ބ. ފެހެންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ ބޮޑުބައެއް ނިންމާލައިފިއެވެ.
މީޑިޔާތަކަށް މައުލޫމާތުދެމުން މަޝްރޫއު ކުރިއަށް ގެންދާ ކުންފުނި އެމްޓީސީސީއިން ބުނީ މަސައްކަތުގެ 62 ޕަސެންޓް ނިމިފައިވާކަމަށެވެ. އަދި އެއްގަމު ތޮށީގެ ކޮންކްރީޓް މަސައްކަތްތަކުގެ 40 ޕަސެންޓް ނިމިފައިވާކަމަށެވެ.
މި މަޝްރޫޢުގެ ދަށުން، 18،500 ކިއުބިކް މީޓަރުގެ ބަނދަރަށް އަލަށް އިތުރުކުރެވޭ ސަރަޙައްދު ފުންކުރުމާއި، 25،000 ކިއުބިކް މީޓަރުގެ ނެރަށް ވަންނަ ސަރަޙައްދު ފުންކުރުމާއި، 214 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމާއި، 130 މީޓަރުގެ ސަރަޙައްދެއްގައި ބޭރު ތޮށިލުމާއި، 282 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުން ހިމެނެއެވެ. އަދި މަގުބައްތި އާއި ނެރު ބައްތި ހަރުކުރުމާއި، 558 އަކަ މީޓަރު ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުން ހިމެނެއެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން މިކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުއަކީ 45.1 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަޝްރޫޢު މޮބިލައިޒްކުރެވިފައިވަނީ 10 ނޮވެމްބަރ 2019 ގައެވެ.

