ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަމުގައި ގާނޫނެއް ގެނެސްދިން ނަމަވެސް ކޮށްދެވުނު ހަމަ އެއްކަމެއް ވެސް ނެތް!

ހާއްސަ އެހީއަށް ބޭނުންވާ މީޙުންގެ ހައްގުތައް ހިމާޔަތް ނުކުރެވި ސިޔާސީވެފަ: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ފާއިތުވެ ދިޔަ އަހަރުތަކުގައި ދިވެހިރާއްޖޭގެ އުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތައް ބިނާކުރެވިފައި ވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުޑަކުދިން މުޖުތަމަޢުގައި ދިރިއުޅޭ ކަމަށް ރިޢާޔަތްކުރެވިގެންކަން އެއީ މިއަދު އެތައް ބަޔަކު ސުވާލު އޔފައްދަމުންދާ ކަމެކެވެ. ހާއްސަކޮށް ކޮންމެ އިންތިހާބަކާއި ދިމާކޮށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ނުވަތަ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އެކިއެކި ކަންކަން ކޮށްދޭނެ ކަމަށް ވަޢުދުވާ ކަމީ އެންމެން ވެސް ގަބޫލުކުރާ ކަމެކެވެ.

ފެންނަން އޮތް ހަގީގަތަކީ ފާއިތުވެ ދިޔަ އަހަރުތަކުގައި ޢާންމު ޚިދުމަތްދޭ ތަންތަން ބިނާކުރުމުގައި އެ ފަރާތްތަކުގެ ނުކުޅެދުންތެރިކަމަށް ރިޢާޔަތްކުރެވިފައިނުވާ ކަމަށެވެ. އޭގެ ބަދަލުގައި ފެނިގެންދިޔައީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް މުޖުތަމަޢުގެ ތެރެއިން ގަސްދުގައި ހަވާސާކޮށް، އެ ފަރާތްތަކުގެ ސިޔާސީ ނާޖާއިޒު ފައިދާތައް ނެގި މަންޒަރެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހަކަށް އެހެން ފަރާތެއްގެ އެހީތެރިކަމެއް ނެތި ހިނގާބިނގާވެ އުޅުމާއި، ދަތުރުފަތުރުކުރުމާއި، އިމާރާތްތަކަށް ވާސިލުވެވޭނޭ މިންވަރަށް އިންތިޒާމުތައް ހަމަޖެއްސިފައި ނެތް ކަމީ ލަދުގަންނަން ޖެހޭ ކަމެކެވެ. ތަހުޒީބަކީ އިންސާނާގެ ވިސްނުމާއި ފިކުރަށް އަންނަ ކުރިއެރުމެއް ކަމުގައިވާ ނަމަ، އެ ކަން މުޅި މުޖުތަމަޢުގެ ތެރެއިން ފެންނަން ޖެހޭނެއެވެ. އެ ގޮތުން މުޖުތަމަޢުގައި “އިންކްލޫސިވިޓީ” އަދި “އެކްސެސިބިލިޓީ” ނެތް ކަމުގައި ވަނީ ނަމަ އެއީ ތަހުޒީބުވެފައިވާ މުޖުތަމަޢުއެކޭ ނުދެންނެވޭނެއެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތެއް ކާމިޔާބީއާ ހަމައަށް ވާސިލުވެވެނީ، އެ ނޫން މީހަކު އެ ފަދަ ކާމިޔާބީއެއް ހޯދުމަށް ވާ ޤުރުބާނީއަށް ވުރެ އެތައް ގުނަ ބޮޑު ޤުރުބާނީތަކެއް ވެގެންނެވެ. އެގޮތުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން ގިނަ ފަރާތްތައް އެންމެ ފުރަތަމަ ކަޑައްތުކުރާ ހުރަހަކީ ޢާއިލާގެ ތެރޭގައި އެ ފަރާތްތަކުގެ ޤާބިލުކަމާ މެދު އޮންނަ ވިސްނުމެވެ، އެއަށް ފަހު، މުޖުތަމަޢުގެ ތެރެއިން ކުރިމަތިވާ ގޮންޖެހުންތަކެވެ. މި ހުރިހާ މަރުޙަލާތަކެއް ކަޑައްތުކުރުމަށް ފަހު ކާމިޔާބީއާ ހަމައަށް ވާސިލުވެވެނީ ކެތްތެރިކަމާއެކު ކުރެވޭ ދިގު އިންތިޒާރާއި މިންނެއް މަސައްކަތުން ހޯދޭ ހަނި ފުރުޞަތެއްގެ ތެރެއިންނެވެ. ސުވާލަކީ ނުކުޅެދުންތެރިކަން ހުންނަ މީޙުންނަށް ގާނޫނީ ހިމާޔަތް އެހީތެރިކަން ލިބިދީފައި ވަނީ ކިހާ މިންވަރަކަށްތޯއެވެ.

ދިވެހިރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ހިމާޔަތް ކުރުމަށާއި މާލީ އެހީތެރޮކަން ފޯރުކޮށް ދިނުމަށް ގަނާނެއް ވުޖޫދު ކުރެވުނީ 2010 ވަނަ އަހަރުއެވެ. އޭގެ ފަހުން 10 އަޖަރު ފާއިތުވެގެންދިޔައިރު ގާނޫނު ވުޖޫދު ކުރުން ފިޔަވައި ކުރެވުނު މާ ބޮޑު ކަމެއް ނެތޭ ދެންނެވުން ދޮގަކަށް ނުވާނެއެވެ. ކޮންމެއަކަސް މި ދެންނެވި ގާނޫނުގައިވާ ބައެއް ކަންކަމަށް ވެސް ބަލާލާނަމެވެ.

މިދެންނެވި ގާނޫނަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާބެހޭގޮތުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 17 ވަނަ މާއްދާއާއި 35 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން އެންމެހައި އަސާސީ ހައްގުތަކާއި މިނިވަންކަން އެއްވެސް ތަފާތުކުރުމެއްނެތި ލިއްބައިދިނުމާއި، އެ ހައްގުތަކާއި މިނިވަންކަން ރައްކާތެރިކޮށް ހިމާޔަތްކުރުމާއި، ސަރުކާރުގެ ސިޔާސަތުތައް ކަނޑައެޅުމާއި، އެހެން މީހުންނާ ހަމަހަމަ ފުރުސަތުތައް ހޯދައިދިނުމާއި، އެފަދަ މީހުންނަށް ލިބިދޭންޖެހޭ ހާއްސަ ރައްކާތެރިކަމާއި، މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ގެންގުޅެންޖެހޭ އުސޫލުތަކާއި، ހަމަތައް ކަނޑައަޅައި ބަޔާންކުރުމުގެ ގާނޫނެވެ.

ގާނޫނުގެ މައިގަނޑު މަގުސަދަކީ އެހެން މީހުންނެކޭ އެއްފަދައިން ނުކުޅެދުންތެރިކަން ހުންނަ މީހުންގެވެސް ކަރާމާތަށް އިހްތިރާމްކުރުމާއި، އަމިއްލައަށް ކަންތައްތައް ނިންމުމުގެ އިހްތިޔާރު ލިބިދިނުމާއި، މިނިވަންކަމާއެކު ދިރިއުޅުމުގެ ފުރުސަތު ލިބިދިނުމެވެ. ހަމައެހެންމެ އެހެން މީހުންނެކޭ އެއްފަދައިން، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށްވެސް ފުރިހަމަ މިނިވަންކަމާއެކު ދިރިއުޅުމާއި، ދިރިއުޅުމުގެ ހުރިހާ ދާއިރާއެއްގައި އެންމެ ފުރިހަމައަށް ބައިވެރިވުމުގެ ހައްގު ހޯދައިދީ، އެކަމަށް މަގުފަހިކޮށްދިނުމުގެ ގޮތުން، އިމާރާތްތަކާއި، މަގުތަކާއި، ދަތުރުފަތުރުގެ ވަސީލަތްތަކާއި، މައުލޫމާތާއި، މުއާސަލާތީ ވަސީލަތްތަކާއި، މިނޫންވެސް އާންމުންނަށް ލިބިދޭ ނުވަތަ އާންމުންނަށް ހުޅުވައިލެވިފައިވާ ވަސީލަތްތަކާއި ހިދުމަތްތައް ފަސޭހައިން ބޭނުންކުރެވުން ނުވަތަ ލިބިދިނުމަކީ ވެސް ގާނުނުގެ މައުގަނޑު މަގުސަދެކެވެ. ނަމަވެސް ހަގީގަތަކީ މިއިން އެއްވެސް ކަމެއް ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ނުވަތަ ފަރާތްތަކަށް މަދުން ނޫނީ ފުރިހަމަ ނުވާ ކަމެވެ.

މިދިޔަ މުއްދަތުގެ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ މީޙުންނަށް ދެވުނު ބޯހިޔާވަހިކަމެއް ނެތެވެ. 2000ރ އެހީއެއް ނަމައެއްގައި ދިން ނަމަވެސް އެއިންވާ ފައިދާއެއް ނެތެވެ. ހަފްތާއަކު އެތައް ފަހަރަކު ޑޮކްޓަރަށް ދައްކަން ޖެހޭއިރު 2000ރ އިން އެކަން ނުފެދޭނެކަން ސަރުކާރުގެ އިސް ފަރާތްތަކަށް ހަމަ ހަގީގަތުގައި ވެސް ގަބޫލު ކުރެވޭނެމަ ނުވަތަ ނުކުޅެދުންތެރިކަން ހުންނަ މީޙުން ތަހަންމަލް ކުރަން ޖެހޭ ކަންކަން އިހިސާސް ކުރެވޭނަމަ ދައުލަތުންދޭ އެހީ ބޮޑުކުރީސްކަން ހަމަ ޔަގީނެވެ.

ހަގީގަތަކީ ނުކުޅެދޭ މީހުންނަށް އެހީވާނެ ވާހަކަ އެ މީހުންނަށް ހިލޭ ބޯހިޔާވަހިކަން ދޭނެ ވާހަކަ މިއީ ހުސް ސިޔާސީ ވާހަކައެވެ. އަމަލީ ސިފައެއް އަންނާނެ ވާހަކައެއް ނޫނެވެ. ނުވަތަ ގެންނާނެ ވާހަކައެއް ނޫނެވެ. ނަމުގައި ގާނޫނެއް ގެނެސްދިނުން ފިޔަވައި ކޮށްދެވުނު ހަމައެއް ކަމެއް ވެސް ނެތެވެ. މިއީ ބަޔަކު މީޙުން ގަބޫލު ކުރިޔަސް އަދި ނުކުރިޔަސް ހަމަ ހަގީގަތެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: