއަށް ގެންދިޔުމަށް ނެގި ލޯނުންވެސް ދިވެހިރައްޔިތަކަށް އަދި ދިވެހި ކުންފުންޏަކަށްވެސް ވީ ފައިދާއެއް ނެތް ކަމަށެވެ. އެ މަޝްރޫއު ހިންގީ ބޭރުގެ ފަރާތްތަކުން ކަމަށާއި އެ މަޝްރޫއަކުން ދިވެހިދައުލަތަށް ލިބިނު އެއްވެސް ބޭރު ފައިސާއެއް ނެތް ކަމަށެވެ.

“އެ ޕްރޮޖެކްޓަކަށް އެންމެ ބޭރު ފައިސާއެއްވެސް ނެތް ދިވެހި ދައުލަތަކަށްވަދެފައެއް، އެންމެ ޑޮލަރެއްވެސް ރައްޔިތެއްގެ ޖީބަކަށް ނުވަދޭ، ބޭރުން ގެނައީ ސިމެންތި، ބޭރުން ގެނައީ ޓިނުކޮޅުވެސް، ބޭރުން ގެނައީ ތަށިމުށްޓާއި ފާހާނާތަށްޓަށް ދާންދެން” ބޮންޑޭ

ބޮންޑޭ އިތުރަށް ވިދާޅުވީ އަންނަ އަހަރަށް ލަފާކޮށް މިސަރުކާރުން ހުށަހަޅާފައިވާ ބަޖެޓުގެ މިސްރާބު ހުންނަންވާނީ ދިވެހި ދައުލަތާއި، ދިވެހިރައްޔިތުންނާއި ކުންފުނިތަކަށް ފައިދާވާނެ ގޮތްތަކަށް ކަމަށެވެ. އަދި މިސަރުކާރުން ހުށަހަޅާފައިވާ ބަޖެޓުގައިވެސް ބޭރުގެ ފަންނީ ތަޖުރިބާކާރުންގެ ލަފާހޯދުމަށް ޚަރަދުތަކެއް ހިމަނާފައިވާ ކަމަށް ބޮންޑޭ ވިދާޅުވިއެވެ. އެއީ ބޭކާރު އިސްރާފު ކުރުމެއް ކަމަށް ވިދާޅުވިއެވެ.

މިހާރު ހުށަހަޅާފައިވާ ބަޖެޓުން ރައްޔިތުންނަށް ފައިދާވާނެ އުފެއްދުންތެރި ކަންތައްތަކެއް ހޯދަންޖެހޭނެ ކަމަށާއި އެހެންނޫން ނަމަ ބަޖެޓުންވާނެ ފައިދާއެއް ނޯންނާނެ ކަމަށް ބޮންޑޭ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: