އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓަކީ ހަވާލުވާނެ ބަޔަކުވެސް ނެތް ރަށްމެދު ބަޖެޓެއް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ހޯމަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ބަޖެޓަށް ބަހުސް ކުރައްވަމުން ސައީދު ވިދާޅުވީ ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓު މަޖިލީހުގެ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓަށް ބަހުސްކުރަން މެންބަރުންގެ މެދުގައި ޝައުގުވެރިކަން ކުޑަކަވެފައިވަނީ ބަޖެޓު ގޯސްވުމުން ކަމަށެވެ.
ސައީދު ވިދާޅުވި ގޮތުގައި އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓަކުން ރައްޔިތުންނަށް އެއްވެސް ފައިދާއެއް ނެތެވެ. އަދި ބަހުސްގައި ވާހަކަ ދައްކާނެ މެމްބަރަކު ނެތި ޝައުގުވެރިކަން ކުޑަވެގެންދަނީ އެ ސަބަބާއިހުރެގެން ކަމަށް ސައީދު ވިދާޅުވިއެވެ.
ސައުލަތަށް އާމްދަނީ ލިބޭނެ ހުރިހާ ވުޒާރާއެއް އޮތީ ކޯލިޝަންގައި ތެރޭގައި ކަމަށާއި އެހެންވެ މިބަޖެޓަކީ ކޮންބައެއްގެ ބަޖެޓެއްކަން ސާފުނުވާ ކަމަށް ސައީދު ވިދާޅުވިއެވެ. އަދި ބަޖެޓުގައި ސަރުކާރުން ހާސިލްކުރަން ބޭނުންވާނެ ކަންކަން ހާސިލްނުވެ ދައުލަތް މިއަދު އޮތީ ކޯލިޝަނެއްގެ ތެރޭގައި ތާށިވެފައިވާކަމަށް ސައީދު ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ ދައުލަތަށް ފައިސާ ވަންނަ ހުރިހާ ވުޒާރާއެއް ކޯލިޝަންގެ އަތްމަތީގައި އޮވެ، އޭގެން އެއްވެސް ވުޒާރާއަކުން އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވެމުން މިއަދު ފެންގެންދަނީ އިޤްތިޞާދީ ބޮޑު އަދަވަޅަކަށް ވެއްޓިފައިވާ މަންޒަރުކަމަށެވެ.
މަސްވެރިކަމާއި، ދަނޑުވެރިކަމާއި، އެއާޕޯޓްތަކުގެ ހިންގުމާއި، މިނޫންވެސް އާމްދަނީ ލިބެންހުރި ގިނަ ވުޒާރާތަކެއް ހުއްޓި ޤައުމު ނިކަމެތި ވަމުންދާކަމަށާއި އެމްޑީޕީން ވެރިކަމަށް އައީ ޖަޒީރާ ރާއްޖޭގެ ނަމުގައި ކަމަށްވިޔަސް ފެނިގެންދަނީ ކޮންކްރީޓް ތަރައްޤީ ކަމަށް ސައީދު ވިދާޅުވިއެވެ.
”ޖަޒީރާ ރާއްޖެއޭ ކިޔާފަ މިއޮތީ ކޮންކްރީޓަށް ހުޅުވާލެވޭ ބަޖެޓެއް ހުށަހަޅާފަ. މަނިކުފާނަކީ ކޮންކްރީޓް ތަރައްޤީއޭ ބުނީމާ ހޮޑުލެވޭ ކަމަށް ވިދާޅުވި ބޭފުޅެއް މަޖިލިސް ރައީސަކަށް ތި އިންނެނީ. މިއަދު މީހުން ނޫޅޭ ހަނަފަސް ބިމަކަށް ބްރިޖެއް އަޅަން ބަޖެޓުގެ 20 އިންސައްތަ ތިއޮތީ ކަނޑައަޅާފަ. މާލެ އަށް 80 ޕަސެންޓު ބަޖެޓުން އަޅާއިރު، އަތޮޅު ތެރެއަށް އޮތީ އެންމެ 20 ޕަސެންޓް“ ސައީދު
މީގެ އިތުރުން ސައީދު ވިދާޅުވީ ބަޖެޓަކީ ރައްޔިތުންނާއި، މަޖިލީހުގެ މެމްބަރުންނާއިވެސް ބީރަށްޓެހި ބަޖެޓެއް ކަމަށާއި އަދި ބަޖެޓަކީ ދަރަނި އިންތިހާއަށް އޮތް ބަޖެޓަކަށްވުމުން ދަރަނިން ސަލާމަތްވާނެ ގޮތެއްވެސް ބަޖެޓުން ފެންނަން ނެތީމާއެކު ބަޖެޓަށް ވޯޓު ދެއްވުމާއިމެދު މެމްބަރުން ވިސްނަވަންޖެހޭ ކަމަށެވެ.
ސައީދު ވިދާޅުވީ ރާއްޖޭގެ ރައްޔިތުންގެ އިހިސާސްތައް ހާމަކުރުމަށް ކޮންމެ ބަހަކުން ވާހަކަ ދެއްކިޔަސް، މިއަދު ސިޔާސީ ވެރިންގެ ގޮތުގައި ތިއްބެވި ބައެއް ބޭފުޅުންނަށް އެވާހަކަތައް އަޑެއް ނީވޭނެ ކަމަށެވެ.
އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބަޖެޓު ކުއްލިއަކަށް ރަނގަޅުވެގެން އުޅެނީ، ރައީސް އިބްރާހިމް މުޙައްމަދު ސޯލިހް، ރައީސް މުޙައްމަދު ނަޝީދުގެ ގެކޮޅަށް ވަޑައިގެންނެވީ ކަމަށެވެ. އަދި އެދެބޭފުޅުން ނުހުރިއްޖެނަމަ ބަޖެޓުވެސް ގޯސްވާނެ ކަމަށްވެސް ސައީދު ވިދާޅުވިއެވެ.
މިއަދުގެ ޖަލްސާ ފައްޓަވަމުން، ރިޔާސަތުގައި އިންނެވި ނަޝީދު ވިދާޅުވީ އިއްޔެ ކުރިއަށް ގެންދިއަ ބަހުސްގައި ބައިވެރިވެވަޑައިގެންފައިވަނީ ވަރަށް މަދު މެންބަރުން ކަމަށެވެ.
މިގޮތުން، އިއްޔެ ވާހަކަ ދައްކަވާފައިވަނީ އެންމެ 18 މެންބަރުންކަން ފާހަގަކުރައްވަމުން ނަޝީދު ވިދާޅުވީ، ބަހުސްގައި ބައިވެރިވާން މެންބަރުންގެ ޝައުގުވެރިކަން ކުޑަކަމަށް ފެންނާތީ، މިއަދު ހެނދުނު 10:00 ގައި ބަހުސްގައި ބައިވެރިވުމުގެ ފުރުސަތު ބަންދުކުރަން ނިންމަވާފައިވާ ކަމަށެވެ.

