ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޯހިޔާވަހިކަމަށްވެސް އޮތީ ޝަކުވާކުރުން!

ސީލައިފް އިން ފުލެޓް ގަތުމަށް ފައިސާ ދެއްކި މީހުން ކުރި މުޒާހަރާއެއްގެ ތެރެއިން: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ސަރުކާރުން ދައުލަތުގެ ނިޝާންޖެހި ލިޔުމަކުން ފުލެޓު ލިބޭނެކަން އޮތީ ބައެއް މީހުންނަށް އަންގާފައެވެ. އޭރުވެސް އޮތީ އިންތިހާއަށް ޝަކުވާއެވެ. އޭރުގެ ސަރުކާރުން ބޮޑެތި ގޯސްތަކެއް ހަދައި ވަކިބަޔަކަށް ފްލެޓްތައް ދީފައިވާ ކަމުގެ ޝަކުވާއެވެ. މިސަރުކާރުން އެމައްސަލަ ބެލުމަށްފަހު ނެރުނު ލިސްޓުގައިވެސް އޭގެން ބައެއް މީހުން ޝަރުޠު ހަމަވާކަމަށް އެބައޮތެވެ. އެކަމަކު ފުލެޓު ދިނުމަށް ކަނޑައެޅި އަދަދުގެ ތެރޭގައި ނުހިމެނެއެވެ. ވީއިރު ދައުލަތަކުން އާއްމު ރައްޔިތަކަށް ދިނުމަށް އެއްބަސްވި އެއްޗެއް ދޭންނުޖެހޭނީ އެކަމުގައި ގޯހެއް އޮވެގެނެވެ. އެއްބަޔެއްގެ ވިސްނުންހުރީ އެފަދަ ގޮތަކަށެވެ. ހަމަ ޝަކުވާއެވެ. ހައްލެއްނެތެވެ. އޮޅުން ބޮޅުން އަރާފައި އޮތް ކަންވާރު ރޯލެއް ކަހަލަ ކަމެކެވެ.

އިންސާފުން ފްލެޓް ދޭން ބުނެ ވެރިކަމަށް އައި މީހުން ކުރީގަ ވެރިކަން ކުރި މީހުންނަށްވުރެ ނުބައި އަދި މަކަރުވެރި ވެގެންނުވާނެއެވެ. އެންމެ ކުރިއްސުރެ ދަފްތަރުގައި ތިބި މީހުންގެ ގޯތި ގެދޮރުގެ ހާލަތުބަލާފަ ގޯތި ދިނުމަކީވެސް ހަމަ ރަނގަޅު ގޮތަކަށްވެދާނެއެވެ. ނޫނީ ރާއްޖޭގެ އެއްވެސްތަނެއްގައި ދެމަފިރިންކުރެ މީހަކަށް ވާރުތައިންވެސް ލިބިފައޮތް ތަނެއް ނެތްނަމަ އެބަޔަކަށްވެސް އިސްކަންދެވިދާނެއެވެ. އޭގެ ބަދަލުގައި ގިނަ ފަހަރު ކަންކަން މިނިމެނީ ގޯތިގެދޮރު ހުރި މީހުން ލިސްޓުތަކުގައި ހިމެނި ފްލެޓު ލިބިގެނެއެވެ. އެއީ އިންސާފެއް ކަމަކަށް ނުބެލެވޭނެއެވެ. މިކަންކަން އިންސާފް ވެރިކޮށް ކުރަން އެއްވެސް ސަރުކާރަކުން ވިސްނާ ހެނެއް ހިޔެއްނުވެއެވެ.

ދެން ކުއްލި އަކަށް އައީ ކޮތަރުކޮށި ގްރޫޕެކެވެ. ގިނައިން ތިބީ މިދިއަ ސަރުކާރުން ފްލެޓު ދީފައިވަނިކޮށް މިސަރުކާރުން އަތުލި މީހުންނެވެ. ދެން މަސައްކަތް ހިނގާނެ ގޮތެއްވެސް ވިސްނާލަންޖެހެއެވެ. ތި ގުރޫޕުން ތިޔަ ކުރާ މަސައްކަތުން ވަކި އިންސާފުވެރިވާނެ ކަމަކަށް ނުބެލެއެވެ. ފްލެޓް ލިބެން ނުޖެހޭ އެއްވެސް މީހަކު މިޤައުމުގައި ނުހުންނާނެއެވެ. ކަންކަން ނިންމާނީ ސަރުކާރުން ބެލުމަށްފަހުއެވެ. އެހެންވީމާ ކޮންމެހެން ގުރޫޕް ހައްދަވާނެ ކަމެއް ނެތެވެ. އެބޭފުޅެއްގެ ހައްޤުގެ ވާހަކަ އެބޭފުޅަކު އަމިއްލައަށް ވެސް ދެއްކޭނެއެވެ. ގިނަ ފަހަރަށް ތިޔަ ކަހަލަ ކަންކަން ނިމެނީ ސިޔާސީ ގޭސްގަނޑަކުންނެވެ.

ކުރިން ނަމަ މުޢިއްޒު ލައްވާ ފްލެޓް ލިޔުން ބެހީއެވެ. މިހާރު މިއުޅެނީ، އޭގެ ސަބަބުން އުފެދުނު ފިތުނައެވެ. ދެން މިއުޅެނީ އޭގެ ފައިދާ ނަގައިގެން އަނެއްކާ އެހެން ހަރުފަތަކަށް ދެވޭތޯއެވެ. މޭޔަރުކަމަށް ވޯޓު ހޯއްދަވަން ވެގެން މާލެއިން ފްލެޓްގެ ވާހަކަ ފަށާ ރާއްޖޭގެ ހުރިހައި ދިމާލަކުން، މާލެ ސަރަޙައްދަށް މީހުން ޖަމާކުރެވޭތޯއެވެ. މާލޭގައި މާލޭ ރައްޔިތުން ބިކަވީއެވެ. ދުޢާ އަކީ ﷲ ފިތުނަވެރިންގެ ފިތުނަ، ނެތި ކުރައްވައި، ފިތުނަވެރިން ނިކަމެތި ކުރައްވައި، ބަލިކުރެއްވުމެވެ.

ޔާމީނާއި ސޯލިޙްގެ ސަރުކާރުންވެސް ސޯޝަލް ހައުސިންގ ސްކީމްގެ ކަންކަން އިންސާފުވެރިކަމާއިއެކު ކުރާން ބޭނުމެއް ނުވެއެވެ. އެހެން ނޫންނަމަ ފްލެޓަށް އެދޭފަރާތްތަކުން ފުރާންޖެހޭ ފޯމް އާންމުކޮށް ގެޒެޓްކޮށް އަދި މި ދެންނެވި ފޯމަށް ދޮގު މައުލޫމާތު ދިނުމާއި އެފަދަ ކަމަކަށް އެހީތެރިވެދިނުމާއި އަދި ކަނޑައެޅިގެން ދޮގު މައުލޫމާތުކަން އެނގިހުރެ ސައްޙަ މައުލޫމާތުކަމަށް ހެކި ދިންމީހާގެ މައްޗަށްވެސް ޖިނާޢީ ދައުވާ ކުރެވޭނެ ކަމަށް ފޯމްގައި ލިޔެ އެގޮތަށް އަމަލު ކުރާނަމަ މިހާރު ހިނގާ ކިތަންމެކަމެއް ހުއްޓުވޭނެއެވެ.

ރާއްޖޭގައި ހަރުދަނާ ޢަދުލުގެ ނިޒާމެއް އޮތްނަމަ، ތިޔަ ޔާމީން ނުހައްޤުން ފްލެޓް ދިންމީހުން މިހާރު ތިބޭނީ ޖަލުގައެވެ. އަދި ފްލެޓް ހޯދަން ދޮގުމަޢުލޫމާތު ދިން މީހުންނަށްވެސް މަކަރާ ހީލަތުގެ ދައުވާކޮށް ޖަލަށް ލާންޖެހޭނެއެވެ. މިއީ ބޮޑެތިކުށްތަކެވެ. އެކަމަކު ރާއްޖޭގައި ދޮގުމައުލޫމާތު ދީގެން ފްލެޓާއި ގެ ހޯދަނީ ބިރެއްނެތިއެވެ. އަދަބު ނުލިބޭނެކަން އެނގި އަދި އެގޮތުން ހޯދާ މުދާވެސް އަތުނުލާނެކަން ޔަގީންވާތީވެ.

ސިޔާސީ ޖަމިއްޔާއެއް ހެދުމަކީ ފުލެޓް ލިބުމެއްނޫނެވެ. އަދި އިންސާފު ލިބުމެއްވެސް ނޫނެވެ. ފުލެޓު ހައްގުވެރީންނަކީ ކޮބައިތޯ ރަނގަޅަށް ބަލަންޖެހެއެވެ. ރައީސް ޔާމިން ވެރިކަމުގައި 750 ފުލެޓު ދިނީ ހައްގުވެރީންނަށްތޯވެސް ޔަގީންކުރަންޖެހެއެވެ. ސިޔާސީ މީހުންގެ އާއިލާތަކާއި އަދި އެމީހުން ކައިރީގައި ތިބި ބަޔަކަށް ދިނުމަކީ ހައްލެއް ނޫނެވެ. ބޮޑު ނާއިންސާފެކެވެ. މައުލޫމާތު އޮޅުވާލުމާއި ވަކިބަޔަކާއި ގުޅިގެންނޫން ގޮތަކަށް މި ފުލެޓުތަކެއް ނުލިބޭނެއެވެ. ފުލެޓަކީ ހައްގުވެރީންނަށް ލިބޭނޭ އެއްޗެއް ނޫންކަށް ޔަގީނެވެ. އެމީހުންގެ ފަސްބައި ރަނގަޅަށް ބަލާލާށެވެ.

ޖަމީއްޔާގެ މަޤުސަދުތަކުގެ ތެރޭގައި “ޙައްޤު ހޯދާދިނުން” ހިމެނޭތީ ޙައްޤަށް ހުރަސްއެޅި މަކަރުވެރިކަމުގެ ތެރެއިން އެހެން މީހުންގެ ޙައްޤަށް އުނިކަން ލިބިދާނެ ކަންކަން ޤާނޫނީ އިމުގެ ތެރެއިން ހުއްޓުވާންވެސް މަސައްކަތް ކުރާންވާނެއެވެ. މިގޮތުން ސޯޝަލް ހައުސިންގ ސްކީމްގެ ފްލެޓް ތަކަށާއި، ދިރިއުޅުމަށް ދައުލަތުން ދޫކުރާ ބިންތަކަށް އެދި ހުށަހަޅާ ފޯމަށް ދޮގު މައުލޫމާތު ދިނުމަކީ ޖިނާޢީ ކުށެއްކަމަށް ހެދުމަށް ވެސް ބާރު އަޅާންވާނެއެވެ. އޭރުން ގިނަ މައްސަލަތަކެއްގެ ހައްލުލިބޭނެއެވެ. އަބަދު ކުރަންޖެހޭ ޝަކުވާއަށް ނިމުމެއް ގެނެވޭނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: