ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަޖެޓު އޮތީ ސަރުކާރަކުން ރައްޔިތުންނަށް އެންމެ އޯގާތެރިކޮށް ޚިދުމަތް ފޯރުކޮށްދެވޭނެ ގޮތަށް: އަނދުން ހުސައިން

ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙުސައިން ޝަހީމް
ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓަކީ ކޮވިޑް-19 ގެ މިހާލަތުގައި ދުނިޔޭގެ ކޮންމެ ޤައުމަކަށް ބެލިކަމުގައިވިޔަސް، ސަރުކާރަކުން ރައްޔިތުންނަށް އެންމެ އޯގާތެރިކޮށް ޚިދުމަތް ފޯރުކޮށްދެވޭނެ ގޮތަށް ފަރުމާ ކުރެވިގެން ހުށަހަޅާފއިވާ ބަޖެޓެއް ކަމަށް ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙުސައިން ޝަހީމް (އަނދުން ހުސައިން) ވިދާޅުވެއްޖެއެވެ.

އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓަށް ބަހުސް ކުރުމަށްޓަކައި އާދިއްތަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ހުސައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ބަޖެޓަށް ހުށަހަޅާފައިވާ އިސްލާހުތަކަކީ ސަރުކާރާ ގުޅިގެން، މުޅި ރާއްޖޭގެ ރައްޔިތުންނަށް ލާބައާ މަންފާ ލިބޭނެ ބަޖެޓެއް ކަމަށެވެ.

ހުސައިން ވިދާޅުވި ގޮތުގައި އެކިދާއިރާތަކުގެ ކަންކަމަށް ޚަރަދުކުރުމަށް ބަޖެޓުގައި ހިމަނާފައިވާ ކަންތައްތަކީ ހަތް މިނެޓުން ވާހަކަ ދައްކާލެވޭވަރަށްވުރެ މާ ފުރިހަމަކޮށް ހުރި ކަންކަމެވެ.

މުޅި ދުނިޔެއަށް ދިމާވެފައިވާ މި ހިތާވެރިކަމާއި ނިކަމެތި ދަނޑިވަޅުގައި ރައްޔިތުންގެ މަޖިލީހުގެ ވަކިވަކި މެންބަރުން، އެބޭފުޅުންގެ ދާއިރާގެތަކުގެ ރައްޔިތުންންގެ ވިންދާ އިހުސާސްތަކާއި ގުޅުންހުރި މިންވަރު ކުޑަކަމަށް ދޭހާވާ ގޮތަށް ވާހަކަދައްކަވާ އަމަލުތައް ބަހައްޓަވާތީ ހިތާމަ ކުރައްވާ ކަމަށް ހުސައިން ވިދާޅުވިއެވެ.

ހުސައިން ވިދާޅުވީ ރައްޔިތުންނާއި އިންތިހާއަށް ގުޅުންހުރި ބަޖެޓެއްގެ ބަހުސް ކުރިއަށްދާއިރު، ފިތުނަ އުފެދޭ ގޮތަށް ދާއިރާތަކައް ވަކިވަކިން ކުޑައިމީސް ބަސްބުނުން ފަދަ ކަންކަން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ކުރައްވައިގެންނުވާނެ ކަމަށެވެ.

މެންބަރުން އެފަދަ ގޮތްގޮތަށް އަމަލުކުރެއްވުމަކީ ރައްޔިތުންގެ މަޖިލީހުގެ ރޫހާ ޚިލާފުކަމެއް ކަމަށް ހުސައިން ވިދާޅުވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހަކީ މުޅި ޤައުމު ތަރައްޤީ ކުރައްވާނެ ބޭފުޅެއް ކަމަށްވެސް ހުސައިން ވިދާޅުވިއެވެ.

“މިއަދުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހަކީ މުޅި ޤައުމު ތަރައްޤީ ކުރައްވާނެ ބޭފުޅެއް، އެބޭފުޅާ ނިސްބަތްވެ ވަޑައިގަންނަވާ އެމްޑީޕީގެ މުޅި ރޫހަކީ މުޅި ވިސްނުމަކީ މުޅި ފިކުރަކީ ޤައުމު ތަރައްޤީކުރުން، ރައްޔިތު މީހާ ބަދަލުކުރުން، ވަކި ފަރުދެއް ދޫކޮށްލުމެއް ނޫން، އެވާހަކަ ދައްކަވާ މެންބަރުން ބެއްލެވިނަމަ ފެންނާނެ މިހިރަ އަދަދުތައް އަތޮޅަކަށް ޖައްސަވާފަހުރި މިންވަރާ ތަފްސީލްތައް” ހުސައިން

މީގެ އިތުރުން ހުސައިން ވިދާޅުވީ ކުރިން ދިޔަ ދެތިން ޖަލްސާއެއްގައި ބައެއް މެންބަރުން ވާހަކަ ދައްކަވާފައިވަނީ ބަޖެޓުގައި އޮތް އެއްޗެއް ރަނގަޅަށް ނުބައްލަވާ ކަމަށެވެ. އަދި ހުރިހާ ދާއިރާއަކަށް ބަޖެޓުގައި އެކިކަންކަން ހިމަނާފައިވާ ކަމަށާއި ތިރީސް އެތައް ބިލިއަނަކަށް ބަޖެޓު އަރައިގެންދިޔައީވެސް އެހެންވެ ކަމަށް ހުސައިން ވިދާޅުވިއެވެ.

ހުސައިން ވިދާޅުވީ ދައިރާތަކަށް ކަންކަން ނެތް ވާހަކަ މެންބަރުން ވިދާޅުވާއިރު، ބަޖެޓުގައި ހިމަނާ ފައިސާތައް ގޮސްފައިވާ ދައުލަތުގެ އެހެން އިދާރާތަކާ މުއައްސަސާތައްވެސް ބައްލަވަންޖެހޭނެ ކަމަށެވެ. އެހެން ވިދާޅުވެ ހުސައިންވަނީ މިސާލެއްގޮތުން ގޯތި ގެދޮރު އެޅުމަށާއި ޑިފެންސަށް ކުރެވޭ ޚަރަދުތައް ވިދާޅުވެފައެވެ.

އޯގާތެރި ސަރުކާރަކުން ރައްޔިތުންނަށް ހެޔޮވެރިކަމެއް ކޮށްދިނުމަށް ކުރަންޖެހޭ ކަންކަން ބަޖެޓުގައި ހިމަނާފައިވާ ކަމަށް ހުސައިން ވިދާޅުވިއެވެ.

ހުސައިން ވިދާޅުވީ އަބަދުވެސް އެންމެ އެދޭ ގޮތަކީ އަތޮޅު ތެރޭގެ ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންނަށްވެސް އެމީހުން އެދޭ ހުރިހާ ތަރައްޤީއެއް ސަރުކާރަށް ކެރިފޯރާ މިންވަރަކުން ބަޖެޓުގައި ހިމަނައިގެން އެކަންކަން ކޮށްދިނުން ކަމަށެވެ. މުޅި ގައުމު ތަރައްޤީވެގެން ނޫނީ ދިވެހިރާއްޖެއަށް ކުރިއަރައިގެން ނުދެވޭނެ ކަމަށްވެސް ހުސައިން ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: